ސިފައިންނަށް ރައްޔިތުންކުރާ އިތުބާރާއި އިހްތިރާމްގެ ކްރެޑިޓް މާރިޔާ ދެއްވީ ރައީސް ޞާލިހަށް!

30 May 2020 | 05:35

ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިހްތިރާމު ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްވެ ވަޑައިގެންނެވި ވައުދުފުޅު ފުއްދިއްޖެ ކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިއާ މިހެން ވިދާޅުވީ، ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސިފައިންގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް އެމްއެންޑީއެފްގެ މީޑިއާއިން ތައްޔާރު ކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ރިޓްވީޓް ކުރައްވަމުންނެވެ.

މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމުގެ ހުވާ ކުރައްވާފައި، ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި، އިހުތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި މިއަދު ސިފައިންނާއި ގުޅޭގޮތުން ރައްޔިތުން ހިއްސާ ކުރާ އިހުސާސްތަކުން ރައީސް ގެ މިވައުދު ފުއްދިއްޖެކަމަށް ޤަބޫލު ކުރެވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާގެ މި ޓުވީޓަށް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމަނާއަކީ އެމްޑީޕީ އިދިކޮޅުގައި ހަރަކާތްތެރިވާ ކޮންމެ ފަހަރަކު ދިފާއީ ބާރުގެ އަގު ވައްޓާލައި، އެތައް ވާހަކަތަކެއް ދައްކަވާފައިވާ ބޭފުޅެކެވެ. އެގޮތުން 3 ނޮވެންބަރު 1988 ގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިން ވި ގުރުބާނީގެ އަގު ވަޒަންނުކޮށް އެއީ ފިނޑި ބައެއްގޮތުގައި ވަނީ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ޕްރޭޑަށް ހުރަސް އަޅައި، ބާޢީންއަށް ގޮވައި އެތަކެއް ފުރައްސާރައެއް ކުރުމުގައި އަމަލީ ގޮތުން މިނިސްޓަރ މާރީޔާ ވަނީ 2012 ގެ އެމްޑީޕީގެ ވެރިކަން ވެއްޓުމުން ބައިވެރިވެފައެވެ.

ސިފައިންނާއި ރައްޔިތުންވެސް ބަދަލެއްނުވޭ. ބަދަލުވަނީ އޭރުގެ ސަރުކާރައި އޮޕޮޒިޝަން: ކެޕްޓަން އިހުސާން

ދިފާއީ ވަޒީރު މާރިޔާ ދީދީ ދިވެހި ސިފައިންނާއި ގުޅޭ ގޮތުން ދެއްކެވި ވާހަކައަކަށް ކުރިން ސިފައިންގޭގެ ކެޕްޓަނެއްގެ މަޤާމުގައި ހުންނެވި  އަލީ އިހުސާން ވަރުގަދަ ރައްދެއް ވަނީ ދެއްވާފައެވެ.

މިވާހަކަތަކަށް ރައްދު ދެއްވާ އިހުސާން ވިދާޅުވީ ސިފައިން ބަދަލު ނުވާކަމަށެވެ. އަދި ރައްޔިތުންވެސް ބަދަލު ނުވާ ކަމަށާއި، ސިފައިން ދެއްވާ ހިދުމަތްތައްވެސް ބަދަލު ނުވާ ކަމަށެވެ. އިހުސާން ވިދާޅުވި ގޮތުގައި ބަދަލުވަނީ އޭރުގެ ސަރުކާރާއި އޮޕޮޒިޝަން ކަމަށެވެ. އަދި އެ ބަދަލާއި އެކު ސިފައިންނަށް ފާޅުގައި މުހާތަބު ކުރެވޭ ގޮތް ބަދަލުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސިފައިން ކުރަމުން އަންނަ ޤައުމީ ހިދުމަތުގެ އަގު ދިވެހި ރައްޔިތުން އަންނަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީސް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ފާޅުކުރަމުންނެވެ.

ދިވެހި ސިފައިން ކޮވިޑް- 19 އާއި ގުޅިގެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނައިރު، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންނަށް ހިދުމަތް ދިނުމުގައި ވެސް ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮވިޑާއި ގުޅިގެން މަރުވާ މީހުން ހިނަވައި ވަޅުލުމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާނެތަކެތި ޑެލިވަރީ ކުރުމުގައިވެސް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އާއިލާއާއި ދުރުގައި އެތަކެއް ދުވަސް ވަންދެން ޤައުމީ ހިދުމަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންއިރު އޭގެ ތެރެއިން 60 ވުރެ ގިނަ ސިފައިންނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

Advertisement

ކޮމެންޓް

Advertisement