ޣައްސާން ވިދާޅުވަނީ ރައީސް ޔާމީންގެ ދިފާއުގައި ރައީސް މައުމޫންއަދި ނުކުންނަވާނެކަމަށް، ރައީސް ނަޝީދު ވިދާޅުވަނީ ނުނިކުންނަވާނެކަމަށް!

01 Jun 2020 | 15:37

މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން ރޫޅުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް އެމަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ނުކުންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ޓްވިޓަރގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)އާއި އެކު ރައްދުކުރެވުނު ބަހުގެ ހަމަލާތަކެއްގެ ތެރެއިންނެވެ.

މިގޮތުން މެންބަރު ވައްޑޭ ވިދާޅުވިގޮތުގައި ރައީސް ޔާމީނަށް ސިޔާސީ ނުފޫޒުން ހުކުމެއް އައިނަމަ ޔަގީނުންވެސް ޣައްސާންގެ ބައްޕާފުޅުކަމުގައިވާ ކުރީގެ ރައީސް މައުމޫން އަދި ބޭބޭފުޅު ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަން ފާހަގަކުރައްވާނެކަމަށް އެބޭފުޅާ ދެކެވަޑައިގަންނަވައެވެ.

މިހެން ވިދާޅުވުމުން ރައްދުގައި ޣައްސާން ވަނީ އެކަން ކޯލިޝަން މުގުރުމުން ފެންނަން ފަށާނެކަމަށާއި، އަދި އެ ދުވަސް ދާދި ކައިރިން ފެންނަ ކަހަލަކަމަށްވެސް ވިދާޅުވިއެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މިކަމަށް ރައްދުދެއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވީޓްކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލީ ނުހައްގުންކަމަށް ރައީސް މައުމޫނަށް ވިދާޅެއް ނުވެވޭނެއެވެ.

Advertisement

ކޮމެންޓް

Advertisement