Advertisement

ރަށު ބަންދާއެކު ވަޑިންގެ އާމްދަނީ ހުއްޓި ބޮޑެތި ދަތިތަކެއްކުރިމަތިވަނީ!

29 May 2020 | 05:23

ދިވެހިރާއްޖޭގެ ރަށްތަކުގެ ވަޒަންވެރިންނަކީ ކިތަންމެ މީސްކޮޅު މަދުކަމުގައިވިޔަސް، އެކި އެކި ފަންނުތަކުގައި އަރާތިބި ބައެކެވެ. ޒަމާނަށް އައި ބަދަލުތަކާއި އެކު މީގެ ތެރެއިން ބައެއް ފަންނުތައް އުވިގެން ގޮސްފައިވީނަމަވެސް، މިއަދާއި ހަމައަށްވެސް ހިންމަތާއި އެކު ދެމިއޮތް އެއް ފަންނަކީ ވަޑާންކުރުމާއި އޮޑިދޯނިފަހަރު ބަނުމެވެ. މިކަމަށް ޚާއްސަވެފައިވާ އަތޮޅެއްގެ ގޮތުގައި ރ.އަތޮޅު އޮތްއިރު، ރ.އިނގުރައިދޫ ވަޑިންގެ ހުނަރުވެރިކަމާއި މޮޅުކަމުގެ ވާހަކައަކީ ގިނަބަޔަކު އަހާ ވާހަކައެވެ.

އިހުގެ ދުވަސްތަކުގައި ރ.އަތޮޅުގެ ވަޑިންނަކީ އޮޑިދޯނިފަހަރު ބަނުންފަދަ ކަންކަމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް އުޅުނު ބައެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް އައި ބަދަލުތަކަކާއި އެކު، އެ ފަރާތްތައް ވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށެވެ. އެގޮތުން ސަފާރީބޯޓުތަކާއި ރިސޯޓްތަކުގައި ވަޑާމުގެ މުހިންމު މަސައްކަތްތަކެއް ކޮށްގެން ރ.އަތޮޅާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ވަޑިން ބޮޑު އާމްދަނީއެއް ހޯދައެވެ.

ނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވަޑިންގެ އާމްދަނީއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރަށްރަށުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓި، އިގްތިސާދީ ހަރަކާތްތައް މަޑުޖެހިފައިވުމުގެ ސަބަބުން މިފަރާތްތަކަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ވަނީ މަދުވެފައެވެ. 

މުޅި ދިވެހިރާއްޖެ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ ނިއު ނޯމަލްއަކާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ވަޑިންވެސް ދަނީ މި ނިއު ނޯމަލްގައި އެފަރާތްތަކުގެ ހިއްސާވެސް އޮންނަން ވާނެކަމަށް ބުނަމުންނެވެ. ވޮއިސްއަށް ވާހަކަދެއްކި ވަޑިއަކު ބުނިގޮތުގައި މާލޭގަައި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުއްދަ ނަގައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިދޭ ފަދައިން ރަށްރަށުގެ ވަޑިންނަށްވެސް މާލެ އައިސް ކަރަންޓީން ފުރިހަމަކުރުމަށްފަހު މަސައްކަތްކުރުމުގެ ހުއްދަ ލިބުމަކީ އެފަރާތްތަކުގެ އުންމީދެކެވެ.

އެ ވަޑި އިތުރަށް ބުނިގޮތުގައި ހުޅުމާލެ އަދި ތިލަފުއްޓަކީ ވަޑާންކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ދެރަށެވެ. މި ދެރަށުންނާއި ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީތަކުންވެސް ގިނަ ވަޑިންނަށް މަސައްކަތްތައް ލިބެމުންދާއިރު، އެފަރާތްތަކަށް މާލެއަށް އައިސްގެން މެނުވީ މި މަސައްކަތްތައް ކުރެވެން ނެތްކަމަށްވެސް ވަނީ ބުނެފައެވެ. އަދި ބައެއް ރިސޯޓްތަކުން މިހާރުވެސް ކުރަމުންދާ މަރާމާތުގެ މަސައްކަތްތަކުގައި ވަޑިންގެ ބޮޑު ހިއްސާއެއްވާކަމަށް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަދި އިތުރު ވަޑިންގެ އެހީތަކަށް ގިނަ ރިސޯޓްތަކުން އެދެމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދީގޮތުން ދަތި ހާލަތެއް މުޅި ގައުމު ތަހައްމަލްކުރަމުންދާއިރު، ވަޑާންކުރުންފަދަ ހުނަރުވެރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކަށް ދަނީ މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންނެވެ. ގައުމު އަލުން ހުޅުވާލާއިރު މިފަރާތްތަކުގެ އާމްދަނީގެ މަގުތައް ހުޅުވާލުމަކީވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ. ނޫންނަމަ އެއީ އަނެއްކާވެސް އިތުރު ބަޔަކަށް ލިބޭނެ ގެއްލުމެކެވެ.

Advertisement

ކޮމެންޓް