ނަސްލީ ތަފާތުކުރުންތަކަކީ "ގުދުރަތީ" ކަމެއްތަ؟

01 Jun 2020 | 18:59

މި ދުވަސްވަރު ދުނިޔޭގެ މީޑިޔާތަކުންނާއި މީސް މީޑިޔާގެ މަންސަތަކުގައި އެންމެ ގަދައަަށް ދެކެވެނީ އެމެރިކާގެ މިނިއަޕޮލިސް ޝަހަރުގައި މަރުވި ޖޯޖް ފްލޮއިޑްގެ ވާހަކައެވެ. ފުލުހެއްގެ އަނިޔާގެ ސަބަބުން ދުނިޔެއިން ވަކިވާން ޖެހުނު ކަޅު ނަސްލުގެ މީހުންގެ ލިސްޓަށް އިތުރުވި ނަމެކެވެ. އޭނާގެ ފަހު ވަގުތުތަކުގެ ވީޑިޔޯ ދައުރުވަމުންދާއިރު، އޭގައި އޭނާގެ ކަރުގެ މައްޗަށް ފުލުހުންގެ އޮފިސަރެއް ފައިލައިގެން ހުރެއެވެ. އެވަގުތުގައިވެސް ޖޯޖް ދިޔައީ އޭނާގެ ނޭވާ ހާސްވަމުންދާ ކަމަށާއި އޭނާ މަރުވަމުންދާކަމަށް ބުނެފައެވެ.

މި ހުރިހާކަމެއް ވެގެންދިޔައީ އޭނާ މާބޮޑު ކުށެއް ކޮށްގެންވެސް ނޫނެވެ. ކުރެވުނު ހަމައެކަނި ތުހުމަތަކީ ފިހާރައަކުން ގަތް ސިނގިރޭޓު ފޮއްޓަކަށް ވަގު ނޫޓަކުން ފައިސާ ދައްކަން އުޅުނު ކަމަށެވެ. އެހެނަސް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ލިބިގެންދިޔަ އަނިޔާގެ ސަބަބުން ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހުނީއެވެ. މި މަރާއިއެކު ޖޯޖްއަށް އިންސާފު ހޯދައިދޭން ގޮވާލައި، އެމެރިކާގެ މުއައްސަސާތަކުން އެގައުމުގެ ކަޅު ނަސްލުގެ މީހުންނާއި މެދު ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތުތައް ހުއްޓާލުމަށް ގޮވާލައި އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ ހޫނު މުޒާހަރާތަކެއް ކުރަން ފަށާފައެވެ.

ބަވަނަވެފައިވާ މިދުނިޔޭގައި މިއަދު އެބައިމީހުންނާއި އެކު އެތައް މިލިޔަން ބަޔަކު ގޮވާލަމުން މިދަނީ ހަމަ އެއް ވާހަކައެކެވެ. ބްލެކް ލައިވްސް މެޓާރއެވެ.

މި ހަރަކާތާއި މުޒާހަރާތަކުގެ ފޯރި އިތުރަށް ގަދަވެފައިވާ ދަނޑިވަޅެއްގައި، އަދި ނަސްލީ ގުޅުންތަކާއި މެދު ރާއްޖޭގެ މީސް މީޑިޔާގައިވެސް ވަރަށް ގަދަޔަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައި ހަނދާންވަނީ ޑިގްރީގެ ފުރަތަމަ އަހަރު ދިމާވި ކަމެއްގެ މަތިންނެވެ. އަދުގެ ހާލަތާއި ކުޑަކޮށް ގުޅޭތީ ހިއްސާކޮށްލަން ހިތަށް އެރީއެވެ.

އަޅުގަނޑުގެ ޑިގްރީގެ ފުރަތަމަ އަހަރު ކިޔަވަން ޖެހުނު އެއް މާއްދާއަކީ "ކޮންޓެމްޕަރަރީ ސޯޝިއޮލޮޖީ އިން ގަ ގްލޯބަލް އޭޖް" އެވެ. ވަރަށް ޝައުގުވެރި ގޮތަކަށް، ޒަމާނީ ދުނިޔެއެއްގައި އިޖްތިމާއީ ކަންތައްތައް އޮތް ގޮތުގެ ވާހަކަ ކިޔައިދޭ މާއްދާއެކެވެ. މިގޮތުން މި މާއްދާގައި ދެވަނައަށް ކިޔަވަން ޖެހުނު ފިލާވަޅަކީ ރޭސް ނުވަތަ ނަސްލުތަކުގެ ވާހަކައެވެ. އެ ފިލާވަޅުން ނިކަމެތި އަޅުގަނޑަށް އެނގުނު މުހިންމު އެއްޗެއް ކިޔައިދެވޭތޯ މަސައްކަތްކުރާނަމެވެ. ފަހަރުގައި މިއީ ބައެއް ފަރާތްތައް ގަބޫލުފުޅު ނުވާ ވާހަކައަކަށްވެސް ވެދާނެއެވެ.

1700ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ސައިންސްވެެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ވަނީ ނަސްލުތައް ވަކިކުރާނެ ނިޒާމެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިފަދައިން ކަނޑައެޅުނު އެއް ނިޒާމު އުފެއްދެވީ ކައުންޓް ޖޯސެފް އާތަރ ޑި ގޮބިނޯ (1816-62)އެވެ. މި ނިޒާމުން އިންސާނިއްޔަތު ބަހާލެވިގެން ދިޔައީ ތިން ގިންތިއަކަށެވެ. ބޭރުފުށުން ފެންނަން ހުރި ސިފަތަކުގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ ދޮން (ކޯކޭޝިއަން)، ކަޅު (ނީގްރޮއިޑް) އަދި ރީނދޫ (މޮންގްލޮއިޑް)ގެ އުސޫލުންނެވެ. އެހެނަސް ކައުންޓް ޖޯސެފް އާތަރ ޑި ގޮބިނޯ އުފެއްދި މި ނިޒާމުން ބޭރުފުށުން ފެންނަ ތަފާތުތަކަށް އެކަނި ރިއާޔަތްކުރަން ބޭނުން ނުވިއެވެ.

މިއާއި އެކު ތަފާތު ނަސްލުގެ ފަރާތްތަކަށް ނިސްބަތްކޮށް، އެތެރެފުށުން ފެންނާނެ މިވެނި ސިފައަކީ މިވެނި ނަސްލެއްގެ މީހުންގެ ކިބައިން ފެންނާނެ ކަންތައްތައްކަމަށް ކަނޑައެޅިއެވެ. ނިޒާމެއްގެ ތެރެއިން ބަޔަކު ހިތް ރުހޭނެފަދަ ގޮތަކަށް އަހަރުމެންނާއި އެމީހުން އަދި މޮޅު ނަސްލާއި ދެރަ ނަސްލުގެ ފިތުނަވެރި ބައިބައިކުރުންތައް އުފެއްދިއެވެ.

ޑި ގޮބިނޯ ވިދާޅުވި ގޮތުގައި ކޯކޭޝިއަން ނުވަތަ ދޮން ނަސްލުގެ މީހުންނަކީ ވިސްނުންތޫނު، ކަންކަން ރަނގަޅަށް އަދި ހަރުދަނާކޮށް ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ބައެކެވެ. އަދި ނީގްރޮއިޑް ނުވަތަ ކަޅު ނަސްލުގެ މީހުންނަކީ ކަންކަން ރަނގަޅަށް ނުކުރެވޭ، ޖާހިލު އަދި ނުވިސްނޭ ބައެއްގެ ގޮތުގައިވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ހިތަށް އަރައެވެ. މިއީ ފަރަންސޭސިވިލާތުގެ އިލްމުވެރިއަކު މީގެ އެތަކެއް އަހަރުތަކެއް ކުރިން އެކުލަވާލި ނިޒާމެކެވެ. މި ނިޒާމު އޭނާ ކަނޑައެޅީ ހަމުގެ ކުލައަަށް ބަލާފައެވެ. އެހެނަސް މި ނިޒާމާއި މިފަދަ އެތަކެއް ނިޒާމުތަކުގެ މައްޗަށް ބަރޯސާވެގެން މި ދުނިޔެ ހިނގަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. ވަކި ނަސްލެއްގެ ބަޔަކީ މޮޅު ބައެއް ކަމަށްދެކި، އަނެކާއަށް އިންސާނަކަށް ވީތީ އެ ދޭންޖެހޭ ކަރާމާތްވެސް ނުލިބިދަނީއެވެ. ނަސްލީ ތަފާތުކުރުންތަކާއި އެކަމަށް އިދާރާތަކުން ވާގިވެރިވުމަކީ "ނުލިޔެވި އޮތް އުސޫލު" ކަމަށްވެދަނީއެވެ. ތިމާއަށް ދިމާނުވާހާ ހިނދަކު އެކަންކަން ވަރިހަމަކޮށްލައިގެން ބަޔަކު މީހުން ހަމަ ފާޅުގައި ތިބެނީއެވެ.

މި ހުރިހާކަމެއް ވެގެންދަނީ ހަމައެކަނި އެންމެ ކަމެއްގެ މައްޗަށް ރިއާޔަތްކުރާ ހާލުގައެވެ. އެއީ ގުދުރަތީގޮތުން މާތްﷲ ސުބުހާނަހޫ ވަތައާލާ އިންސާނުންނަށް ދެއްވި ހަމުގެ ކުލައަށެވެ. މިގޮތުން މޮޅާއި ދެރަ ކަނޑައެޅުމުގެ ނަތީޖާއަކީ ނަސްލީ ތަފާތުކުރުންތަކަކީވެސް "ގުދުރަތީ" ނުވަތަ އިނގިރޭސިބަހުން ބުނާނަމަ ނެޗުރަލްކަމަކަށް ބައެއް މީހުންނަށް ވެގެންދިޔައީއެވެ. އަނެއް އިންސާނާއަކީ ތިމާއާއި އެއް ފަންތިއެއްގެ މީހަކަށް ނުވެދިޔައީއެވެ.

އެހެންކަމުން އަމިއްލަ ނަފްސާއި ހިތާއި އަބަދުވެސް ސުވާލުކުރެވެއެވެ. ނަސްލީ ތަފާތުތަކުގެ ސަބަބުން ގެންގުޅޭ ތަފާތުކުރުންތަކަކީ "ގުދުރަތީ" ކަމެއްތޯއެވެ؟ ނޫނީ އެއީ އަހަރެމެން އިންސާނުންނަށް ބަޔަކު ވިސްނުވައިދިން އެއްޗެއްތޯއެވެ؟ އެ ސުވާލުގެ ޖަވާބު ލިބޭނީ ޖޯޖް ފްލޮއިޑް ފަދައިން ކިތައް ބަޔަކު ނުރައްކާތެރި ނިޒާމެއްގެ ތެރެއިން ނިމިގެން ގޮސްގެންތޯއެވެ؟

Advertisement

ކޮމެންޓް