ފުލަމްގެ ކޯޗަކަށް ރަނިއޭރީ ހަމަޖައްސައިފި

15 Nov 2018 | 06:02

އިނގިރޭސި ޕްރިމިއަރ ލީގަށް މި ސީޒަނުގައި އަލަށް ކޮލިފައިވި ފުލަމްގެ ކޯޗު ޖޮކަނޯވިޗް ވަކިކޮށް އެމަގާމަށް ކުރިން ޗެލްސީ އަދި ލެސްޓާއަށް ކޯޗުކަން ކޮށްދިން ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފިއެވެ.

ޖޮކަނޯވިޗް ފުލަމްގެ ކޯޗު ކަމުން ވަކިކޮށްފައިވަނީ މިސީޒަނުގައި އެޓިމުން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ފުލަމް މިވަގުތު އޮތީ ކުޅުނު ބާރަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައެވެ.

އިޓަލީއަށް ނިސްބަތްވާ 67 އަހަރުގެ ރަނިއޭރީއާއި ފުލަމްގެ ކޯޗުކަން ހަވާލުކޮށްފައިވަނީ ''މަލްޓި-އިއާ" އެއްބަސްވުމެއްގެ ދަށުން ކަމަށް އެ ކްލަބުންވަނީ ހާމަކޮށްފައެވެ.

ޕްލޭނެއް ނެތި މިފަދަ ބަދަލެއް ގެނައުމަކީ ރަނގަޅުކަމެއް ނޫންކަމަށައި ރަނިއޭރީ ކަހަލަ ތަޖުރިބާކާރު ކޯޗެއް ކްލަބައި ހަވާލުވުމުން ވަރަށް ހިތްހަމަޖެހޭކަމުގައި ފުލަމްގެ ޗެއަރމަން ސާޖިދް ހާންވަނީ ބުނެފައެވެ. މީގެ އިތުރުން ރަނިއޭރީއަކީ އިނގިރޭސި ލީގަށް އާ މީހެއް ނޫންކަމުގައިވެސް އޭނާވަނީ ފާހަގަކޮށްފައެވެ.

ލެސްޓާއާއެކު ރަނިއޭރީ ހޯދީ ލެޖެންޑަރީ ކާމިޔާބީއެއް ކަމަށާއި ޗެލްސީ އަދި ޔޫރަޕުގެ ބޮޑެތި ކްލަބްތަކަށް ކޯޗުކަން ކޮށްދީ އޭނާވަނީ ރަނގަޅު ތަޖުރިބާތަކެއް ކޮށްފައިކަމަށް ރަނިއޭރީއަށް ތައުރީފް ކުރަމުން ސާޖިދް ހާން އިތުރަށް ބުނެފައިވެއެވެ.

ވެލެންސިއާ، ޔުވެންޓަސް، އިންޓަ މިލާން، ރޯމާ އަދި މޮނާކޯއަށް ކޯޗުކަން ކޮށްދީފައިވާ ރަނިއޭރީ މަޝްހޫރުވެފައިވަނީ 2015 ވަނަ އަހަރު އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ލެސްޓާ ސިޓީއިން މެންޗެސްޓާ ސިޓީ، ޗެލްސީ، ލިވަޕޫލް އަދި ޔުނައިޓެޑް ފަދަ ވަރުގަދަ ޓީމުތަކައި ވާދަކޮށް އިނގިރޭސި ލީގު ތަށި ނެގުމުންނެވެ. 

Advertisement

ކޮމެންޓް

Advertisement