ބަލި ޖެހުމަށްފަހު ދޫކޮށްލާއިރު ދެން ޕީސީއާރް ޓެސްޓް ހަދާނީ ހަމައެކަނި ދިފާއީ ނިޒާމް ދަށް މީހުންގެކަމަށް ބުނެފި

09 Jun 2020 | 11:41

ކޮވިޑް-19 ބަލި ޖެހިގެން އައިސޮލޭޝަނަށް ގެންދެވޭމީހުން ދޫކޮށްލާއިރު، ބަލި ހުރިތޯ ހެދުމަށް ބަލާ ޕީސީއާރް ޓެސްޓް ދެން ހަދާނީ ހަމައެކަނި ދިފާއީ ނިޒާމް ދަށް މީހުންނަށް ކަމަށް ނިންމައިފިއެވެ.

މިކަން ހާމަކުރީ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.ނަޒްލާ މުސްތަފާއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހަކު ބަލިން ރަނގަޅުވާތާ ހަފްތާތަކެއްވާއިރުވެސް، ޕީސީއާރް ޓެސްޓުން އެމީހަކު ޕޮޒިޓިވްކަމަށް ދައްކާ ކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ޕީސީއާރް ޓެސްޓުން ޕޮޒިޓިވް ވުމުގެ މާނައަކީ ވައިރަސް އެކަކު ގައިން އަނެކަކުގެ ގަޔަށް ފޯރާނެކަމުގެ ފުރުސަތު އޮތުމެއް ނޫނެވެ.

ނަޒްލާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އާދައިގެ ރޯގާއެއްގޮތަށް ކޮވިޑް-19 ބަލި ޖެހިއްޖެނަމަ 9 ވަރަކަށް ދުވަހުގެ ތެރޭގައި ހަށިގަނޑުން ވައިރަސް ދާނެ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އަދި އެ ނޫން ކޭސްތަކުގައި 20 ދުވަސްވެސް ނަގާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. 

މި ގެނެވުނު ބަދަލުގެ ސަބަބުން މިހާރުވެސް އޮންނަ އުސޫލުގެ ސަބަބުން 14 ދުވަހުގެ އައިސޮލޭޝަނެއް ފުރިހަމަކުރުމަށް ފަހު، އަލާމާތެއް ނެތްނަމަ އިތުރު ތިން ދުވަހަށްފަހު އިތުރު ޓެސްޓެއް ނަހަދާ ބަލިމީހާ ދޫކޮށްލެވޭނެއެވެ. އަދި ހޮސްޕިޓަލްގައި އެނދުމަތި ކުރެވޭ މީހެއްނަމަ 21 ދުވަސް ހަމަކޮށް، ބަލިން ރަނގަޅުވުމަށްފަހު 3 ދުވަސް ހޭދަކޮށްފައި އެމީހެއް ދޫކޮށްލެވޭނެއެވެ.

"މީގެ ފަހުން ދޫކޮށްލާއިރު ޕީސީއާރް ޓެސްޓެއް ނުހަދާނެ. ނަމަވެސް ދިފާއީ ނިޒާމް ބަލިކަށި މީހުން، ނުވަތަ ބާރުގަދަ ބޭސް ބޭނުންކުރާނަމަ ޕީސީއާރް ޓެސްޓްހަދަމުންދާނެ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement