ކޮވިޑް-19 އާއި ގުޅިގެން އޭއައިއައިބީން އިންޑިޔާއަށް 750 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް!

17 Jun 2020 | 18:47

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށްޓަކައި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)ގެ ފަރާތުން އިންޑިޔާއަށް 750 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމައިފިއެވެ.

ޗައިނާއިން އިސްވެ އޮވެ އުފެއްދި 102 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ މި މަލްޓިލޭޓަރަލް ޑިވެލޮޕްމެންޓް ބޭންކުން މި 750 މިލިޔަން ޑޮލަރު އިންޑިޔާއަށް ދޭން ނިންމީ ބަލިމަޑުކަމާއި ގުޅިގެން އާމްދަނީ މަދުން ލިބޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން އެގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއްގެ ގޮތުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޭއައިއައިބީން މިހާތަނަށް ވަނީ 3.6 ބިލިޔަން ޑޮލަރުގެ ސަވަރިން ލޯން އިންޑިޔާއަށް ދޫކުރުމަށް އެއްބަސްވެފައެވެ.

އޭގެ ތެރޭގައި ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސަށް މީގެކުރިން ދޫކުރެވުނު 500 މިލިޔަން ޑޮލަރުވެސް ހިމެނެއެވެ. 

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގެ އައު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު އިންޑިޔާގެ ޖީޑީޕީ ކުރިއަރާނީ 1.9 އިންސައްތައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހު ލަފާކުރި މިންވަރާއި އަޅާބަލާއިރު 3.9 އިންސައްތައިގެ ވެއްޓުމެކެވެ.

Advertisement

ކޮމެންޓް