ކުރިން ބުނި ތާރީޚަށް ޖީން އެކްސްޕާޓް މެޝިނަށް ލައްވާ ކާޓްރިޖް ނުލިބުމުން ޓެސްޓް ކުރެވޭނެ އެހެން ގޮތްތައް ހޯދަނީ

03 Jun 2020 | 11:43

ޑަބްލިޔުއެޗްއޯގެ ފަރާތުން ހަދިޔާކުރާ ޖީން އެކްސްޕާޓް މެޝިނަށް ލައްވާ ކާޓްރިޖް މީގެކުރިން ބުނި ތާރީޚަށް ނުލިބުމުން ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތައް ހޯދަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިދިޔަ މެއި މަސް ނިމުމާއި ހަމައަށް އެ މެޝިންތަކަށް ލައްވާ ކާޓްރިޖްތައް ލިބެން އޮތް ނަމަވެސް އެ މުއްދަތުގެ ތެރޭގައި ލިބިފައި ނުވާކަމަށެވެ.

އަދި އެ ކާޓްރިޖްތައް ލިބޭނެކަމަށް ބުނާ ތާރީޚް މިހާރު ބަދަލުވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން އެ ތަކެތި ލިބޭނެކަމަށް މިހާރު ލަފާކުރެވިފައިވަނީ އަންނަ މަހަށް ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އިތުރު ސްޓްރެޓަޖީތަކެއް ރާވާނެ ރާއްޖޭގަ ޓެސްޓް ކުރުމުގެ ކަންތައްތަކުގައި. ޖުލައި މަސް އަންނަންދެނެއް ޖީން އެކްސްޕާޓަށް ލައްވާ ކާޓްރިޖްތައް ނުލިބިގެން އަޅުގަނޑުމެން އެގޮތަކަށް ތިބެވޭކަށް ނޯންނާނެ"، މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވަނީ އިރާދަކުރެއްވިއްޔާ މިދިޔަ މެއި މަސް ނިމެންވާއިރަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް މި ބައްޔަށް ޓެސްޓް ކުރެވޭނެގޮތް ހަމަޖެހިގެން ދާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement