2021 މާޗުގައި ކައުންސިލް އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަނީ!

22 Jun 2020 | 08:44

ކޯވިޑް-19 ގެ ސަބަބުން ޚާއްސަ ޤާނޫނަކުން ފަސްކޮށްފައިވާ ކައުންސިލް ތަކުގެ އިންތިޚާބު އަންނަ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އިންތިހާބު އޭޕްރީލް 18ވަނަ ދުވަހަށް ފަސްކުރިއެވެ. ފަހުން އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައި އޮތުމާއި ގުޅިގެން ހާލަތަށް ބެލުމަށްފަހުއެވެ.

އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށް ޝަރީފް ވިދާޅުވިނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގައިވާ ގޮތުން އެ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ތަކަށް ބަލައި، އަންނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ހަފުތާތެރޭ ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނުރަސްމީ ވާހަކަތައް ދެކެވެމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ބޮޑަށް ބުރަވެވެނީ މާޗު މަހުގެ ކުރީކޮޅުގެ ތާރީހެކޭ އަޅުގަނޑުމެންނަށް ކަނޑައެޅޭނީ، މިހާރު ހާލަތަށް ބަލައި މަސައްކަތްތައް ރާވަމުންދާ ގޮތަށް ބަލާއިރު" ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ވުޖޫދު ވުމާއިއެކު، ފަސްކުރެވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ޤާނޫނު ރައީސް ތަސްދީޤުކުރެއްވީ 10 މެއި 2020 ގައެވެ. އެހެންކަމުން މިހާރު އޮތްގޮތުން އަންނަ އަހަރުގެ މެއ ި10 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ޖެހެއެވެ.

Advertisement

ކޮމެންޓް