Advertisement

ނ.ވެލިދޫ ރައްޔިތުންގެ ފަރާތުން އިރުފުށި ކަރަންޓީން ފެސިލިޓީއަށް ރޭގަނޑުގެ ކެއުމެއް ހަދިޔާކޮށްފި

01 Jun 2020 | 15:51

ކޮވިޑް-19 އާއި ގުޅިގެން ދަ ސަން ސިޔާމް އިރުފުށި ރިސޯޓްގައި ކަރަންޓީންކޮށްފައިވާ ފަރާތްތަކާއި އެ ފެސިލިޓީގެ މުވައްޒަފުންނަށް ނ.ވެލިދޫގެ ރައްޔިތުންގެ ފަރާތުން ރޭގަނޑުގެ ކެއުމެއް ހަދިޔާކޮށްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ނ.ވެލިދޫގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާއެއްކަމަށްވާ ކުޑަކަންމަތި ނިއު ޖެނެރޭޝަން (ކޭއެންޖީ)ގެ ފަރާތުން އިސްނަގައިގެންނެވެ. ކޭއެންޖީއަކީ އެރަށުގައި ބާއްވާ އިޖްތިމާއީ ގިނަ ކަންކަމާއި ކުޅިވަރުތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތައް ރާވާ ކުޅެމުންދާ ބައެކެވެ.

އެފަރާތުން މައުލޫމާތުދިން ގޮތުގައި އިރުފުށި ކަރަންޓީން ފެސިލިޓީއަށް ރޭގަނޑުގެ ކެއުމެއް ހަދިޔާކުރުމުގެ މަގްސަދަކީ ވެލިދޫގެ ރައްޔިތުންނަކީ ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައިވެސް އެއްބައިވަންތަކަން މަތީ ތިބި ބައެއްކަން އަންގައިދިނުމެވެ. މިފަރާތްތަކުން 240 މީހުންނަށް ފޯރުކޮށްދިން ރޭގަނޑުގެ ކެއުން ކަރަންޓީން ފެސިލިޓީގެ ފަރާތުން ހެޔޮހިތުން ބަލައިގަތުމުން ކޭއެންޖީން ވަނީ އެކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މި ރޭގަނޑުގެ ކެއުން ފޯރުކޮށްދިނުމަށް އިރުފުއްޓަށް ކުރި ދަތުރުގައި ނ.ވެލިދޫ ރަށު ކައުންސިލްގެ ރައީސާ އަސްމާ ހުސައިން އަދި ވެލިދޫ އެސްއެސްޑީގެ ފަރާތުން މުހައްމަދު އަލީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޭއެންޖީގެ ފަރާތުން ވަނީ މި މުހިންމު ހަރަކާތް އިންތިޒާމް ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން އެނެކް މޯލްޑިވްސް އަދި ކޮންކޯޑް ގްރޫޕަށް ބޮޑު ޝުކުރެއް އަދާކޮށްފައެވެ.

Advertisement

ކޮމެންޓް