ރ.އަތޮޅުގައި އެއާޕޯޓެއް އަޅަން ވައުދުވެފައި އޮތްނަމަ އަޅާނެ: ރައީސް ޞާލިހު

24 Jun 2020 | 20:28

ރ.އަތޮޅުގައި މި ސަރުކާރުގެ ފަރާތުން އިތުރު އެއާޕޯޓެއް އެޅުމަށް ވައުދުވެފައިވާނަމަ އެކަން ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ ރ.އަތޮޅުގައި އެއާޕޯޓެއް އަޅުއްވަން ސީދާ އެމަނިކުފާނު ވައުދުވެ ވަޑައިގެންފައިވާނަމަ، އެކަން ކުރާނެކަމަށެވެ. އެކަމަކު ކަންތައްތައް ކުރާ ތަރުތީބު ބަދަލުވެދާނެ ކަމަށާއި، ވައުދާއި އެއްކޮށް އިރާދަކުރެއްވިއްޔާ އެކަން ކުރާނެކަމަށެވެ.

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައިވީނަމަވެސް 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެެއިންގެ ތެރޭގައި ވަނީ ރ.އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީކުރާނެކަމަށް ރައީސް ޞާލިހް ވިދާޅުވެފައެވެ. ރ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އެއީ އެ އަތޮޅުގެ އެންމެ އުތުރުގައި ހަދާފައިވާ އިފުރު އެއާޕޯޓެވެ.

ރ.އަތޮޅުގައި އެއާޕޯޓެއް އަޅަން ވައުދުވެފައިވާނަމަ އެކަން ކޮށްދެއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެފަދަ ވިސްނުމެއް ނެތްކަމަށް ވާހަކަ ދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ބައްދަލުވުމުގައި އެބޭފުޅާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ވިދާޅުވީ، ސަރުކާރުން އެކުލަވާލައިވާ ނޭޝަނަލް އެއާކަނެކްޓިވިޓީ ޕްލޭންގައި ރ.އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ނިންމާފައި ނުވާކަމަށެވެ.

ސްޓޭޓް މިނިސްޓަރ ޒުހައިރު އިތުރަށް ވަނީ ރ.އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓްތައް ހުރުމުން ސީޕްލޭނުން ވަރަށް ބޮޑަށް ކަވަރކޮށްފައިވާ ސަރަހައްދެއްކަމަށްވެސް ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް