Advertisement

ސްޓެލްކޯއިން ތެޔޮ ގަންނަ އަގު ހެޔޮކުރުމަށް މަސައްކަތްކުރަނީ

30 May 2020 | 19:32

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ތެޔޮ ގަންނަ އަގު ހެޔޮކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިއަދު މެންދުރުފަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މި ދުވަސްވަރު ތެލުގެ އަގު ހެޔޮވެފައިވާކަމަށެވެ.

އަދި މީގެކުރިން ތެލުގެ އަގު ބޮޑު ދުވަސްވަރެއްވެސް ދިޔަކަމަށާއި، ނަމަވެސް އޭރުވެސް ކަރަންޓް ބިލްގެ އަގު ބޮޑުކޮށްފައި ނުވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ތެޔޮ އެތެރެކުރާ ކުންފުންޏެއް ނޫންކަމަށާއި، އެކުންފުންޏަކީ ކަނޑައެޅިފަައިވާ އަގެއްގައި އެހެން ކުންފުންޏެއްގެ އަތުން ތެޔޮ ގަންނަ ފަރާތެއް ކަމަށެވެ.

ނަމަވެސް މި ހާލަތާއި ގުޅިގެން ތެޔޮ ގަންނަ އަގު ހެޔޮކުރުމަށް ތެޔޮ ވިއްކާ ކުންފުންޏާއި އެކު ވާހަކަދައްކަމުން އަންނަކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން އެބޭފުޅާ ވަނީ ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށާއި ކަރަންޓް ބިލްގެ އަގު ހެޔޮކުރުމަށް ދުރު ރާސްތާގައި އޮތް ގޮތަކީ އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ކަމަށް ވިދާޅުވެ، އެކަމަށް ކަންތައްތަކެއް ކުރަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްޓެލްކޯއިން ތެޔޮ ގަންނަނީ އެސްޓީއޯ މެދުވެރިކޮށެވެ. އެސްޓީއޯއިން ތެޔޮ ވިއްކާނެ ވަކި އަގެއް ކަނޑައަޅާފައިވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަޔަސް ސްޓެލްކޯއަށް ތެޔޮ ވިއްކާ އަގަށް ބަދަލެއް ނާދެއެވެ.

Advertisement

ކޮމެންޓް