ކާކުކަން ނޭނގެނީއެއް ނޫނެވެ. މައްސަލަ އަކީ "އިސްލާމީ މަތިވެރި ޝިޢާރަކަށް" ވުމެވެ.

13 Jun 2020 | 18:37

މި ލިޔުން މި ފައްޓަނީ އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވާ ހާދިސާ އަކުންނެވެ.

2010 ވަނަ އަހަރު ކޯހަކަށް ކުރިމަތިލާން ވެގެން ފޯމު ލުމަށް، އެއިރު ރާއްޖޭގައި ހުރި އިސްލާމީ އެންމެ ބޮޑު ކޮލެޖު ކަމަށްވާ "ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ" އަށް ދިޔައީމެވެ.

އެދުވަހު އަޅުގަނޑުގެ ކުރިމަތީގައި ހުރި ގޮނޑީގައި އައިސް ޖައްސާލި އަންހެން މީހާ ލާފައި ހުރި ހެދުން ފެނުމުން ހިތަށް އެރިއެވެ. މިކަހަލަ ހެދުން ލައިގެން ދީން ކިޔަވާ ކޮލެޖަކަށް ކިޔަވަން ވަދެވޭނެ ހެއްޔެވެ؟ އެހެން ހިތަށްއެރި ސަބަބު މި ދަންނަވަނީ އެވެ.

އެ ހެދުމަކީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި ، މުސްލިމު އަންހެނަކު ލުމަށް އެކަށީގެންވާ ހެދުމެއް ނޫނެވެ. ބުރުގާ އަޅާފައި ނެތްއިރު، ލައިގެން އިން ހެދުމުގެ ތުނި ކަމުން އެތެރެއިން ލައިގެން ހުރި އެއްޗެހީގެ ކުލަ ވެސް އެނގެއެވެ.

ކޯސް ފެށުމުގެ ކުރިން ދަރިވަރުންނާ ބައްދަލު ކުރަން ބޭއްވި ޖަލްސާއެއްގައި، ހެދުން އަޅަން ޖެހޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެތަނުގެ އެންމެ އިސްވެރިޔާ ބުނި އަޑު އެހީމެވެ. "ކާކުކަން ނޭނގޭ ގޮތަށް ހެދުން އަޅައިގެން ކުއްލިއްޔާ އަކަށް ނުވަދެވޭނެ އެވެ ." އެބަހީ މޫނުބުރުގާ އަޅައިގެން އެތަނަށް ނުވަދެވޭނެ އެވެ. ތެދެކެވެ! މޫނުބުރުގާ އަޅައިގެން އެ ކޮލެޖަށް ކިޔަވާކަށް ނުދެވެއެވެ.

އެއްދުވަހަކު ނޯޓިސް ބޯޑު ބަލަން ކުއްލިއްޔާ ތެރެއަށް ވަންނަން އުޅުނު ކުއްޖަކަށް ނުވަދެވުނީ، އެ ކުއްޖާ މޫނު ބުރުގާ އަޅާފައި ހުރުމުގެ ސަބަބުން ނެވެ. އެކަމަކު ކުރިން ބުނި އަންހެންމީހާ، އައުރަ ނިވާ ނުކޮށް ހަމަ އެ ތުނި ހެދުމުގައި އެތަނަށް ކިޔަވަން އަންނަތަން އަޅުގަނޑު ދުށީމެވެ.

އިސްވެ މިދެންނެވީ އެއިރު ރާއްޖޭގައި ހުރި އިސްލާމި ތައުލީމު ދޭ އެންމެ ބޮޑު ކޮލެޖުގެ ހާލަތާއި އެތަނުގެ ބައެއް އިސްވެރިންގެ ވިސްނުން ހުރި ގޮތުގެ ވާހަކައެވެ. ދެން އެހެނިހެން ކޮލެޖު ތަކާއި އެހެނިހެން މުއައްސަސާ ތަކުގެ ހާލަތު ހުންނާނެ ގޮތް އަމިއްލަ އަށް ތަޞައްވުރު ކޮށްލައްވާށެވެ.

އެންމެ ފަހުން އެތައް ބައެއްގެ ބުރަ މަސައްކަތާއެކު، ދިވެހި މުސްލިމު އުޚްތުންނަށް، މޫނުބުރުގާ އަޅައިގެން ކޮލެޖް ތަކަށާއި ޔުނިވަސިޓީ ތަކަށް ދިޔުމުގެ ޙައްޤާއި، ވަޒީފާ އަދާކުރުމުގެ ޙައްޤު މިވަނީ ލިބިފައެވެ. ނަމަވެސް އުނގެނުމާއި ވަޒީފާ އަދާކުރުމުގައި މޫނުބުރުގާ އެޅި އުޚްތުންނަށް އަދިވެސް ވަރަށް ބޮޑެތި ދަތިތައް އެބަހުއްޓެވެ. އަދިވެސް ގިނަ މީހުން ދެކޭ ގޮތުގައި މޫނުބުރުގާ އަޅާ މީހުންނަކީ މުޖުތަމަޢަށް ހުރި ނުރައްކަލެކެވެ. ކާކުކަން ނޭނގޭތީއެވެ.

ނަމަވެސް މިއަދު މި ވަނީ ހުރިހާ ކަމެއް ބަދަލު ވެފައެވެ. މޫނުބުރުގާ އަކީ ނުރައްކާތެރި އެއްޗެއްކަމަށް ގަބޫލު ކުރި މީހުންނާއި އެމީހުންގެ ދަރިންވެސް މިއަދު އެ އުޅެނީ މާސްކު އަޅައި މޫނު ނިވާ ކޮށްގެންނެވެ. ސަލާމަތީ ބާރު ތަކުގެ ބޭފުޅުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ޢާންމު ރައްޔިތުންވެސް އުޅެން މި ޖެހެނީ މާސްކު އަޅައިގެންނެވެ. އަހަރަމެންގެ ދަރިން އިސްކޫލު ތަކަށް ފޮނުވަން ޖެހެނީވެސް މާސްކު އަޅުވާފަ އެވެ.

ކަޅު ހެދުމާއި ކަޅު ބުރުގާއާ އެކު ކަޅު ފޮތިކޮޅަކުން މޫނު ނިވާ ކުރުމުން، އެއީ ކާކުކަން ނޭނގެ އޭ ބުނާ ބަޔަކަށް، އެއް ވައްތަރެއްގެ ޔުނީފޯމު ލައިގެން، އެއްވައްތަރެއްގެ މާސްކު އަޅައި މޫނު ނިވާކޮށްގެން ހުންނަ މީހާ އަކީ ކާކުކަން އެނގޭނެ ހެއްޔެވެ؟

ކޮންމެއަކަސް، މޫނު ނިވާ ކުރުމުން އެމީހަކީ ކާކުކަން ނޭނގޭ ކަމަށް ބުނެ ވަހަކަ ދައްކާ މީހުންގެ އަޑު މަޑުވެއްޖެއެވެ. މޫނު ނިވާ ކޮށްގެން ތިބުމުގެ ނުރައްކާތެރި ކަމުގެ ވާހަކަ އެއް ވެސް މިއަދަކު ނުދައްކައެވެ. މިއަދު މިވަނީ މޫނު ނިވާކުރުން "ރައްކާތެރި" ކަމަކަށް ބަދަލު ވެފައެވެ.

މިއަދު އެނގި ހާމަ ވެގެން މި ދިޔައީ، މޫނުބުރުގާ އަކީ ނުރައްކާތެރި އެއްޗެއް ކަމަށް ދައްކައި އެއާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ މައްސަލަ އަކީ، ބަޔަކު މޫނު ނިވާކޮށްގެން ތިބުމެއް ނޫން ކަމެވެ. އަދި އެ އަޅައިގެން ހުންނަ މީހާ އަކީ ކާކުކަން ނޭނގުމެއް ވެސް ނޫން ކަމެވެ. އެބައި މީހުންގެ މައްސަލަ އަކީ " މޫނުބުރުގާ އަކީ އިސްލާމީ މަތިވެރި ޝިޢާރަކަށް ވުމެވެ."

ލިޔުނީ: ސަފް ސަޢުދު

ފޮޓޯ: ވަގުތު ނިވުސް

އެޑިޓަރުގެ ނޯޓް: މިއީ ލިޔުންތެރިޔާގެ ޙިޔާލެވެ. 

Advertisement

ކޮމެންޓް