ކޮރަޕްޝަނާއި ގުޅޭ 75 މައްސަލައެއްގައި ގޮތެއް ނުނިމި އަދިވެސް ކޯޓުތަކުގައި އެބައޮތް!

24 Jun 2020 | 22:25

ކޮރަޕްޝަނާއި ގުޅޭ 75 މައްސަލައެއްގައި ގޮތެއް ނުނިމި އަދިވެސް ކޯޓުތަކުގައި އެބައޮތްކަމަށް ހާމަވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް އެބޭފުޅާގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 75 މައްސަަލައަކާއި މެދު ގޮތެއް ނުނިންމި ކޯޓުތަކުގައި ތާށިވެފައި އެބައޮތެވެ. މި މައްސަލަތައް އޮތީ ޖުމްލަ 15 ކޯޓުތަކުގައެވެ.

މައްސަލަތައް އޮތް ކޯޓުތަކަށް ބަލާލާއިރު، އެންމެ ގިނަ މައްސަލަތައް އޮތީ ކްރިމިނަލް ކޯޓުގައެވެ. އެއީ 32 މައްސަލަ ނުވަތަ ނިސްބަތުން ބަލާނަމަ 42.67 އިންސައްތައެވެ. ދެވަނައަށް ކޮރަޕްޝަންގެ މައްސަލަތައް އެންމެ ގިނައިން ނުބެލި އޮތީ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އެއީ ދިހަ މައްސަލައެވެ.

މި މައްސަލަތައް ކޯޓުގައި އޮންނަތާ އެވްރެޖްގޮތެއްގައި ވަނީ 45 މަސްދުވަސް ހޭދަވެގެން ގޮސްފައެވެ. މި ހުރިހާ މައްސަލަތަކެއްވެސް ހުށައަޅާފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދުގައެވެ. މި އަހަރުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތައް ހުށައެޅިފައިވާނަމަވެސް ވަކި ގޮތެއް ނުނިމި އޮތް މައްސަލަތައް އެންމެ ގިނައީ 2016 ވަނަ އަހަރުގައެވެ. އެއީ 33 މައްސަލައެވެ.

މި ތަފާސްހިސާބުތައް އާންމުކުރައްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިކަންކަން ރަނގަޅުކުރައްވާނެ ކަމަށާއި، ކަނޑައަޅާފައިވާ އަމާޒުތައް ހާސިލްކުރައްވާނެކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement