Advertisement

ކޮވިޑް-19: މި ރާއްޖެ ނުހުއްޓޭ: މެންބަރު ޝަހީމް

28 May 2020 | 14:30

މި ރާއްޖެ ނުހުއްޓޭ ކަމަށާއި ރާއްޖެދަނީ ބާރަށް ކުރިއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލް ޙަކީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 41 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތައް ހީކުރިގޮތާއި ހިލާފަށް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަންނަނީ ހާލަތާއި ގުޅެގޮތަށް ރައްޔިތުންނަށް ކަންކަން ފަހިކޮށްދެމުންކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މި ރާއްޖެ ނުހުއްޓޭ. މި ރާއްޖެ ދާނީ ކުރިއަށް ބާރަށް" މެންބަރު ޝަހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަންނަނީ ރައްޔިތުންނަށްޓަކައި މަސައްކަތްތަކެއް ކޮށްދެއްވަމުންކަން އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ފުރަބަންދުގެ ހާލަތުގައި މަހަކާއި ގާތްކުރާހާދުވަހު އޮތުމަށްފަހު މާދަމާ ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ރާއްޖެ ފުރަބަންދަށް ދިޔުމާއެކު މުޅި ރާއްޖެ ހުއްޓުމަކަށް އައިސްފައިވާ އިރު ވިޔަފާރިތަކާއި، ދަތުރުފަތުރުކުރުން ވަނީ ހުއްޓިފައެވެ. އިޤްތިސާދީ ގޮތުން ޤައުމު ހުއްޓުމުގެ އިތުރުން ސްކޫލް ތަކުގެ ކިޔެވުމާއި އޮފީސްތައްވެސް ވަނީ ބަންދުކުރެވިފައެވެ.

މެންބަރު އަބްދުﷲ ޝަހީމް ރާއްޖެ ނުހުއްޓޭކަމަށް ވިދާޅުވެފައިވާއިރު، 9 މާޗް 2020 ގައި ބޭއްވުނު މަޖިލިސް ޖަލްސާއިގައި ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮވިޑް-19 އަކީ އެހޭ ބޮޑު ނުރައްކަލެއް ނޫން ކަމުގައާއި ބަޔަކު އެއާމެދު މާބޮޑަށް ބިރު އުފައްދަން އުޅޭ ކަމުގައި ވިދާޅުވެފައިވާ ބޭފުޅެކެވެ.

ހަމަ އެ ޖަލްސާގައި ޝަމީމް ވަނީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި، ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އެއަށްވުރެ ބޮޑު ގެއްލުމެއްގެ ތެރެއަށް ވެއްޓުމަކީ ރަނގަޅު ގޮތެއް ނޫން ކަމުގައި ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް