16 އަހަރުނުވާ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

01 Jun 2020 | 00:17

16 އަހަރުނުވާ އަންހެންކުއްޖަކު އޮޅުވާލައިގެން މާލެ ގެނެސް، ބްލެކްމެއިލްކޮށް ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 16 އަހަރު ނުވާ ކުއްޖަކު އޮޅުވާލައިގެން މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް 2020 މެއި 28 ވަނަ ދުވަހުގެ ފަތިހު 05:37 ހާއިރު ހުށައެޅުނުކަމަށެވެ.

މި މައްސަލަ ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލޭގެ ގެސްޓް ހައުސް އެއްގެ ތެރެއިންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރުކަމަށް ވަނީ ބުނެފައެވެ.

މިއާއިއެކު އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައާ ގުޅިގެން ތަހްޤީޤުގައި މިހާތަނަށް ބެލިބެލުމުން އެ އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއްކައިރިއަށް ކުއްޖާ އެކަނިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯރޑް އޮންނަ މީހެކެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަހްޤީޤް ކުރަމުންނެވެ.

Advertisement

ކޮމެންޓް