Advertisement

ފަތުރުވެރިކަން އަލުން ފެށުމަށް ބޭއްވި އިވެންޓް ތަފާތު!

09 Jun 2020 | 16:05

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުމަށް ބޭއްވި އޮންލައިން އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ފޭސްބުކްގައިވާ ވިޒިޓް މޯލްޑިވްސް ފޭސްބުކް ޕޭޖްއިން "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން" ނަމުގައި ދުރަށް ދެއްކި މި އިވެންޓް 85،000 އަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

ހަތަރު ގަޑިއިރުގެ މި އިވެންޓްގައި ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ކުރެވޭނެ ތަފާތު ކަންކަމާއި، ޒިޔާރަތްކުރެވޭނެ ތަފާތު ރިސޯޓްތައް ވަނީ ދައްކާލަފައެވެ. މި ރިސޯޓްތައް ދައްކާލި ވީޑިޔޯތަކުގައި މުވައްޒަފުން ވަނީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.

މީގެ އިތުރުން މި އިވެންޓްގެ ތެރެއިން ވަނީ ދިވެހިރާއްޖެއަށް މީގެ ކުރިން ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިހުސާސްތައް ގެނެސްދީ، އަލުން ދިވެހިރާއްޖެއަށް އެފަރާތްތަކުން އަންނަން ބޭނުންވާ ސަބަބުތައްވެސް ހިމަނާފައެވެ.

މި އިވެންޓްގައި ވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ދެ ބާނީން ކަމުގައިވާ ޗަންޕާ ހުސައިން އަފީފް އަދި ކެރަފާ އަހުމަދު ނަސީމްވެސް ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ދިވެހި ފަންނާނުންގެ ޚާއްސަ ހުށައެޅުންތަކެއްވެސް މި އޮންލައިން އިވެންޓްގެ ތެރެއިން ފެނިފައިވެއެވެ.

Advertisement

ކޮމެންޓް