ސިއްހީ މާހިރުންގެ ބަހަށްވުރެ މަޖިލީހުގެ ބަސް ގަދަވެއްޖެ؟

12 Jun 2020 | 15:43

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޮވިޑް-19ގެ އާލަމީ ވަބާއާއި މުޅި ދުނިޔެއިން ކަހަލަ ގޮތަކަށް ދަނީ ހަނގުރާމަކުރަމުންނެވެ. އަތުން ގުނާލެވޭނެހާ މަދު ގައުމުތަކުން މެނުވީ މި ބަލީގެ އެއްވެސް އަސަރެއް ނުފެނި ގޮސްފައެއް ނުވެއެވެ. ބަލި ނުފެންނަ ގައުމުތަކަށްވެސް ބަލީގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ތަޖުރިބާކުރަމުންދާ ހިތީގެ އަސަރު ދަނީ ފޯރަމުންނެވެ.

ޗައިނާގެ ވޫހާން ޝަހަރުން މި ބަލި ފެނިގެން ދިއުމާއި އެކު އިސާހިތަކު މި ބަލި ދިވެހިރާއްޖެއާއި ހަމައަށްވެސް ފޯރާނެކަމަށް އެތަކެއް ބަޔަކު ދިޔައީ ބުނަމުންނެވެ. ހަމައެކަނި އިދިކޮޅު ޕާޓީގެ މެންބަރުންނެއް ނޫނެވެ. ޚުދު ސިއްހީ މާހިރުންނާއި އާންމު ފަރުދުންވެސް ދިޔައީ މި ބަލީގެ އަސަރު ދިވެހިރާއްޖެއަށްވެސް ފޯރާނެކަމަށާއި، ވީހާވެސް އަަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށް ބުނަމުންނެވެ. މިގޮތުން އެންމެ ގިނަބަޔަކު ދިން އެއް ލަފައަކީ ވީހާވެސް އަވަހަށް ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމެވެ. އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު ލޮޅުމެއް އައިކަމުގައިވިޔަސް، ފުރާނަތައް ސަލާމަތްކޮށް ދުޅަހެޔޮ ސިއްހަތެއް އޮތް މުޖުތަމައުއެއް ގާއިމް ކުރެވޭނީ އެފަދައިން އަމަލުކުރުމުން ކަމަށް ބުނަމުންނެވެ.

ހަމަ ބުއްދީގެ ނަޒަރިއްޔާތަކުން ވިސްނާލައިފިނަމަ އެއްބަސްވެވެން އޮތް ކަމެއް އެބައޮތެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ލޭނާރެވެ. ރަންބިސް އަަޅާ ކުކުޅެވެ. ފަތުރުވެރިކަމަށް އަންނަ ލޮޅުމެއްގެ ސަބަބުން ގައުމުގެ މުޅި އިގްތިސާދަށްވެސް އޭގެ އަސަރު ކުރާނެއެވެ. ވަގުތު އޮއްވައި ބޯޑަރުތައް ބަންދު ނުކުރި ސަބަބަކީ އެއީކަމަށް ވެދާނެއެވެ. ނޫނީ ތުންތުން މަތިން އެކިޔާ ސަބަބުކަމަށްވާ މުއްސަނދިންގެ ހިތް ރުއްސުންކަމަށްވެސް ވެދާނެއެވެ.

ކޮންމެ ސަބަބަކަށްޓަކައި ވިޔަސް ބޯޑަރުތައް ބަންދުކުރުން ލަސްވެގެން ދިޔައެވެ. ކަން ހިނގައިދިޔަ ގޮތަށް ބަލާލައިފިނަމަ ހާމަވާން އޮތް ހަގީގަތަކީ ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މީޑިޔާގެ ކުރިމަތީ އިއުލާންކުރެއްވިއިރު، ބައިނަލްއަގްވާމީ ދަތުރުފަތުރު އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައެވެ. އެކަން އިއުލާން ނުކުރެއްވި ނަމަވެސް އެވަގުތުގައި މާބޮޑު ތަފާތެއް އަންނާނެކަމަކަށް ނުބެލެވެއެވެ.

ކޮވިޑް-19ގެ ބަލި ދިވެހިރާއްޖެއިން ފެނުނުތާ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ބައްޔާއި ބަލި ފެތުރިގެން ހިނގައިދާނެ ގޮތްތަކާއި މެދު އާންމުންނާއި ސިއްހީ މާހިރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. އެޗްޕީއޭއިންވެސް އެ އިދާރާގެ ގާބިލިއްޔަތުކަން ހުރި މިންވަރުން އެކަންކަމާއި މެދު މަސައްކަތްތައް ކުރަން ފެށިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް އެކަމާާއި މެދު މާބޮޑު ފަރުވާލެއް ނެތެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މި ބަލީގެ ސީރިއަސްކަން ގެއްލޭނެފަދަ ގޮތަކަށް ވާހަކަތައް ދައްކާފައެވެ. އެގޮތުން ކޮވިޑް-19 އަކީ އާދައިގެ ރޯގާއެއް ކަމަށާއި އަތްފައިގެ ސާފުތާހިރުކަން ދެމެހެއްޓުމުން ބަލި ނުޖެހޭނެކަމަށް ބުނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން އެއްވެސް ފަރާތަކީ ސިއްހީ ނުވަތަ އާންމު ސިއްހަތާއި ގުޅުންހުރި ދާއިރާއަކުން އިލްމެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމެއް އެނގިފައެއް ނުވެއެވެ. އޭރު ދިވެހިރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތަސް މިއީ ދައްކަން ހެޔޮނުވާނެ ވަރުގެ ވާހަކަތަކެއްކަމަށް އާންމުންގެ ތެރެއިން ގިނަބަޔަކު ވަނީ ބުނެފައެވެ.

މީގެ މިސާލުތަކެއް ފާހަގަކޮށްލާނަމެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެފައިވެއެވެ. "ދެން ދުނިޔެ މި ނިމުނީކަމަށް ގަބޫލުކޮށްގެން އަޅުގަނޑުމެންގެ ދިރިއުޅުން ބަދަލުކުރާ ހިސާބަށް ދާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއްވެސް ވަރަކަށާ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން އަމިއްލައަށް ޖަލެއް ހަދައިގެން އޭގެ ތެރޭގައި ބަންދުވެގެން ތިބުމެއް. އެހެންވީމަ މިކަމަކީ ހަމަ އާދައިގެ އަޅުގަނޑު ދެކޭގޮތުގައި ސާސް ދެން އެހެން މެންބަރުން ފާހަގަކުރިގޮތަށް ހަމަ އަނެއް އާދައިގެ ބަލިމަޑުކަމެއް. މި ވެގެން މިއުޅޭ ގޮތަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ބައެއް މީޑިޔާތަކުން ދިވެހި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ އުސޫލުން މި ކަންތައް ކުރީމާ މާ ބޮޑަށް ހިތް ބިރުގަންނަނީ"، މިފަދައިންނެވެ.

މެންބަރު ރާއީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ކާމިޔާބީ ހޯދާނީ އިިދިކޮޅު ފަރާތްތަކަށް ކޮރޯނާ ވައިރަސް ޖެއްސުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ. މި ބަސްފުޅާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފަހުން މައާފަށް އެދުނު ނަމަވެސް މުޣުނީގެ މި ބަސްފުޅާއި މެދު އާންމުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

މިކަންކަމަށް މިފަހުން ފެނިގެންދިޔައީ އާންމުންގެ ފާޑުކިޔުންތައް ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް އަމާޒުވެގެންދިޔަ ކަމެކެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ދަށުން މާލެ ލޮކްޑައުނެއްގައި އޮއްވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތަކެއް ބާއްވަން ނިންމީއެވެ. އެކަން ކުރާނެކަން އިއުލާންކުރި އިރު އެޗްޕީއޭއިން ހުއްދަ ދީފައި ނުވާކަން ކަށަވަރުވެއެވެ. ނަމަވެސް އެރޭ ދަންވަރު އެޗްޕީއޭއިން އެކަމަށްވެސް ހުއްދަ ދިނީއެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާރުގަދަ އަދި ބަސްވިކޭ ފަރާތް ހަގީގަތުގައިވެސް އޮޅިގެން ދިޔައެެވެ.

އެއަށްފަހު އެ ޖަލްސާތަކުގެ ތެރެއިން ޖޫން 2ވަނަ ދުވަހުގެ ދަންވަރު 1:30 ގައި އޮތް ޖަލްސާއިން ފެނިގެންދިޔައީ ކޮވިޑް-19 އާއި ގުޅިގެން ހުރިހާ ސިއްހީ މާހިރުން ދެމުން ގެންދިޔަ ނަސޭހަތްތައް ބޮލާލައި ޖެހިތަނެވެ. އިޖްތިމާއީ ގައިދުރުކަން ތަންފީޒުކުރަން އިރުޝާދު ދީފައި ވަނިކޮށް، މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކެއްގެ ތެރެއިން އެކަކު އަނެކަކު ގަޔަށް އަތްލާ ހެދީއެވެ. ނަމަވެސް، މިއަދާއި ހަމައަށްވެސް އެކަމާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުނުތާ، އެކަން ކުށްވެރިކޮށް ބަހެއް ބުނެލި އިދާރާއެއްވެސް ނެތެވެ.

ކަންތައްތައް މިހެން އޮއްވާ މިއަދު އިވިގެން މިދިޔައީ އަނެއްކާވެސް ހިތް ނުތަނަވަސް ވާހަކައެކެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި އޭގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިގެންދާގޮތަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅީއެވެ.

މި ބިލްގައިވާ ގޮތުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ވާނެއެވެ. އަދި އެ ގަރާރު ނެރެވެނީ މަޖިލީހުގެ ދައުރެއް ހިނގަމުން ނުދާ ދުވަސްވަރެއްގައި ކަމަށްވާނަމަ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު ފާސްކުރަން މަޖިލީހަށް ހުށައަޅަން ޖެހޭނެއެވެ.

މީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ކޮންމެ ވަގުތެއްގައިވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބާރު ލިބިގެންވެއެވެ. އެގޮތުން ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު ފާސްކުރުން، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުން ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެނަމަ ގަރާރު ބާތިލްކޮށް އަދި ފެންނަ ބަދަލުތައް ގެނައުމުގެ ބާރުވެސް މި ބިލްގެ ދަށުން ލިބިގެންދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބިލްގެ ދަށުން މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި މެދު ގޮތްތައް ނިންމުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާނެއެވެ. މި ބިލްގައި އެޗްޕީއޭ ފަދަ އިދާރާތަކުން ކުރާ ޚަރަދުތަކާއި ނިންމާ ނިންމުންތައް ހިމެނޭ ތަފްސީލީ ރިޕޯޓްތައްވެސް ރައްޔިތުންގެ މަޖިލީހަށް އަންގަން ހިމަނާފައެވެ.

ތެދެކެވެ. ދައުލަތުގެ އިދާރާތަކުން ކުރާ އަމަލުތަކަށް ފާރަވެރިވެ، އެފަރާތްތައް ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއެކެވެ. ނަމަވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އާޚިރުގައި ކަނޑައެޅޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ހެދުމަކީ ކިހާ ރަނގަޅުކަމެއްތޯ ސުވާލު އުފެދެއެވެ. އެހެނީ، އެ މަޖިލީހުގައި ޕަބްލިކް ހެލްތު ދާއިރާގެ ފަންނުވެރިއެއް ނުވަތަ އެޕިޑެމޮލޮޖިސްޓެއް ނެތެވެ. މަޖިލީހުގެ ބައެއް މެންބަރުން ކޮވިޑް-19 ބަލީގެ ސީރިއަސް ގެއްލޭފަދަ ގޮތަކަށް ވާހަކަފުޅުވެސް ދައްކަވާފައިވެއެވެ. މިފަދަ ފަރާތްތަކަށް އާންމު ސިއްހަތާއި ގުޅޭ މުހިންމު ކަމެއް ނިންމުމުގެ ބާރު ދިނުމަކީ ކިހާ ވިސްނުންތެރި ކަމެއްތޯ ސުވާލު އުފެދެއެވެ! ސިއްހީ މާހިރުން ހިމެނޭ އެޗްޕީއޭގެ ބަހަށްވުރެ ރައްޔިތުންގެ މަޖިލީހުގެ ބާރު ގަދަވުމަކީ ނުރައްކާތެރިކަމަށް ވެދާނެތޯއެވެ؟

Advertisement

ކޮމެންޓް