މިދިޔަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު މިއަހަރުގެ މެއި މަހު މީރާއަށް ލިބުނު އާމްދަނީ 81 އިންސައްތަ ދަށަށް!

11 Jun 2020 | 19:31

މިދިޔަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު މިއަހަރުގެ މެއި މަހުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާއަށް) ލިބުނު އާމްދަނީ 81 އިންސައްތަ ދަށަށް ވެއްޓިއްޖެއެވެ.

މިކަން ހާމަވެފައިވަނީ މީރާގެ ފަރާތުން މިއަދު އާންމުކުރި އެ އިދާރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކުންނެވެ.

މީރާއިން ބުނިގޮތުގައި ނިމިދިޔަ މެއި މަހުގައި އެ އިދާރާއަށް ޖުމްލަ އާމްދަނީއެއްގެ ގޮތުގައި ލިބިފައިވަނީ 206.28 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 81 އިންސައްތައިގެ ވެއްޓުމެވެ. އެ އިދާރާއިން ފާހަގަކުރި ގޮތުގައި މިފަދައިން ދިމާވާން މެދުވެރިވި ސަބަބަކީ ލޮކްޑައުނެއް ހިންގާ، އޮން-އެރައިވަލް ވިސާތައް ކެންސަލްވެ ޓެކްސް ދައްކަންޖެހޭ ތާރީޚް ފަސްކޮށްފައިވުމެވެ.

މިދިޔަ މަހުގައި މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީއެވެ. އެގޮތުން އާމްދަނީގެ 55 އިންސައްތައަކީ ޖީއެސްޓީ ރެވެނިއު އެވެ. މިއީ 113.5 މިލިޔަން ރުފިޔާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެއި މަހުގެ ތެރޭގައި ވަނީ އިންކަމް ޓެކްސްގެ އެކި ބާވަތްތަކުން 19.9 މިލިޔަނެއްހާ ރުފިޔާ މީރާއަށް ލިބިފައެވެ. މި އަދަދުގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ނޮން-ރެޒިޑެންޓް ވިތް ހޯލްޑިންގ ޓެކްސްގެ ގޮތުގައި ލިބުނު 16.6 މިލިޔަނެއްހާ ރުފިޔާއެވެ. އަދި އަމިއްލަ ފަރުދުންގެ އާމްދަނީން އެމްޕްލޯއީ ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާވެސް ވަނީ ލިބިފައެވެ.

Advertisement

ކޮމެންޓް