މިމަހުގެ ތެރޭގަައި ބޭރު ގައުމުތަކުން ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއަށް ގެންނަނީ

15 Jun 2020 | 18:11

މި ހިނގާ ޖޫންމަހުގެ ތެރޭގައި ގައުމުން ބޭރުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން އަނބުރާ ދިވެހިރާއްޖެއަަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން އެ މިނިސްޓްރީގެ ފަރާތުން ހާމަކޮށްފައިވަނީ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ މިމަހުގެ 15ވަނަ ދުވަހާއި 17ވަނަ ދުވަހުގައި އޮންނަ މޯލްޑިވިއަންގެ ޚާއްސަ ފްލައިޓްތަކުން 400 އެއްހާ ދިވެހިން މެލޭޝިޔާއިން ދިވެހިރާއްޖެއަށް އަންނާނެކަމަށެވެ. އެގޮތުން ޖޫން 15 ދުވަހު އަންނަ ފްލައިޓް އެ ދުވަހުގެ ހަވީރު ޖައްސާނެކަމަށް މިއުވާން ވިދާޅުވިއެވެ. މި ފްލައިޓުންވެސް 200 އެއްހާ ފަރާތްތަކުން އައުމުގެ ފުރުސަތު ލިބިގެންދާއިރު، އިއްޔެ އިރުއޮއްސުމާއި ހަމައަށް ފްލައިޓުން ޖާގަ ލިބުނު 20 ފަރާތެއް ޓިކެޓް ނުނަގާ ވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 

މިފަދައިން ދާދިފަހުން ސްރީލަންކާއިން ރާއްޖެއަށް އައި ފްލައިޓްގައިވެސް ދިމާވިކަމަށް މިއުވާން ފާހަގަކުރެއްވިއެވެ. އެގޮތުން އެ ފްލައިޓް ދިވެހިރާއްޖެއަށް އައީ 37 ޖާގަ ހުސްކޮށްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ މެލޭޝިޔާއިން އަންނަ ފްލައިޓްގައިވެސް ދަތުރުކުރަން އެދުމަށްފަހު، ފަހު ވަގުތުގައި ދަތުރުކުރަން ބޭނުން ނުވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާކަމަށެވެ.

މިއުވާން ވިދާޅުވީ މެލޭޝިޔާއިން މާލެއަަށް އަންނަ ޖުމްލަ 450 އެއްހާ ފަރާތްތަކުން ނަންނޯޓްކޮށްފައިވާ ކަމަށާއި، އެހެންކަމުން ފަހު ވަގުތުގެ ކެންސަލޭޝަންތަކަށް ރިއާޔަތްކޮށް އެގައުމުން މިވަގުތު ރާއްޖެއަށް އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އާދެވޭނެކަމަށް ފޮރިން މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަމަށެވެ.

މެލޭޝިޔާގެ އިތުރުން އިންޑިޔާއަށްވެސް ފްލައިޓްތަކެއް އޮންނާނެކަން އެބޭފުޅާ ވަނީ ރޭ ހާމަކުރައްވާފައެވެ. އެގޮތުން ޖޫން މަހުގެ 16ވަނަ ދުވަހު ބެންގަލޫރުން އަދި 17 ދުވަހު އާދިއްލީން މޯލްޑިވިއަންގެ ފްލައިޓެއް ދިވެހިރާއްޖެއަށް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މިއުވާން ވިދާޅުވިއެވެ. މި ފްލައިޓުން އަންނަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރވުމުގެ މަސައްކަތް ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ގުޅިގެން ކުރަމުންދާ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. މިއުވާން އިތުރަށް ވިދާޅުވީ ބެންގަލޫރަށް އޮންނަ ފްލައިޓްގައި އެޝަހަރާއި ކައިރީގައި އުޅޭ ދިވެހިންވެސް ދަތުރުކުރާނެކަމަށެވެ.

މިއުވާން ވިދާޅުވީ އިންޑިޔާއަށް ބާއްވާ ފްލައިޓްތަކުން ދަތުރުކުރަން 150 އެއްހާ ފަރާތްތަކުން ނަންނޯޓްކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ކެރެލާ ސްޓޭޓްގައި ތިބި ދިވެހިންނަށް އަމާޒުކޮށްގެން ފްލައިޓެއް ބާއްވަން މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. ކެރެލާއިން 30 އެއްހާ ދިވެހިން އަނބުރާ ގައުމަށް އަންނަން ވަނީ އެދިފައެވެ.

ނޭޕާލްއިންވެސް ވަނީ ބައެއް ދިވެހިން އަނބުރާ ދިވެހިރާއްޖެއަށް އަންނަން އެދިފައެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މިމަހުގެ 16ވަނަ ދުވަހުގައި ދިވެހިރާއްޖޭގައި ތިބި ނޭޕާލްގެ ރައްޔިތުން ބަލާ އަންނަ ހިމާލިޔަން އެއާލައިންސްގެ ފްލައިޓްގައި އައުމަށް 8 ދިވެހިން މިހާތަނަށް އެދިފައިވާކަމަށެވެ. އަދި އެފަރާތްތަކުގެ ޓިކެޓިންގގެ ކަންތައްތައް ޕާކިސްތާނުގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ގުޅިގެން ކުރަމުންދާނެކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދިއާ އެއާލައިންސްގެ ޚާއްސަ ފްލައިޓެއްގައި ސައުދީ އަރަބިއްޔާގައި ތިބި ދިވެހިން ގެނައުމުގެ އިންތިޒާމްތައް ކުރަމުން އަންނަ ކަމަށް މިއުވާން ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވީ ސައުދީން ދިވެހިރާއްޖެއަށް އަންނަން 150 އެއްހާ މީހުން ނަންނޯޓް ކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ސައުދީ ސަރުކާރުގެ ޚަރަދުގައި ކިޔަވަމުންދާ ދަރިވަރުންކަމުން އެފަރާތްތަކުގެ ޓިކެޓް އެގައުމުގެ ސަރުކާރުން ދޭނެކަމަށެވެ. ނަމަވެސް މި ފްލައިޓް ބޭއްވޭނެ ތާރީޚެއް އަދި ޔަގީންވެފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

މި ގައުމުތަކުގެ އިތުރުން މިމަހުގެ 25ވަނަ ދުވަހު ތައިލޭންޑުންވެސް ދިވެހިން ގެނައުމަށް ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ބާއްވަން ނިންމާފައެވެ. އަދި އަވަސް މުސްތަގްބަލެއްގައި ސްރީލަންކާ އަދި ރަޝިޔާގައި ތިބި ދިވެހިން ގެންނަން އިތުރު ފްލައިޓްތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރޭ ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް