މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރާނެކަމަށް އިދިކޮޅުން ބުނެފި

08 Jun 2020 | 04:39

މިއަދު ހެނދުނު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި، 2 ޖޫން ވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް، ކުއްލިއަކަށް ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވެވުމަށްފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވައި، އަދި އެމް.ޑީ.ޕީގެ ބައެއް މެންބަރުން ލައްވާ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގިކަމަށެވެ.

އަދި ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރެލުމަށްފަހު މަޖިލިސްކުރާ މާލަމުގެ ދޮރު ތަޅުލައި، އަދި މެންބަރު އަޙުމަދު ޝިޔާމުގެ ޙާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ޙައްޤުވެސް އެބޭފުޅާ ނިގުޅައިގަނެފައިވާކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި، "ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް" ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 3 ވަނަ މާއްދާގައި، މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ވެސް ބަޔާންކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އެ މަސްއޫލިއްޔަތު އަދާ ނުކުރައްވައި، މަޖިލީހުގެ ޙުރުމަތާއި ކަރާމަތާއި ޤަދަރު ކުޑަވާގޮތަށް އަމަލު ކުރައްވާފައިވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މިއާއި އެކު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ޤާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީވެ،އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު އަޙްމަދު ޝިޔާމުގެ ސިއްޙީ ޙާލުކޮޅު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާޢީ ތަހްޤީޤެއް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވާނެކަމަށް ވަނީ ބުނެފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ޖޮއިންޓް ޕާޓީގެ ނިންމުން ވަރަށް އަވަހަށް ހާމަކުރާނެކަމަށްވެސް ބަޔާން ނިންމާލަމުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް