ބައިނަލްއަގްވާމީ ދަތުރުތަކަށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތައްޔާރުވަނީ

17 Jun 2020 | 14:26

ނިއު ނޯމަލްގެ ދަށުން ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ބައިނަލްއަގްވާމީ ދަތުރުތައް ކުރެވޭނެ ވަރަށް ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމުގެ މައުލޫމާތުތައް އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑްގެ ފަރާތުން ވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ ބައްދަލުވުމުގައި ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބައިނަލްއަގްވާމީ ދަތުރުތަކަށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތައްޔާރުވެފައިވާނެ ކަމަށާއި، މިހާރުވެސް އެކަމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެއާޕޯޓްގެ ޓާމިނަލް ބިލްޑިންގއަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ކަމުގައިވާ ބިއްލޫރި ޕާޓިޝަން ޖެހުމާއި ސޯޝަލް ޑިސްޓެންސިންގ މާކަރުތައް ހަރުކުރުން ފަދަ ކަންތައްތައް އަންނަ ހޯމަ ދުވަހަށް ނިންމާލެވޭނެކަމަށް ލަފާކުރައްވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުވެސް އެ އެއާޕޯޓްގައި ތާމަލް ކެމެރާ ހަރުކުރެވިފައިވާނެކަން ރިޒްވީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގައި ޕީސީއާރު ޓެސްޓް ހެދޭނެ ލެބޯޓްރީއެއް ގާއިމްކުރުމުގެ މަސައްކަތް ސޮނެވާ ގްރޫޕުން ކުރަމުންދާކަމަށް ރިޒްވީ ވަނީ ހާމަކުރައްވާފައެވެ. މި ލެބްގެ މަސައްކަތް މިމަހުގެ 25 ވަނަ ދުވަހު ނިންމާލުމަށް އަމާޒުކޮށްފައިވާއިރު، އެތަނަށް ބޭނުންވާ ހުރިހާ ސާމާނާއި ހުއްދަތައް ހޯދަނީ އެކުންފުނިންނެވެ. 

Advertisement

ކޮމެންޓް

Advertisement