Advertisement

އިދިކޮޅު ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރަކަށް ކުރީގެ ރައީސް ޑރ.ވަހީދު އައްޔަންކޮށްފި

23 Jun 2020 | 05:38

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރެއްގެ މަގާމަށް ޕީޕީއެމްގެ މެންބަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަންކޮށްފިއެވެ.

މި މަގާމަށް އެބޭފުޅާ އައްޔަންކޮށްފައިވަނީ ދެޕާޓީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުން ފާސްކުރުމަށް ފަހުގައެވެ. ރޭ އޮތް ރަސްމިއްޔާތެއްގައި އެބޭފުޅާއަށް މި މަގާމުގެ ލިޔުން ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެމަގާމަށް ޑރ.ވަހީދު ހަމަޖެއްސެވީ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ މަތިން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުން މިއަދު އިސް ސަފަށް ޑރ.ވަހީދު ނުކުމެވަޑައިގެންފި ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ވަހީދު ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އިދިކޮޅުން އަޑު އުފުލުން ވަރުގަދަކުރަން ޖެހޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ވަހީދު ޕީޕީއެމްއާއި ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުން އެބޭފުޅާ ފެނިވަޑައިގެންފައެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement