ހާލަތަށް ބެލުމަށްފަހު ރާއްޖެއިން ބޭރަށް ކެއަރޕެކޭޖްތައް ފޮނުވުމާއި މެދު ގޮތެއް ނިންމާނަން: ފޮރިން މިނިސްޓްރީ

27 May 2020 | 18:48

ދިވެހިރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ބޭނުންވާނެ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ކެއަރ ޕެކޭޖްތައް ފޮނުވުމުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލެވުނީ މާލެ ލޮކްޑައުނަކަށް ދިއުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއިން ބޭރުގައި މިވަގުތުވެސް ގިނަ އަދަަދެއްގެ ދިވެހިން ވަނީ ގައުމަށް އަންނަ ބޭނުންވެފައި ވީނަމަވެސް ފްލައިޓްތައް ނެތުމުގެ ސަބަބުން އާދެވޭގޮތް ނުވެ ތާށިވެފައެވެ. މީގެ ތެރޭގައި އެގައުމުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ފަތުރުވެރިންގެ ގޮތުގައި އެގައުމުތަކަށް ޒިޔާރަތްކުރި ފަރާތްތައްވެސް ހިމެނެއެވެ. މިފަދަ ފަރާތްތަކުން އެގައުމުތަކުގައި އުޅެމުންދާއިރު، މީގެ ތެރެއިން ބައެއް ފަރާތްތަކަށް މާލީގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާތައްވެސް ދަނީ ލިބެމުންނެވެ.

އެގޮތުން ފަތުރުވެރިކަމަށާއި ސިއްހީ ފަރުވާއަށް މެލޭޝިޔާ އަދި ސްރީލަންކާއަށް ގޮސް ތިއްބާ އެގައުމުތަކުގައި ތާށިވި މީހުން ކެއިން ބުއިމަށާއި ތިބޭ ތަންތަނަަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭކަން ފާހަގަކޮަށްލެވެއެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ މޯލްޑިވިއަން މެދުވެރިކޮށް އާއިލާތަކުން ފޮނުވި ކެއަރ ޕެކޭޖްތައްވެސް ހޯދާފައެވެ. 

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ބޭރުގައި ތިބި ފަރާތްތަކުގެ ތެރެއިން ހާލުގައި ޖެހޭ ފަރާތްތަކަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މިފަދައިން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުން އުޅެމުންދާ ގައުމުގައި ހުރި ނުވަތަ އެންމެ ގާތުގައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަށް އެކަން އެންގުމަށް އެބޭފުޅާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިއުވާން އިތުރަށް ވިދާޅުވީ ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖްތައް ފޮނުވުން މިވަގުތަށް ހުއްޓާލާފައިވަނީ މާލެ ލޮކްޑައުންގައި އޮތުމުން ކަމަށެވެ. އަދި ހާލަތަށް ބެލުމަށްފަހު ކެއަރ ޕެކޭޖްތައް އަލުން ފޮނުވުމާއި މެދު ގޮތެއް ނިންމާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މީގެ އިތުރުން ބޭރު ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ގެންނަން ވީ މިންވަރަކުން ފްލައިޓްތައް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މިއުވާން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް