ރައްޔިތުން ނަޝީދަށް: މިތިބީ ހާލުގައި، ފްލެޓްތައް ހަވާލުކުރޭ!

11 Jun 2020 | 18:53

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ލޯނު އެހީގެ ދަށުން ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ ކޮތަރު ކޮށިތަކެއް އަދި ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިފަކުރެއްވުމުން އޭގެ ރައްދުގައި ގިނަ ރައްޔިތުންތަކެއް ނިކުމެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ހުޅުމާލޭ ފްލެޓްތައް އަޅާފައިވަނީ 500 އަކަފޫޓްގެ ކުދި ކޮތަރު ކޮށިތަކެއްގެ ގޮތަށް ކަމަށެވެ. އަދި އެތަންތަން ހެދުމަށް ޚަރަދުކޮށްފައިވާކަމަށް ބުނަނީ އަކަފޫޓަކަށް 1900 ރުފިޔާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެތަންތަނަށް ކުލީގެ ގޮތުގައި 11،000 ރުފިޔާ ދައްކަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

"ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ. މިއީ އެ ދަރަނި ދަންތުރައިގެ ފޮޓޯ"، ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފޮޓޯއެއް ޓްވީޓްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދު މީގެކުރިންވެސް ޗައިނާއިން ރާއްޖޭގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަކީ ދަރަނީގެ ދަންތުރަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ޓުވީޓައް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ފްލެޓް ހަވާލުކުރުމަށް ރައީސް ނަޝީދަށް ގޮވާލާފައެވެ.

"ކުޑަޔަސް ބޮޑަސް މީހުން ބޭނުން އެބަވޭ ތިތަންތަން ލިބެން. އެހެންވީމަ ބޭކާރު އަނގަ ނުތަޅާ ހަވާލުކޮށްދިނުން ބުއްދިވެރި" ފާތިމަތް މަނިކެ ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

"ރައްޔިތުންނަށް ބޯހިޔާވަހިކަން ކަޝަވަރުކޮށްދޭން އެއްވެސް ސަހަލު ޕްރޮޖެކްޓް އެއް މި ސަރުކާރުން ނުހިންގޭތީ އާއި ރައީސް ޔާމީން ފައްޓަވާފައިވާ މި ޕްރޮޖްކްޓް އަށް މީހުންގެ ތައުރީފް އޮޅެމުންދާތީ. ދޮގާއި އޮޅުވާލުމުން އެޔަށް ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ފީކަޅާކަމެއް" އިތުރު މީހެއްކުރި ޓުވީޓުގައި ބުނެފައިވެއެވެ.

"ހެޔޮނުވާނެ ތިހާ ހާލުގަ ރައްޔިތުން ތަޅުވަން މިއަދުގެ ސަރުކާރުގެ ޒިންމާއެއް ތި ދަންތުރަ އިން ރައްޔިތުން ސަލާމަތްކުރުން، އެނގިތިބެ މިވަރުގެ އަނދަވަޅަކަށް ވައްޓާލަން ފުރުސަތުދޭން ހެޔޮނުވާނެ، މިކަމުގަ އިހުމާލުވި މީހުންގެ މައްސަލަ ނުބަލަނީ ކީއްވެ؟" ލީލާ ނަމުގައި ޓުވީޓު ކުރި މީހެއް ބުނެފައިވެއެވެ.

މި ސަރުކާރު އައުމަށްފަހު އެކި ފަހަރަކު އެކި ބަހަނާ ދެއްކުމަށްފަހު ވަނީ ހިޔާ ޕްރޮޖެކްޓްގެ މަސައްކަތް ލަސްކުރެވިފައެވެ. އެންމެ ފަހުން މި ހަފްތާގައި ހައުސިންގ މިނިސްޓަރ އާތިފާ ވަނީ އަންނަ މަހު ފަހުކޮޅު ފްލެޓް ހަވާލުކުރެވޭނެކަމަށް ވިދާޅުވެ، ފަހުން އެއީ އޮޅުމެއްކަމުގައި ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވީނަމަވެސް ހިޔާ ފްލެޓްގެ ބޮޑު މިނަކީ އެކަމިކުފާނުގެ ވެރިކަމުގައިވެސް އެޅުއްވި ޗައިނާ ފްލެޓްތަކާއި އެއްވަރުގެ ބޮޑުމިނުގެ ފްލެޓްތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ހިޔާ ފްލެޓްގެ ބޮޑު މިނުގައި 720 އަކަ ފޫޓު ހިމެނެއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.

ކުރީގެ ސަރުކާރުގައި ރައީސް ޔާމީން ނިންމާފައިވާ ގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 5،600ރ. ކަމަށް އޭރުގެ ހައުސިންގ މިނިސްޓްރ ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެކަން ހައުސިން މިނިސްޓްރީ އާއި އެޗްޑީސީ އަށް ރައީސް އޮފީހުން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ކޮމެންޓް