ދުވަސްވީ މީހުން ކަސްރަތުކުރުމަށް ބޭރަށް ދާއިރު އެމީހުންނާއި އެކު އެހެނިހެން ފަރާތްތައް ބޭރަށް ނުދާން އިލްތިމާސްކޮށްފި

01 Jun 2020 | 08:51

މާލޭގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ލުއިދިނުމުގެ ތެރެއިން އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ހެނދުނުގައި ކަސްރަތު ކުރަންދެވޭ ވަގުތުގައި އެފަރާތްތަކާއި އެކު އެހެން ފަރާތްތައް ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސް ކޮށްފިއެވެ.

ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުން ނިކުންނަން ހަމަޖެހިފައިވާ ގަޑީގައި ކުރެވޭ ނޭދެވޭ ބައެއް ކަންތައްތައް ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން އެގަޑީގައި އެފަރާތްތައް ކަސްރަތަށް ނުކުންނަން ހަމަޖެހިފައިވީނަމަވެސް، އެފަރާތްތަކާއި އެކު އެހެން އުމުރުފުރާގެ ފަރާތްތައްވެސް ނުކުމެ ހަދާކަން ފާހަގަކުރެވިފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. މީގެ ތެރޭގައި ބައެއްފަހަރު ކުޑަކުދިން ހިމެނޭކަންވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. 

އެ ގަޑީގައި އެހެން އުމުރުފުރާގެ ފަރާތްތަކުން ނުކުމެ އުޅުމަކީ ރައްކާތެރި އަދި އެދެވިގެންވާ ގޮތެއް ނޫންކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅާ ވަނީ އުމުރުން ދުވަސްވީ ފަރާތްތައް ކަސްރަތު ކުރައްވާހިނދު، މާސްކް އެޅުމަކީ އެހާ ރަނގަޅު ގޮތެއް ނޫންކަމަށް ހާމަކުރައްވާފައެވެ. ޑރ.އަފްޒަލް ވިދާޅުވީ ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތައް ނުވަތަ ނޭވާލާން އުނދަގޫ ފަރާތްތަކުން ކަސްރަތު ކުރާއިރު މާސްކް އެޅުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫންކަމަށެވެ.

ސަބަބަކީ ފުއްޕާމެއާއި އަދި ހަށިގަނޑުގެ ހާލަތަށް ބަލާއިރު ފަހަރެއްގައި އާންމުކޮށް ކުރާ ވަރަށް ވުރެ ބޮޑަށް ހަށިގަނޑަށް ބާރުލުމުގެ ސަބަބުން ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބުމުގެ ދަތިކަން ދިމާވެދާނެތީކަމަށްވެސް ވިދާޅުވިއެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް