Advertisement

އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ސާޖެންޓް އެޓް އާމްސް ގުޅިގެން މެންބަރު ޝިޔާމަށް އަނިޔާކުރި: އިދިކޮޅު ކޯލިޝަން

02 Jun 2020 | 03:39

މިރޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާކުރިކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެފަރާތުން މިހެން ބުނެފައިވަނީ މިރޭގެ ހަމަނުޖެހުންތައް ކުށްވެރިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އަންގަވައިގެން ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ޕީ.ޕީ.އެމް. ގެ ނާއިބު ރައީސް އަހްމަދު ޝިޔާމަށް އަނިޔާކޮށްފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާކަމަށެވެ.

ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަނުން ބުނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުން ދެއްވާފައިވާ އިސްތިޝާރީ ލަފައާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ޤާނޫނުއަސާސީ އަށް އިސްލާޙު ގެނައުމަށް ޓަކައި 2020 ޖޫން 1 ވަނަ ދުވަހުގެ ރޭ ދަންވަރު (2 ޖޫން 2020 ގެ 1:30ގައި) ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އެންގެވުމަށް މަޖލީހުގައި ތިބި އެމްޑީޕީ މެންބަރުންނާއި ސަރޖަންޓް އޮފް އާރމްސް ގުޅިގެން މި ކޯލިޝަނަށް ނިސްބަތްވާ، ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ޕީ.ޕީ.އެމް ގެ ނާއިބު ރައީސް އަޙްމަދު ޝިޔާމްގެ ހަށިކޮޅަށް އަތްލާ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ.

އަދި ޤާނޫނާ ޚިލާފަށް ބާއްވަމުން ގެންދާ މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުން ދައްކަވަމުން ގެންދެވި ވާހަކައަކާއި ގުޅިގެން ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަޙްމަދު ޝިޔާމް ނިޒާމާ ބެހޭ މައްސަލައެއް ނެންގެވުމުން އެ މައްސަލައަށް ފުރުޞަތު ދެއްވުމެއް ނެތި، މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް، ވަގުތުން ނަން އިއްވާ އަދި މަޖިލީހުން ނެރުމަށް މަސައްކަތް ކުރިކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. 

އަދި އެމަނިކުފާނު ގައިގައި ތަޅާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އަޑު އެއްސެވިކަމަށް އެތަނުގައި ތިއްބެވި މެންބަރުންވެސް ހެކިވާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަނުޖެހުންތަކުގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯދުމަށް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް މިހާރު ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

Advertisement

ކޮމެންޓް