މެލޭޝިޔާގެ ވިޔަފާރިވެރިއެއްގެ ދީލަތި އެހީ އަނެއްކާވެސް ރާއްޖެެއަށް: މިފަހަރު 1000 ސެޓް ޕީޕީއީ!

04 Jun 2020 | 18:34

މިހާރު ހަލުވިމިނެއްގައި ފެތުރެމުންދާ ކޮވިޑް-19އާއި ގުޅިގެން މެލޭޝިޔާގެ ވިޔަފާރިވެރިއަކު ދިވެހިރާއްޖެއަށް 1000 ސެޓް ޕީޕީއީ ހަދިޔާކުރައްވައިފިއެވެ.

މި ޕީޕީޕީ ސެޓްތައް ދިވެހިރާއްޖެއަށް ހަދިޔާކުރެއްވީ މެލޭޝިޔާގެ މަޝްހޫރު ލިންބާގް ހޯލްޑިންގގެ ފައުންޑަރ ދާތުކް ވިރާ ލިންގ ކާ ޗޮކްއެވެ. އެބޭފުޅާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވުމަށް ތައްޔާރުވަމުންދާ ގްރޭންޑްއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

ދާތުކް ވިރާ ލިންގ ކާ ޗޮކްގެ ފަރާތުން މިތަކެތި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ހަވާލުކޮށްދެއްވީ ގްރޭންޑްއަރ އިންޓަރނޭޝަނަލްގެ ޑިރެކްޓަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމެވެ.

މި މާސްކްތައް ހަދިޔާކުރެއްވުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ދާތުކް ވިރާ ލިންގ ކާ ޗޮކް ވިދާޅުވީ އަބަދުވެސް އެހީއަށް އެދޭ ފަރާތްތަކަށް އެހީވާން ވާނެކަމަށާއި، އެއީ އަބަދުވެސް ގެންގުޅުއްވާ އުސޫލެއް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެބޭފުޅާ ވަނީ ކޮވިޑް-19 އާއި ގުޅިގެން އަމިއްލަފުޅު ގައުމު ކަމުގައިވާ މެލޭޝިޔާގެ އާންމުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވާ، އެގައުމުގެ ކޮވިޑް-19 ފަންޑަށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދެއްވާފައެވެ.

އެބޭފުޅާ ވަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާ، ސަރުކާރުގެ މަސައްކަތާއި އެކު ދިވެހި އިގްތިސާދު އަލުން ކޮޅަށް ޖަހައި ނެގޭނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement