ދިވެހިރާއްޖޭގައި ތިބި ގޯއާ އަދި މަހަރާޝްތްރާއަށް ނިސްބަތްވާ މީހުން އިންޑިޔާއަށް ދާން އެހީވިން: އިންޑިޔާ ހައިކޮމިޝަން

13 Jun 2020 | 15:51

ދިވެހިރާއްޖޭގައި ތިބި ގޯއާ އަދި މަހަރާޝްތްރާއަށް ނިސްބަތްވާ މީހުން އިންޑިޔާއަށް އަނބުރާ ދިއުމަށް ފްލައިޓެއް ޗާޓަރުކުރުމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން އެހީވިކަމަށް ބުނެފިއެވެ.

އިންޑިޔާގެ ނޫހެއްކަމަށްވާ "ޓައިމްސް އޮފް އިންޑިޔާ"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިގޯގެ ފްލައިޓެއް ޗާޓަރކޮށްގެން ގޯއާއަށް ނިސްބަތްވާ 40 މީހުންނާއި މަހަރާޝްތްރާގެ 130 މީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީއަށް ގޮސްފައެވެ. މި ފްލައިޓުން ދިޔަ ގޯއާ މީހަކާއި ހަވާލާދީ އެ ނޫހުން ބުނިގޮތުގައި 170 މީހުން އަމިއްލައަށް ފްލައިޓެއް ޗާޓަރކުރަން ޖެހުނީ އިންޑިޔާގެ "ވަންދޭ ބާރަތު" މިޝަންގައި މުމްބާއީ ނުވަތަ ގޯއާވެސް ނެތުމުންނެވެ. 

އެހެންކަމުން ދިވެހިރާއްޖޭގައި ތިބި ގޯއާ އަދި މަހަރާޝްތްރާއަށް ނިސްބަތްވާ މީހުންގެ ވަޓްސްއެޕް ގްރޫޕެއް ހަދައި، އިންޑިގޯ އަދި މޯލްޑިވިއަން މެދުވެރިކޮށް ފްލައިޓެއް ޗާޓަރކޮށްގެން ދިއުމަށް މަސައްކަތް ފެށިކަމަށް ބުންޏެވެ. އަދި އެންމެ އަވަހަށް ދެވެން އޮތީ އިންޑިގޯއިން ކަމުން އެ އެއާލައިނުން ދާން ނިންމިކަމަށްވެސް ވަނީ ބުނެފައެވެ. އަދި ބޭނުންވާނެ ހުރިހާ ހުއްދަތައްވެސް ހޯދައިދިނީ އެ އެއާލައިނުން ކަމަށް ވަނީ ބުނެފައެވެ.

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އަމިއްލަގޮތުން ގައުމަށް ދާން ބޭނުންވާނެ ފްލައިޓެއް ހަމަޖެއްސުމަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އެފަރާތްތަކުން މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަންގެ އެހީއަށް އެދުނެވެ. އެހެނަސް ހައިކޮމިޝަންގެ ފަރާތުން މިކަމާއި ގުޅޭ އެއްވެސް ޖަވާބެއް ނުލިބުނުކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އިންޑިގޯ މެދުވެެރިކޮށް ޗާޓަރ ފްލައިޓެއް ހަމަޖެއްސުމަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށާއި، އެފަރާތްތަކުން އަނބުރާ އިންޑިޔާއަށް ދެވުނީތީ އުފާ ފާޅުކުރާ ކަމަށެވެ.

ދިވެހިރާއްޖެއިން ގޯއާއަށް ދިޔަ ފަރާތްތަކުން 70،000 އެއްހާ ރުޕީސް ޚަރަދުކުރަން ޖެހުނުކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement

ކޮމެންޓް