މަޖިލީހުގެ ރައީސް، އިސްތިއުފާ ދެއްވާ؟
ދިވެހި ދައުލަތުގެ އެއްބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި، 2 ޖޫން 2020 ވަނަ ދުވަހުގެ މެންދަމު 1.30 ގައި ބޭއްވި ޖަލްސާގައި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ޝުޢޫރު ފާޅުކުރައްވަން ފެއްޓެވެމުން، މަޖިލީހުގެ ރައީސް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް، ކުއްލިއަކަށް މެންބަރު ޝިޔާމްގެ ނަން އިއްވެވުމަށްފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވައި، އަދި މެންބަރު ޝިޔާމް ބޭރަށް ނިކުންނެވުމަށް ދެކޮޅު ހެއްދެވުމުން، އެމް.ޑީ.ޕީގެ ބައެއް މެންބަރުން ލައްވާ މެންބަރު ޝިޔާމަށް އަނިޔާކޮށް، މާރާމާރީ ހިންގައި، ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރެފައެވެ.
މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު މަޖިލިސްކުރާ މާލަމުގައި ހިންގާ ސުލޫކީ ކަމަކާގުޅިގެން މަޖިލިސްކުރާ މާލަމުން ބޭރަށް ނެރެންޖެހޭނަމަ ފުރަތަމަ ނަޞޭޙަތް ދެއްވުމަށްފަހު އެކަމެއް ތަކުރާރު ކުރާނަމަ، އޭނާއަށް އިންޒާރު ކުރަންވާނެކަމަށެވެ. އަދި ބޭރަށް ނެރެންޖެހޭނީ އިންޒާރު ދިނުމަށްފަހުވެސް ތަކުރާރުކޮށް އެކަމެއް ކުރަމުންދާނަމަ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާގެ (ބ) ގައިވާގޮތުގެމަތިންނެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަމަލުކުރެއްވީ އެ މާއްދާއާ ޚިލާފަށެވެ. އަދި އިދިކޮޅު ކޯލިޝަނުގެ މެންބަރުން އެ ޖަލްސާގައި ބައިވެރިނުކޮށް، މަޖިލިސްކުރާ މާލަމުގެ ދޮރު ތަޅުލުމަށްފަހު، ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ޙައްޤު ވެސް ވަނީ ނިގުޅައިގަނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައިވާގޮތުން، "ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް" އެވެ. މަޖިލީހުގެ ޤަވާއިދުގެ 3 ވަނަ މާއްދާގައި، މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމަކީ، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަންނަފަދަ އެއްވެސް ޢަމަލެއް ހިންގައިފިނަމަ، ނުވަތަ އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭ އެއްވެސްކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ބަދަލުގައި މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ޙުރުމަތާއި ކަރާމަތާއި ޤަދަރު ކުޑަވާގޮތަށް އަމަލު ކުރައްވާފައެވެ. އަދި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ އެތައްކަމެއް ހިނގަމުންދިޔައިރު، އެކަންކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 3 ވަނަ މާއްދާ ތަންފީޒު ކުރެއްވުމަށް ވެފައިވާ އިހުމާލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި، މަޖިލީހުގެ މެންބަރުންނަށް މާރާމާރީ ހިންގުނީ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ބ) ގައިވާގޮތުގެމަތިން މަޖިލީހުގެ ސަލާމަތީ ކަންކަން ދައުލަތުގެ ސަލާމަތީ ޚިދުމަތްތައް މެދުވެރިކޮށް ފުރިހަމައަށް މަޖިލީހުގެ ރައީސަށް އިންތިޒާމު ކުރެވިފައިނުވާތީއެވެ. ނުވަތަ ކުރައްވާފައި ނުވަތީއެވެ.
މެންބަރު ޝިޔާމްގެ ހަށިކޮޅަށް އަނިޔާކުރުން ހުއްޓުވަށް ޖެހިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގައިވާގޮތުން މަޖިލީހުގެ ރައީސްއަށެވެ. ނަމަވެސް، އެކަން ހުއްޓުވުމުގެ ބަދަލުގައި، ގަދަކަމުން މަޖިލިސްކުރާ މާލަމުން ނެރުމަށް އަމުރުކުރައްވައި، މާރާމާރީ ހިންގާނެގޮތަކަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވިކަމަށް ދަލީލުކުރާ އެތައް ހެކިތަކެއް އެބަހުއްޓެވެ. މާރާމާރީ ހިންގުމުގައި މަޖިލީހުގެ ރައީސްގެ ދައުރެއް އޮތުމަކީ ޖިނާއީ ކުށެކެވެ. އަދި އެއީ، މަޖިލީހުގެ ކަރާމާތާއި ހައިބަތާއި ޤަދަރަށް އުނިކަން އަންނާނޭ ޢަމަލުތަކެކެވެ.
ވީމާ، ރައްޔިތުންގެ މަޖިލީހުގައި، 2 ޖޫން 2020 ވަނަ ދުވަހުގެ މެންދަމު 1.30 ގައި ބޭއްވި ޖަލްސާގައި، މަޖިލީހުގެ ރައީސް ނަޝީދު މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް އަމަލުކޮށްފައިވާތީއާއި، މާރާމާރީ ހިނގާގޮތަށް އަމުރުކޮށްފައިވާތީއާއި، މެންބަރު ޝިޔާމު ބޭރަށް ނެރުމުގެތެރޭގައި މާރާމާރީ ހިންގާފައިވާތީއާއި އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ކުރައްވާފައިނުވާތީއާއި، ޤާނޫނުއަސާސީގެ 105 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ރައްޔިތުންގެ މަޖިލީހާއި މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިފައިވާތީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 3 ވަނަ މާއްދާއަށް އިހުމާލުވެ، މަޖިލީހުގެ ކަރާމާތާއި ޙުރުމަތާއި ޤަދަރު ކުޑަވާގޮތަށް އަމަލުކުރައްވާފައިވާތީއާއި، އިދިކޮޅު ކޯލިޝަނުގެ މެންބަރުންނަށް ލިބެންޖެހޭ ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ޙައްޤު އެ ޖަލްސާގައި ނިގުޅައިގަނެފައިވާތީއާއި މާރާމާރީ ހިންގުމުގައި މަޖިލީހުގެ ރައީސްގެ ދައުރެއް އޮތްކަން ހާމަވާތީއާއި އެކަންކަމަކީ މަޖިލީހުގެ ހައިބަތާއި ޤަދަރަށް އުނިކަން އަންނާނޭ ޢަމަލުތަކަކަށްވާތީއާއި މި މާރާމާރީއާ ގުޅިގެން ޖިނާޢީ ތަޙުޤީޤެއް ކުރަންޖެހޭފަދަ ހެކިތައް ހުރުމާއެކު، މަޖިލީހުގެ ކަރާމަތާއި ގަދަރަށްޓަކައި ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުވާނެޖެހެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists