ރައީސް ނަޝީދު މަޖިލިސް ހިންގަވާ ގޮތާއި މެދު މެންބަރު ނާޒިމްގެ ކަންބޮޑުވުން!

09 Jun 2020 | 17:24

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް ހިންގަވަން މަސައްކަތްކުރައްވާ ގޮތާއި މެދު ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ގޮތާއި މެދު މެންބަރު ނާޒިމް ކަންބޮޑުވުން ފާޅުކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.

ނާޒިމް ވިދާޅުވީ މައިނޯރިޓީގެ އަޑު ނެތި ރައްޔިތުންގެ މަޖިލިސް ހިންގަވަން ރައްޔިތުންގެެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުޅުއްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. 

އެއަށްފަހު އެބޭފުޅާގެ ޓްވީޓްގައި ވަނީ މައިނޯރިޓީގެ އަޑު އެހުމާއި މެދު އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ ބަސްފުޅެއް ހިމަނުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ މެންބަރުން މަޖިލީހަށް ވަޑައި ނުގެންނެވިޔަސް އެކަން ފާހަގަނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެބޭފުޅުން މީގެ ކުރިންވެސް އެހާ ގިނައިން ޖަލްސާތަކުގައި ބައިވެރިވެ ވަޑައި ނުގަންނަވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް