ޖޫންމަހުގެ 29ވަނަ ދުވަހާއި ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި

28 May 2020 | 06:14

މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ޖޫން މަހުގެ 29ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

މި މުއްދަތު އިތުރުކުރިކަން އިއުލާންކޮށްފައިވަނީ ރޭ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ސޮއިކުރައްވާ ނެރުއްވި ގަރާރެއްގައެވެ. މިއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ހާލަތަށް ރިއާޔަތްކޮށް ގިނަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އެގޮތުން މިހާރުވެސް ވަނީ މާލެ ލޮކްޑައުންއަށް ގެންގޮސް، ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ފަދަ ކަންކަން ހުއްޓުވާފައެވެ.

ނަމަވެސް މިހާރު ރާއްޖެއިން މި ބަލި ފެންނަ އަދަދު މަދުވުމާއި ގުޅިގެން މިފަދަ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށާނެކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޯވިޑްގެ ރާޅު ބޮޑުނުވީ ހަރުދަނާ، ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާތީ ކަމަށެވެ.

ފުރަބަންދަށް ދެވޭލުއިތަކާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ލުއި ދޭނީ ދެ ހަފުތާ އަށް ކަމަށެވެ. މީގެތެރޭގައި މީހުންނަށް ބޭރަށް ނުކުމެވޭ ގޮތް އިތުރަށް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ފުރަބަންދަށް ލުއިތަކެއް ދޭން ނިންމި ނަމަވެސް އެއްރަށުން އަނެއް ރަށައް ދަތުރުނުކުރެވޭނެ ކަމަށެވެ. އަދި މާލޭގެ މިސްކިތްތައް އަދިވެސް ބަންދުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ސެލޫންތަކާއި ޖިމްތަކާއި ސްކޫލްތައް އަދި ރެސްޓޯރަންޓް ކެފޭތަކާއި، މާލެ ސިޓީގެ ޕާކުތައް، ބީޗްތައް ފުރަތަމަ ފިޔަވަހީގައި ނުހުޅުވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ލުއިތަކުގެ ތެރޭގައި ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، އަދި ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ޚިދުމަތް ދެވޭގޮތް ހަމަޖެއްސުމާއި، މާލޭގެ މަސްމާރުކޭޓު މާދަމާ އިން ފެށިގެން ހުޅުވާލުމާއި، ކަނޑައަޅާފައިވާ ވިޔަފާރިތަކަށް އޮންލައިންކޮށް ވިޔަފާރިކޮށް، ޑެލިވަރީ ކުރުމުގެ ފުރުޞަތު ދިނުމާއި، ވޯކްޝޮޕް ފަދަ ތަންތަން ހުޅުވަން ހުއްދަ ދިނުމާއި އަދި މާލެ ސަރަހައްދުގެ ގޭބިސީތަކުން ބޭރަށް ނުމުކެވޭ މީހުންގެ ޢަދަދަދާއި، ވަގުތާއި އަދި އުޅެވޭނެ ޒޯނުތައް އިތުރުވެގެން ދާނެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މި ގައިޑްލައިންގެ ތެރޭގައި ތިބޭ ނަމަ ސިއްހީ ދާއިރާ އަށް ނުކަތާ ވަރަށް ބަލި ކޮންޓްރޯލުން ނުނެއްޓޭނެ ކަމަށެވެ.

Advertisement

ކޮމެންޓް