Advertisement

ވަޒީފާއަށް ދިއުމުގެ ހުއްދަ ލިބޭނީ ޕެންޝަން ސްކީމްގައި ރަޖިސްޓަރވެފައިވާ މުވައްޒަފުންނަށް އެކަނި!

30 May 2020 | 13:13

މާލޭސިޓީގެ ލޮކްޑައުންގެ ހާލަތަށް ލުއިދިނުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ދެވޭއިރު، އެ ހުއްދަ ލިބޭނީ ޕެންޝަން ސްކީމްގައި ރަޖިސްޓަރވެފައިވާ މުވައްޒަފުންނަށް އެކަނިކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މި ދުވަސްވަރު ވަޒީފާއަށް ނުކުތުމުގެ ހުއްދަ ދެވޭނީ ކޮންމެ އޮފީހެއް ވަކި އަދަދެއް ކަނޑައަޅައިގެންނެވެ.

އެގޮތުން މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މަދު ނަމަ ހުއްދަ ދޭނީ ދެ މުވައްޒަފުންނަށެވެ. އަދި މުވައްޒަފުންގެ އަދަދު 10 އާއި 30 އާ ދެމެދު ނަމަ ހުއްދަ ދެވޭނީ ފަސް މުވައްޒަފުންނަށްކަމަށާއި، އެ އަދަދު 30 އަށް ވުރެ ގިނަ ނަމަ، އޮފީހަށް ނުކުންނަށް ހުއްދަ ދޫކުރާނީ 20 ޕަސެންޓު މީހުންނަށްކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މިފަދައިން ވަޒީފާއަށް ދިއުމަށް ހުއްދަ ދޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓަރކޮށްފައިވާ މުވައްޒަފުންނަށެވެ.

އަދި ޕެންޝަން އޮފީހުގައި ރަޖިސްޓަރ ކޮށްފައިވާ މުވައްޒަފަކު ނެތްނަމަ، އެ ހުއްދަ ދޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނެރޭނަމަ އެ ކުންފުންޏަކީ ބިދޭސީން ރެގިއުލަރައިޒް ކުރާ ޕްރޮގްރާމްގައި ރަޖިސްޓަރވެފައިވާ ކުންފުންޏަކަށް ވާންޖެހެއެވެ. އަދި ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަކީވެސް ރަޖިސްޓަރވެފައިވާ ބަޔަކަށް ވާންޖެހެއެވެ.

Advertisement

ކޮމެންޓް