Advertisement

"ހުރިހާ ޖަނަވާރުން ވެސް ހަމަހަމަ އެވެ. ނަމަވެސް، ބައެއް ޖަނަވާރުން، އެހެން ބައެއް ޖަނާވަރުންނަށް ވުރެ ބޮޑަށް ހަމަހަމައެވެ"

02 Jun 2020 | 09:08

ލިޔުނީ: އަބްދުލް ޣަފޫރު އަބްދުއްރަހީމު

މިއިބާރަތަކީ ޖޯޖް އޯވެލްގެ 'އެނިމަލް ފާމް' (ހައިވާނުންގެ ދަނޑު)، މި ފޮތުން ނެގި، މަޝްހޫރުވެފައިވާ އިބާރާތެކެވެ. މި އިބާރާތް ހަނދާނަށް އައީ މި ދޭތެރެއިން ހިނގި ދެ ހާދިސާއަކާ ގުޅިގެންނެވެ. މި ދެހާދިސާ ވެސް ގުޅެނީ 'ބޮޑު ދެ ބޭފުޅެއްގެ' އަބުރުފުޅާ ބެހުމާއެވެ. މިތަނުން އެއް ބޭފުޅެއްގެ އަބުރުފުޅާ ދެމީހަކު ހަމަ އެކެއްޗެއް ކިޔައި، ބެހުނެވެ. މިދެ މީހުން ކުރެ އެކަކުގެ މައްސަލަ ތަހުގީގުކުރެވޭނެކަމާއި އަދި އެއަށްފަހު، ޝަރީއަތަށް ހުށަހެޅޭނެ ކަމުގެ ވާހަކައެއް ވެސް އިވުނެވެ. މި ކަމާ ބެހޭ ދެވަނަ މީހަކީ 'ބޮޑު ބޭފުޅަކަށް ވުމުން'، އޭނާގެ މައްސަލަ މައްސަލައަކަށް ނުވިއެވެ. ދެވަނަ މައްސަލައިގައި ވެސް ބޮޑު ބޭފުޅެއްގެ އަބުރުފުޅާ ބެހެވުނެވެ. މިފަހަރު ކަންތައްވީ މުޅިން އެހެން ގޮތަކަށެވެ. މިއީ ކުށެއް ކަމުގައި ނުބެލެވުނެވެ. މީގެ އިތުރުން، އަބުރުފުޅާ ބެހެނު މީހާއަށް އިނާމު ވެސް ދެވި، އެކަން އޮބިގެން ދިޔައީއެވެ. އާދެ ގާނޫނާ ގަވާއިދުތަކުގެ ކުރިމަތީގައި ހުރިހާ އެންމެން ވެސް ހަމަހަމަ އެވެ. ނަމަވެސް، ބައެއް މީހުން، އެހެން ބައެއް މީހުންނަށް ވުރެ ބޮޑަށް ހަމަހަމަވަނީއެވެ. އެހެންވެ، އެފަދަ މީހުންނަށް ޚާއްސަ އިމްތިޔާޒުތަކެއް ދެވި، ތަފާތު ގޮތެއްގައި އެމީހުންނާ ދޭތެރޭ މުއާމަލާތްކުރެވެނީއެވެ. މި މައްސަލައިގެ އިތުރު ތަފްސީލު ފަހުން ގެނެސްދެވޭނެއެވެ. އެންމެ ފުރަތަމަ މި ނަންގަތް އިބާރާތުގެ ސިޔާގާއި އޭގެ މާނައަށް ބަލައިލަމާތޯއެވެ

ދެންމެ ނަންގަތް ފަދައިން، މަތީގައި ނަންގަނެވި ދިޔަ އިބާރަތް، (މިހާރު އިނގިރޭސި ބަހުން ބޭނުންކުރެވޭގޮތަށް،) ނެގިފައިވަނީ ޖޯޖް އޯވެލްގެ އެނިމަލް ފާމްއޭ ކިޔުނު ފޮތުންނެވެ. މި ފޮތް ފުރަތަމަ ޝާއިއުކުރެވުނީ 1945ގައެވެ. އެންމެ ފުރަތަމަ، މި އިބާރާތް ޝާއިކުރެވުނީ 1848ގައި އެމެރިކާގެ ދުވަހު ނޫހެއްގައި ކަމުގައި ބުނެވެއެވެ. އެނިމަލް ފާރމް، މި ފޮތަކީ ކޮމިޔުނިސްޓު އަގީދާގެ މައްޗަށް ހިޖާއީ (ސެޓިރިކަލް) ނަޒަރަކުން ބަލާލެވިފައިވާ ވާހަކަ ފޮތެކެވެ. 70ގެ އަހަރުތަކުގައި، އަޅުގަނޑުމެންގެ މަޖީދީ އިސްކޫލު ދުވަސްވަރު، ބަލާލުމުގެ ފުރުސަތު ލިބުނު ފޮތެކެވެ. އާދެ، މިފޮތުގެ ހަނދާނާއި އަދި މިފޮތުން ނެގިފައިވާ، ކުރިން ނަންގަނެވިދިޔަ އިބާރާތުގެ ހަނދާން ވެސް، ދެންމެ އިޝާރަތްކޮށްލި ދެކަން އާކޮށްލަދިނެވެ.

އެނިމަލް ފާމް، މި ފޮތުގައި، ދަނޑުވެރިޔަކަށް އުޅުނު ޖޯންސްގެ ޖަނަވާރުތައް ބަޣާވާތްކޮށް، ޖޯންސްގެ ދަނޑުން އޭނާ ބޭރުކޮށް، އޭނާގެ ދަނޑަށް، ޖަނަވާރުތައް ވެރިވެގަތެވެ. އަދި، ސީދާ ހުރިހާ ޖަނަވާރުތަކެއްގެ ބެލުމުގެ ދަށުން، ދަނޑުގެ މަސައްކަތްކުރަން ނިންމިއެވެ. އިންސާނުންގެ ފައިދާއަށްޓަކައި މަސައްކަތްކުރުމުގެ ބަދަލުގައި، ހުރިހާ ޖަނަވާރުން ވެގެން، އެކުގައި، އެންމެންހައި ޖަނަވާރުންގެ ފައިދާއަށްޓަކައި، މަސައްކަތްކުރުމުގެ ބޭނުމުގައެވެ. އަދި މަސައްކަތްކުރުމަށާއި އެކަތި އަނެއްކެއްޗާ މުއާމަލާތްކުރުމުގައި ގެންގުޅޭނެ މުހިއްމު އުސޫލުތަކެއް ކަނޑައަޅާލިއެވެ. މި އުސޫލުތަކުގެ ތެރޭގައި 'ހުރިހާ ޖަނަވާރުން ވެސް ހަމަހަމަވެގެން ވެއެވެ'، މި މާތް އުސޫލު ހިމެނެއެވެ.

ނަމަވެސް، ދެން ފެނިގެންދިޔައީ، ދަނޑުގެ ލީޑަރުންގެ ގޮތުގައި ތިބި އޫރުކަލޭގެފާނުންގެ ބައިގަނޑު މި އުސޫލުތަކަށް ކުދި ކުދި އިސްލާހުގެންނަން ފެށި ތަނެވެ. އަޅުގަނޑުމެންގެ އިންސާނީ ދުނިޔޭގައި ވެސް، ވެރިންނަށް ތިއްބަވާ ލީޑަރުންގެ މަސްލަހަތާ ގުޅޭ ގޮތަށް، އެ ލީޑަރުންނަށް ފެނިވަޑައި ގެންނެވި ކޮންމެ ހިނދެއްގައި، ގާނޫނާއި ގަވާއިދު ތަންނުދޭ ކަމުގައި ވިޔަސް، ގާނޫނުތަކާއި ގަވާއިދުތައް، އިސްލާހު ކޮށްލެވޭ ފަދައިންނެވެ. ޖަނަވާރުންގެ ލީޑަރުން ކަމުގައިވި އޫރުކަލޭގެފާނުންގެ ބައިގަނޑު ގެންނެވި އިސްލާހުތަކުގެ ތެރޭގައި 'ހުރިހާ ޖަނަވާރުން ވެސް ހަމަހަމަ ވެގެން ވެއެވެ' އޮތް ތަން، 'ހުރިހާ ޖަނަވާރުން ވެސް ހަމަހަމަ އެވެ. ނަމަވެސް، ބައެއް ޖަނަވާރުން އެހެން ބައެއް ޖަނަވާރުންނަށް ވުރެ ބޮޑަށް ހަމަހަމަވެގެން ވެއެވެ'، މި ގޮތަށް ބަދަލުކޮށްލައްވައި އިސްލާހުގެންނެވިއެވެ. އާދެ! މާނައަކީ އުސޫލެއްގެ ގޮތުން ހުރިހާ ޖަނަވާރުން ހަމަހަމަ ކަމުގައި ވިޔަސް، ބައެއް ޚާއްސަ ޖަނަވާރުންނަށް ޚާއްސަ އިމްތިޔާޒުތަކެއް އޮންނާނެއެވެ. އެ ފަދަ ޚާއްސަ ޖަނަވާރުންނާ ދޭތެރޭ ކަންތައްތައް ކުރެވޭނީ އާންމު އާދައިގެ ޖަނަވާރުންނާ ތަފާތުކޮށް، ޚާއްސަ ގަދަރެއް ދެވިގެން، ޚާއްސަ ގޮތެއްގައެވެ!

ދެން މި ވާހަކަތައް ހަނދާންނަށް ގެނުވި ދެ ހާދިސާގެ ވާހަކަ ލިޔެލާނަމެވެ. ކުރިންވެސް ނަންގަތް ފަދައިން، މި ދެހާދިސާ ވެސް ގުޅެނީ ބޮޑު ދެބޭފުޅެއްގެ އަބުރާ ބެހުމާއެވެ. ފުރަތަމަ ހާދިސާ ހިނގާފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. މިކަމާ ގުޅޭ ދެ ވީޑިއޯއެއް ދައުރުވަމުންދެއެވެ. އެއް ވީޑިއޯއެއްގައި މިވާހަކަތައް ދައްކަނީ 'އާދައިގެ' މީހެކެވެ. ދެވަނަ ވީޑިއޯގައި މިވާހަކަ ދައްކަވަނީ މިހާރުގެ 'ވަރަށްވެސް ބޮޑު، ޚާއްސަ ބޭފުޅެކެވެ'. އާދައިގެ މީހާއާއި ބޮޑު ބޭފުޅާގެ ވާހަކަ ހަމަ އެކައްޗެކެވެ. އެ ދެބޭކަލުން ވެސް ބޮޑު ބޭފުޅެއްގެ އިސްތަށިފުޅުގައި ކީރިތި ރަސޫލާއަށް އިހާނަތުގެ ބަސްތައް ރައްދުކުރިކަމުގެ ވާހަކަ ދައްކަވައެވެ. ދެން ކަންތައްވީ ކިހިނެއްތޯއެވެ؟ އާދައިގެ މީހާގެ މައްސަލަ ތަހުގީގުކުރެވި، އޭނާގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ވާހަކައެވެ. ބޮޑު ބޭފުޅެއްގެ އަބުރުފުޅާ ބެހުމުގެ ސަބަބުންނެވެ. ނަމަވެސް، މިހާރުގެ 'ޚާއްސަ ބޮޑު ބޭފުޅާ ވެސް' ހަމަ އާދައިގެ މީހާ ދެއްކި ވާހަކަތައް ހަމަ އެގޮތަށް ދައްކަވާފައިއޮތް ކަމުގައިވިޔަސް، އެކަމާ އަޅައެއް ނުލެވެއެވެ. އާދެ، 'އެންމެންނަކީ ވެސް ހަމަ ހަމަ ބައެކެވެ. ނަމަވެސް ބައެއް މީހުން، އެހެން މީހުންނަށް ވުރެ ބޮޑަށް، ހަމަހަމަވެ، ޚާއްސަވަނީއެވެ. އެހެންވެ، މިގޮތުން ޚާއްސަވާ މީހުން ކުރާ ކުށަކީ ކުށަކަށް ނުވެ، އެފަދަ މީހުންނާ ދޭތެރޭ ތަފާތު ގޮތަކަށް ކަންތައް ކުރެވެން ޖެހެނީއެވެ.

ދެވަނަ ހާދިސާ ވެސް ގުޅެނީ ވަރަށް ބޮޑު ބޭފުޅެއްގެ އަބުރުފުޅާ ބެހުމާއެވެ. އެބޭފުޅާގެ އިސްތަށިފުޅުގައި، ފަސާދައިގެ ބޮޑު އަމަލެއް ހިންގެވިކަމުގެ ތުހުމަތު، އެހެން ބޮޑު ބޭފުޅަކު އެޅުއްވިއެވެ. ރިޝްވަތު ދިނުމުގެ ފަސާދައިގެ އަމަލެކެވެ. މިކަމާ ގުޅޭ ވީޑިއޯ ވެސް ދައުރު ވަމުން ދެއެވެ. މި ތުހުމަތު ކުރެއްވި ބޮޑު ބޭފުޅަކީ ފައިސާއާއި މަގާމުގެ ތަރާދުގެމަތީ ބައިންދައި ކިރާލާއިރު، ވަރަށް ވެސް ބޮޑު ޚާއްސަ ބޭފުޅެކެވެ. މިފަދަ ބޮޑު ތުހުމަތެއްގެ ވާހަކަތައް މި ބޮޑު ބޭފުޅާ ގޮވާލައްވަނީ ވަރަށް ވެސް އަބުރުވެރި ޝަރަފުވެރި މަޖުލިހެއްގައެވެ. އެ މަޖުލިހުގެ ހާޒިރީންނާއި މުޚާތަބުކުރެވޭއިރު، 'އިއްޒަތްތެރި' މި ލަގަބު އިތުރުކުރަން ޖެހޭ، ވަރަށް ވެސް އިއްޒަތްތެރި ބޭފުޅުން ތަކެއްގެ ތެރޭގައި، ވަރަށް ވެސް ފާޅުގޮތެއްގައެވެ. އަދި، މި ފަސާދައިގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ވާހަކަވެސް، މިވާހަކަ ގޮވާލެއްވި ބޮޑު ބޭފުޅާ ވިދާޅުވިއެވެ. ނަތީޖާއަކީ ކޮބާތޯއެވެ؟ މި ޚަބަރާ ގުޅޭ ބައެއް ނޫސްތައް ބުނާގޮތުން، އޭގެ ދުވަސް ކޮޅެއް ފަހުން، ފަސާދައިގެ ވާހަކަ ގޮވާލެއްވި ބޭފުޅާއަށް ހަދިޔާއަކަށް 'ރަށެއް' ލިބިވަޑައިގަތުމެވެ. ބޮޑު ބޭފުޅެއްގެ އިސްތަށިފުޅުގައި ވަރަށް ވެސް ހަޑި ހުތުރު ތުހުމަތެއް އަޅުއްވައި، އެ ބޭފުޅާގެ އަބުރާ ބެހިވަޑައިގެން، އަދި، ރިޝްވަތުގެ މިއަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ކަމަށް، އަބުރުވެރި މަޖުލިހެއްގައި، އެތައް އިއްޒަތްތެރި ބޭފުޅުންގެ ތެރޭގައި އިއުތިރާފުވެވަޑައިގެން ކަމުގައި ވިޔަސް، މިއިން އެއްވެސް ކަމަކީ ތަހުގީގު ކުރެވެން ޖެހޭނޭ ކަމަކަށް ނުވިއެވެ. އާދެ، ޖޯޖް އޯވެލް ލިޔުއްވާ ފަދައިން 'ހުރިހާ ޖަނަވާރުން ވެސް ހަމަހަމަ އެވެ. ނަމަވެސް، ބައެއް ޖަނަވާރުން އަނެއްބައި ޖަނަވާރުންނަށް ވުރެ ބޮޑަށް ހަމަހަމައީއެވެ'. އާދެ، ބައެއް މީހުން ޚާއްސަވެ، ގާނޫނާ ގަވާއިދުތަކުގެ ކުރިމަތީގައި އިސްތިސްނާވެ، އެމީހުންނާ މެދު ޚާއްސަ ގޮތެއްގައި މުއާމަލާތްކުރެވި، އާދައިގެން މީހުންނާ އެމީހުންނާ ތަފާތުކުރެވެނީއެވެ! މިކަމުގެ ސަބަބުން، ހަމަހަމަކުމުގެ އުސޫލު އޮންނަނީ ނަމަކަށެވެ. އެއުސޫލަކީ އެއަށް އަމަލު ނުކުރެވޭ ބޭކާރު އުސޫލެއްގެ ގޮތުގައެވެ. އާދެ، ކަންތައްތައް މިފަދައިން ހިނގާ ނަމަ އަޅުގަނޑުމެންގެ 'ހަގީގީ' ޑިމޮކުރަސީއާއި ކުރިން އޮތް 'ފޭކު' ޑިމޮކުރަސީއާ މާ ބޮޑުތަފާތެއް ނެތެވެ. އޭރުވެސް ފެނުނީ މަހުޒަލީ (ކޮމެޑީ) ތަމްސީލެކެވެ. މިހާރުވެސް މި ފެންނަނީ ހަމަ އެފަދަ މަހުޒަލީ ތަމްސީލެކެވެ. ތަފާތަކީ މުމައްސިލުން، އާދެ، އެކްޓަރުން، ބަދަލުވެފައިވާ ކަމެވެ.

ލިޔުނީ: އަބްދުލް ޣަފޫރު އަބްދުއްރަހީމު

Advertisement

ކޮމެންޓް

Advertisement