މަލާމާތުގެ ބަހެއްގެ ގޮތުގައި "އޯޓިޒަމް" ބޭނުން ނުކުރާށެވެ!

09 Jun 2020 | 12:28

އަޅުގަނޑުމެން ދިރިއުޅެމުން މިދާ މުޖުތަމައުގައި ދިރިއުޅުމުގެ ކަންތައްތައް ތަފާތު ގޮތްގޮތަށް ހުރި ފަރާތްތައް އެބަ އުޅެއެވެ. ބައެއް މީހުންނަކީ އެއްވެސް ފަރާތެއްގެ ޚާއްސަ ސަމާލުކަމެއް ނެތި، އާންމު ދިރިއުޅުމެއްގައި ދުވަސްތައް ވޭތުކުރެވިދާނެފަދަ މީހުންނެވެ. އެހެނަސް، ބައެއް ފަރާތްތަކަކީ މުޖުތަމައުގެ އަފްރާދުންގެ ލޯތްބާއި އަޅާލުން އިންތިހާއަށް އެކި ގޮތްގޮތަށް ބޭނުންވާ ފަރާތްތަކެކެވެ.

މީގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ އޯޓިޒަމް ހާލަތާއި އެކު ދިރިއުޅެމުންދާ ލޮބުވެތި ތުއްތު ކުދިންނެވެ. އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ ކަމެކެވެ. އާންމު ގޮތެއްގައި އޯޓިޒަމް ތިބޭ ކުދިންނަކީ އެހެން ފަރާތްތަކާއި އަޅާބަލާއިރު ބައެއް ކަންކަން އެހާ ފަސޭހައިން ނުކުރެވި ދާ ކުދިންނެވެ. އެހެން ނަމަވެސް، މުޖުތަމައުއާއި ވަކިން ޚާއްސަކޮށް އާއިލާގެ ލޯތްބާއި އަޅާލުމާއި އެކު އެކުދިންވެސް ދަނީ އާންމު ދިރިއުޅުމަކަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ވަރަށް ގިނައިން އެ ކުދިންނަކީ އެހެނިހެން ކަންކަމަށް މޮޅު ހުނަރު ހުންނަ ކުދިންކަންވެސް ފާހަގަވެގެންދެއެވެ.

އެ ކުދިންނަށް މުޅި މުޖުތަމައުގެ ލޯތްބާއި އަޅާާލުން ބޭނުންވާއިރު، މިއަދުވެސް ހިތާމައާއި އެކު ފެންނަ އެއް މަންޒަރަކީ މުޖުތަމައުގެ އެހެން އަފްރާދުންނާއި އެއް ހަމައެއްގައި އެކުދިންނާއި މެދު ފިކުރު ނުކުރާ މަދުބަޔަކު އުޅެމުންދާ ކަމެވެ. އެގޮތުން މިހާރުވެސް މީހަކު ދަށްކޮށްލުމުގެ ގޮތުން ބައެއް ފަހަރަށް އެމީހާއަކީ "އޯޓިސްޓިކް" މީހެކޭ ބުނެވޭ ފަހަރުތައް މަދުމަދުން އަންނަމުންދާ ކަމީ ހިތާމަ ހުރި ކަމެކެވެ.

ދާދިފަހުން ހިނގައިދިޔަ މިފަދަ އެއް ހާދިސާއެއް ހިއްސާކޮށްލާނަމެވެ. ފޭސްބުކްގައި ކުރެވުނު ސިޔާސީ ޕޯސްޓެއްގެ ކޮމެންޓް ބައިގައި މިފަހަރު ލިބިގެންދިޔައީ "އޯޓިޒަމް" ވެރިކަމެއްކަމަށާއި، ހަމައިގައި ހުރި އެކަކުވެސް ނުފެންނަކަމަށް މީހަކު ބުނެލީއެވެ. އެއަށް ތަރުހީބުދީ އެހެން މީހަކުވެސް ވަނީ މިއީ "އޯޓިސްޓިކް" ސަރުކާރެއް ކަމަށާއި، މަރާލައި ނައްތާލުނުލެވޭނެތީ ފިޒިއޯ އަދި ބޭސް ދީގެން ކެތްކޮށްލުން ނޫންކަމެއް ނެތްކަމަށް ބުންޏެވެ. 

ތެދެކެވެ. ސިޔާސީ ގޮތުން ވަރަށް ގިނަ ކަންކަމުގައި ތަފާތު ޚިޔާލުތައް މި ދިވެހި ގައުމުގައި އުޅެއެވެ. ނަމަވެސް ސިޔާސީ ކަންކަމުގައިވެސް އަދި އެހެނިހެން ކަންކަމުގައިވެސް މަލާމާތުގެ ބަހެއްގެ ގޮތުގައި އޯޓިޒަމް ބޭނުންކޮށް އުޅެނީ ކީއްވެގެން ތޯއެވެ؟ އެކުދިންނަކީ ވަކި ދަށް ފަންތިއެއްގެ ބައެއް ނޫނެވެ. އެ ކުދިންނަކީ އާއިލާގެ ލޯތްބާއި ބުރަ މަސައްކަތާއި އެކު ހިންމަތާއި އެކު އާންމު ދިރިއުޅުމަކާއިގެން ކުރިއަށްދާން މަސައްކަތްކުރާ ކުދިންކޮޅެކެވެ.

މިފަދައިން ބަޔަކު ދަށްކޮށްލަން ބުނާ ބަހެއްގައިވެސް އޯޓިޒަމް ހިމެނުމުން އެއީ އެކުދިންނަށް ކުރެވޭ ހިތްދަތި މަލާމާތެކެވެ. އެކުދިންގެ އާއިލާތަކަށް ދެވޭ ނަފްސާނީ ވަރުގަދަ ޒަޚަމެކެވެ.

އެ ސިޔާސީ ޕޯސްޓަށް ކުރެވުނު ކޮމެންޓްތަކާއި އެކުވެސް ވެގެންެދިޔައީ ހަމަ އެފަދައިންނެވެ. އެ ބަސްތަކަކީ ސަރުކާރަށް އަމާޒުކުރި ބަސްތަކެއް ކަމުގައިވިޔަސް، އޭގެ ބުރަކަން އިހުސާސް ކުރެވުނީ އޯޓިޒަމް ހުންނަ ކުދިންނަށް ހޭހަންކޮށްދޭން މި ދުވަސްވަރުވެސް މަސައްކަތްކުރާ މައިންބަފައިންނާއި އާއިލާގެ މެންބަރުންނަށެވެ. އެފަދަ ފަރާތްތަކުގެ އޮތީ އެއް ވާހަކައެކެވެ. އެއް އަޑެކެވެ.

އެއީ މީހުން ދަށްކޮށްލުމުގެ ގޮތުންނާއި މަލާމާތުގެ ބަހެއްގެ ގޮތުން އޯޓިޒަމް ބޭނުން ނުކުރުމަށެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ ކިތަންމެހާވެސް ހިތްވަރުގަދަ އަދި ތަފާތު ހުނަރުތައް ހުންނަ ތޫނުފިލި ކުދިންކަމަށެވެ. އެކުދިން މުޖުތަމައުގެ އަދި ގައުމީ ފެންވަރުގައި އެކަން ކިތަންމެ ފަަހަރަކުމެ ދައްކައިފިކަމަށެވެ. ނަމަވެސް އަދިވެސް މަލާމާތުގެ ބަހެއްގެ އޯޓިޒަމް ބޭނުން ކުރެވެނީ ކީއްވެގެން ތޯއެވެ؟ އެކުދިން ދެކެ ދިވެހި މުޖުތަމައު އަދިވެސް ފުރިހަމައަށް ލޯބިނުވަނީ ތޯއެވެ؟

ފޮޓޯ: އިއްޒަ ތައުފީޤް

Advertisement

ކޮމެންޓް