އެއާޕޯޓްގެ ހީވާގި ފަޔަރ ފައިޓަރުންނަށް އައްސަރިބަހާއި ސާބަސް!

01 Jun 2020 | 19:14

ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުނުކަން ޔަގީންވި ހިސާބުން ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެކު ސަރުކާރުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ މާލެ ލޮކްޑައުންކުރުމެވެ. މާލެ ލޮކްޑައުންކޮށް، ޚާއްސަ ހުއްދައަކާއި ނުލައި މެނުވީ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށްފައިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔައެވެ. އޭގެ ކުރިންވެސް ބައިނަލްއަގްވާމީ ވައިގެ އުދުހުންތަކަށް އެރި ލޮޅުމާއި އެކު އެއާޕޯޓްގެ ގިނަ ކަންތައްތައް އޮތީ ހުއްޓިފައެވެ.

ނަމަވެސް މި ހާލަތުގައިވެސް އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުގެ ސަބަބުން އެއާޕޯޓްގެ މަސައްކަތަށް ނުކުންނަން ޖެހުނު ބައެއް މުވައްޒަފުން އެބަތިއްބެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބަޔަކަށް ވާނީ މޯލްޑިވްސް އެއާޕޯޓް ރެސްކިޔު އެންޑް ފަޔަރ ފައިޓިންގ ސާރވިސްގެ ހީވާގި ފަހުލަވާނުންނެވެ.

ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރާއި ބެހޭގޮތުން މުހިންމު ޚަބަރުތައް ގެނެސްދޭ ފޭސްބުކް ޕޭޖެއްކަމުގައިވާ އޭވިއޭޓާރސް މޯލްޑިވްސްއިން ބުނިގޮތުގައި ފަޔަރ ފައިޓަރުންގެ ޓީމްގެ ބައެއް މެންބަރުން 40އަށްވުރެ ގިނަ ދުވަސް ވަންދެން ގެއަށް ނުގޮސް އެއާޕޯޓުގައި އެބަތިއްބެވެ. އެފަރާތްތަކަށް ގައުމަށްޓަކައި ފްރަންްޓްލައިންގައި ތިބެ ކޮށްދޭން ޖެހޭ މަސައްކަތް އެހާވެސް މުހިންމެވެ.

އޭވިއޭޓާރސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި މި ޓީމުން މިދުވަސްވަދު ކުރާ މައިގަނޑު އެއް މަަސައްކަތަކީ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތައް ޑީކޮންޓެމިނޭޓް ކުރުމުގެ މަސައްކަތެވެ. މިގޮތުން ސީޕްލޭންތައްވެސް ހިމެނޭގޮތުން ކްރޫއިންނާއި ފަސިންޖަރުންގެ ސަލާމަތަށްޓަކައި ގިނަ ބޯޓުފަހަރުތައް އެއްވެސް ވަރުބަލިކަމެއް އަދި ޝަކުވާއެއް ނެތި މި ފަރާތްތަކުން ދަނީ ޑީކޮންޓެމިނޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވޮއިސްގެ ޓީމްގެ ނަމުގައި މޯލްޑިވްސް އެއާޕޯޓް ރެސްކިޔު އެންޑް ފަޔަރ ފައިޓިންގ ސާރވިސްގެ ހީވާގި ފަހުލަވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ! ތިޔަ ފަރާތްތަކުން ތިކުރައްވާ މަސައްކަތަކީ އަގުނުކުރެވޭނެފަދަ މުހިންމުކަމެކެވެ. 

Advertisement

ކޮމެންޓް

Advertisement