Advertisement

އަދީބް ބޭސްފަރުވާއަށް އާއިލާއާއި ހަވާލު ކުރަން ނުވޭތޯ؟

15 Nov 2018 | 00:23

މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުޤީގަށް ހޯދަމުންދާ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރ އައިޝަތު ވެލެޒިނީ ކުއްލި ގޮތަކަށް ރާއްޖެއައުމާއެކު އޭނާ މިވަނީ ފުލުހުންގެ ބަންދަށް ގެނެވި ތަގުޤީގު ފެށިފައެވެ.

އެއާ އެކު އެތައް ބައެއްގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ބޮޑު މައްސަލައަކަށް މި މައްސަލަ މިވަނީ ވެފައެވެ.

ރާއްޖެއިން ބޭރުގައި ހިމާޔަތް ހޯދައިގެން އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތަކެއް އޭނާ ވަނީ ދައްކައިފައެވެ.

ހަމަ އެފަދައިން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ވަނީ ވެސް ސުވާލު އުފެދިފައެވެ.

އެހެންކަމުނެ އެތައް ބައެއްގެ ގޮވާލުމާއެކު ފުލުހުން ވަނީ ވެލިޒިނީ ނަފްސާނީ ބައްޔަށް ފަރުވާ ދޭންޖެހޭ މީހެއްކަން ކަށަވަރު ކުރުމަށް ޑޮކްޓަރުންގެ ލަފާ ހޯދަން ނިންމާފައެވެ.

އެއަށްފަހު ފުލުހުން ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ވެލެޒިނީ ފަރުވާއަށް ދޫކޮށް އާއިލާއާއި ހަވާލުކޮށްފައެވެ. އަދި މިއާއެކުވެސް ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މިއީ 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗައް ކަރެކްޝަނުންވެސް ދޭން ޖެހޭ ދުލެއްކަމަށް ގިނަބަޔަކު ދެކެއެވެ.

އަދީބްގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މިހާރުވެސް އޭނާ ވަނީ އެޑްމިޓްކުރެވިފައެވެ. އަދީބްގެ ސިއްހަތާ ބެހޭ އެތަކެއް ސީރިއަސް މައްސަލައެއް ވަނީ އޭނާގެ އަނބިކަނބަލުން ނަޝްވާ މީގެ ކުރިންވެސް ފެންމަތި ކުރައްވާފައެވެ.

ޑޮކްޓަރުން ވެސް ވަނީ އަދީބް ފަރުވާއަށް ބޭރަށް ފޮނުވުމަށް އިރުޝާދުދެއްވާފައެވެ. އަދި ކަރެކްޝަންސް ގެ ބޯޑުން ވެސް ވަނީ އަދީބް ފަރުވާއަށް ދޫކުރުމަށް ނިންމާފައިކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް މިހާތަނަށް ވެސް ކަރެކްޝަންސް އިންވަނީ އަދީބް ގެއަށް ބަދަލުނުކޮށެވެ.

ދައުލަތުގެ ބެލުމުގެދަށުގައި ވާމީހަކަށް ދޭންޖެހޭ އަސާސީ ހައްގަކީ ވަކި މީހަކަށް ވީތީ ނުވަތަ ކޮށްފައިވާ ކުށެއްގެ ގޮތުން ދޭން ޖެހޭ ހައްގެއް ނޫނެވެ.

އެއީ މިއަދު ފުލުހުން ވެސް އެ ދެއްކި އިންސާނިއްޔަތުގެ ސިފައެވެ. ސަރުކާރުގެ މުއައްސަސާތަކުން މިއަދު މިވަނީ އިންސާނީޔަތުކަން ކުރިއަށް ނެރެންޖެހިފައެވެ.

Advertisement

ކޮމެންޓް