ހަމަނުޖެހުން ހިންގިކަމަށް ބުނާ 400 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި

06 Jun 2020 | 23:16

އައިމާ ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރަމުންދިޔަ 400 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

އެކުންފުނީގެ އަމިއްލަ ޚަރަދުގައި ފޮނުވާލާފައިވަނީ އެކުންފުނީގެ ދެ ސައިޓެއްގައި ހަމަނުޖެހުން ހިންގިކަމަށް ބުނެ ބަންގްލަދޭޝް އަދި އިންޑިޔާގެ ރައްޔިތުންތަކެކެވެ. މި ހުރިހާ ފަރާތްތަކަކީވެސް ވޯކް ވިސާގެ ދަށުން އެކުންފުނީގެ ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުންނެވެ.

މީގެ އިތުރުން އެކި ޒަރޫރީ ބޭނުންތަކުގައި ގައުމުތަކަށް އެނބުރި ދާން ބޭނުންވެފަ ތިބި މުވައްޒަފުންތަކެއްވެސް ފޮނުވާލި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 166 އިންޑިޔާ މީހަކު އެ މީހުންގެ ގައުމަށް ވަނީ އެއާ އިންޑިޔާގެ ޗާޓަރ ފްލައިޓެއްގައި ފޮނުވާލާފައެވެ. އަދި ބަންގްލަދޭޝްގެ ބިމާން އެއާލައިންގެ ބޯޓެއް ޗާޓަރުކޮށް އިތުރު 266 މީހަކު މިއަދު މެންދުރުފަހު ވަނީ ބަންގްލަދޭޝްއަށްވެސް ފޮނުވާލެވިފައެވެ.

އެ 432 މީހުން ފޮނުވާލާފައި ވަނީ އެ މީހުންނަށް ދޭންޖެހޭ މުސާރައިގެ އިތުރުން އެ ނޫނަސް ދޭން ޖެހޭ ހުރިހާ އިނާޔަތެއް ދިނުމަށް ފަހުކަމަށް އައިމާ ކޮންސްޓްރަކްޝަނުން ވަނީ ބުނެފައެވެ. އަދި މިކަން އިންޑިޔާއަށް ދިޔަ އެގައުމުގެ ރައްޔިތުން އޮފިޝަލުންގެ ގާތުގައި އޮން-ރެކޯޑް ބުނެފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ދުވަސްތަކެއްކުރިން ތިލަފުށީގައި އައިމާގެ ބިދޭސީ މުވައްޒަފުންތަކެއް ވަނީ ދިރިއުޅުމުގެ ހާލަތު ދަށްވުމުންނާއި މުސާރައިގެ މައްސަލަތަކެއްގެ ސަބަބުން އިހުތިޖާޖުވެސް ކޮށްފައެވެ. މި އިހުތިޖާޖް ހޫނުވެ، ދެ ފުލުހަކަށް ވަނީ ބައެެއް އަނިޔާވެސް ލިބިފައެވެ. މިކަމާއި ގުޅިގެން ހަތް ބިދޭސީއަކު ހައްޔަރުކުރިއެވެ.

އޭގެ ކުރިން އައިމާ ކޮންސްޓްރަކްޝަންގެ ދެ ސައިޓަކަށް އެޕްރީލު މަހުގެ ފަހުކޮޅު ބިދޭސީންތަކެއް ހަމަލާދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެ ސައިޓަށް ހަމަލާދިން ކަމަށްބުނާ ބިދޭސީން ގެނެވުނީ ތިލަފުއްޓަށެވެ.

Advertisement

ކޮމެންޓް