Advertisement

ދުފި: އާންމު ދުފުމަށް ގެނުވި ތަފާތު ބަދަލެއް!

26 Jun 2020 | 21:04

ދިވެހިންގެ އާދަކާދަ އޮތްގޮތުން ކެއުމެއް ނިންމާލުމަށްފަހު ނުވަތަ އަނގަ ފޫއްސަށް ނަމަވެސް ދުފުމަކީ އާންމުގޮތެއްގައި ކުރާ ކަމެކެވެ. ޚުދު އަަޅުގަނޑަކީވެސް ދުފުމުގެ އާދައާއި ގާތުން އުޅޭ މީހަކީމެވެ. ރަނގަޅު ކެއުމަކަށްފަހު ހެޔޮވަރުގެ ދުފުމެއް، ކިއްލިއެއް ނުވަތަ ސުޕާރިއެއް ކައިނުލާ ހިތްހަމަޖެހޭ ދިވެހިން އަދިވެސް ވަރަށް މަދެވެ.

އެހެނަސް ދުފުމުގެ ސަބަބުން ދިމާވާ ސިއްހީ ގެއްލުންތަކުގެ ވާހަކަތަކަކީ އަބަދުމެ އެންމެންނަށްވެސް އިވޭ ވާހަކައެކެވެ. އަނގައިގެ ކެންސަރަށް މަގުފަހިވެ ގަދަޔަށް ދުފާނަމަ އަނގަ ހަޑިވާ ވާހަކައަކީ ސިއްހީ ފަންނުވެރިން އަބަދުމެ ދައްކާ ވާހަކައެކެވެ. ނަމަވެސް ދުފުމަށް ދިވެހިންގެ ހިތުގައި ދެވިފައިވާ ޖާގައެއްގެ ބޮޑުކަމުން ގެއްލުން އެނގި ހުރެވެސް އެކަމަށް ދެވިހިފީއެވެ. ނަމަވެސް އެކަމަށް ދެމަފިރިން ކަމުގައިވާ ސުލްވާނާ ޝިހާބާއި އިސްމާއިލް މަޒްހަމް ވަނީ “އިންގިލާބެއް” ގެނުވާފައެވެ. މިއަދު، ސިއްހަތަށް ގެއްލުން ނުވާނެފަދަ ގޮތަކަށްވެސް ދުފުމަކީ ހަމަ ކުރެވެން އޮތް ކަމެކެވެ.

އެއީ ސުލްވާނާ އަދި މަޒްހަމްގެ ކާމިޔާބުވީ ލޮކްޑައުން އެކްސްޕެރިމެންޓެއްގެ ނަތީޖާއެވެ. އާންމުންގެ ތެރެއިން ބޮޑު މަގުބޫލު ކަމެއް ހޯދަމުންދާ “ދުފި” ކިޔާ އުފެއްދުމެކެވެ.

ދުފި އުފެދިގެން އައި ގޮތާއި ބެހޭގޮތުން ސުވާލުކުރުން މަޒްހަމް ކިޔައިދިނީ ވަރަށް އާދަޔާ ޚިލާފު ވާހަކައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެހެން ފަރާތްތަކެކޭ އެއްފަދައިން މަޒްހަމްވެސް ގޭގައި ލޮކްޑައުންވެ މަޑުކޮށްލަން ޖެހުނެވެ. މިފަދައިން ހުރުމުގައި އޭނާގެ ދުފުމުގެ އާދައަށް ބަދަލެއް ގެނެވޭތޯ ކުރި މަސައްކަތެއްގެ ދަށުން ފޮނިތޮށި، ކާފޫރުތޮޅި އަދި ކަރަންފޫފަދަ ތަކެތިން ދުފަން ފެށުނެވެ. މި ތަކެތި ރޮލާ ކަމުންދިޔައިރު، މަޒްހަމްގެ ސިކުނޑިއަށް އައި ޚިޔާލަކީ މި ތަކެތި މިއަށްވުރެ މީރުކޮށް ހަފާލެވޭނެ ގޮތެއް ހޯދުމެވެ. އަދި ދުފާ އެންމެނަށްވެސް ފައިދާވާނެ އަދި މީރުކޮށް ހަފާލެވޭނެ އެއްޗެއް ތައްޔާރުކޮށްލެވިއްޖެނަމަ ގިނަ ބަޔަކަށް މީގެން ހެޔޮ ފައިދާއެއް ކޮށްފާނެއެވެ. އެއާއި އެކު އަންހެނުން ސުލްވާނާއާއި އެކު އެކްސްޕެރިމެންޓްތައް ފަށައި، އާއިލާއާއި ރައްޓެހިންނަށް ކަމުދިޔަ އެއްޗެއް އުފެއްދިއްޖެއެވެ. އާދެ، “ދުފި” މި އުފެއްދުމެވެ.

މަޒްހަމް ބުނި ގޮތުގައި ދުފި މާކެޓަށް ނެރެގެން ވިއްކަން ފެށިތާ އިއްޔެއާއި ހަމައަަށް ވަނީ ދެހަފްތާގެ މުއްދަތެއް ފާއިތުވެގެން ގޮސްފައެވެ. މި އުފެއްދުން ފުރަތަމަ ބާޒާރަށް ނެރުނުއިރު، މި މަސް ނިމޭއިރުވެސް އެހާ މަގުބޫލުކަމެއް އަދި ނުލިބޭނެ ކަމަށާއި އިތުރު ދުވަސްނަގާނެ ކަމަށް އޭނާއާއި ސުލްވާނާ ތިބީ ނިންމައިގެންނެވެ. ނަމަވެސް ދެމީހުން ހީކުރި ގޮތާއި މުޅިން ޚިލާފަށް ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ދުފިއަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ އަދި ރާނބާފަތް ފަދަ ތަކެތި ރޯސްޓްކޮށް ޑައިބެޓިކް ސްވީޓްނަރ އަކުން ރަހަމީރުކޮށް އުފައްދާފައިވާ ދުފިއަށް މިހާތަނަށް އެކި ފަރާތްތަކުގެ ހެޔޮބަސްތަކާއި ތައުރީފް ލިބިފައިވާކަން މަޒްހަމް ފާހަގަކުރިއެވެ.

އެގޮތުން އެ އުފެއްދުމުގެ ރެގިއުލަރ ކަސްޓަމަރެއްގެ ގޮތުގައިވާ ޑޮކްޓަރެއްގެ ފަރާތުން އާދައިގެ ދުފުމަށް، ސިއްހަތަށް ފައިދާކުރަނިވި ބަދަލެއްގެ ގޮތުގައި ދުފި ފެންނަކަމަށް ބުނިކަމަށް މަޒްހަމް އުފަލާއި އެކު ކިޔައިދިނެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެހެން ފަރާތްތަކުންވެސް ދުފިއަށް އޯޑަރުކޮށް ޕޮސިޓިވް ފީޑްބެކްތަކެއް ލިބިގެންދިޔަކަމަށް އޭނާ ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދުފިއަށް ލިބެމުންދާ ތަރުހީބު މިއަދު ވަނީ މާލެ ސަރަހައްދުން ބޭރަށްވެސް ގޮސްފައެވެ. އެގޮތުން ދުފި ހޯދުމަށް ރަށްރަށުން އޯޑަރުތައް ލިބެމުންދާކަމަށް މަޒްހަމް ބުންޏެވެ. މިއާއި އެކު އޭނާއާއި ސުލްވާނާ ދަނީ ހޯލްސޭލްކޮށް މުޅި ރާއްޖެއަަށް ދުފިގެ އުފެއްދުންތައް “ހަފާލަން” ކެންޕޭންގެ ދަށުން ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގެ ބައެއް ފިހާރަތަކުން މިހާރުވެސް ދުފި ލިބެން ހުންނާނެއެވެ.

ދުފި މިހާރު ވިއްކަމުން ދަނީ ޖުމްލަ ތިން ސައިޒެއްގައެވެ. އެއީ 9 ގްރާމްގެ ޕެކެޓް، 36 ގްރާމްގެ ފުޅި އަދި 70 ގްރާަމްގެ ފުޅިއެވެ. ދުފިގެ އުފެއްދުން ބޭނުންވާ ފަރާތްތަކުން ދުފިގެ މީސް މީޑިޔާ އެކައުންޓްތައް މެދުވެރިކޮށް ނުވަތަ 7536426 އަށް ގުޅާލާ މެސެޖްކޮށްވެސް އުފެއްދުން ގަތުމުގެ ފުރުސަތު އޮންނާނެކަމަށް މަޒްހަމް ބުންޏެވެ.

މަޒްހަމް އާއި ސުލްވާނާގެ އުންމީދަކީ އަންނަން އޮތް ޖީލަކީ ސިއްހަތަށް ފައިދާކުރަނިވި ގޮތަކަށް ދުފުމުގެ އާދަ ގެންގުޅޭ ބަޔަކަށް ހެދުމެވެ. މި ހެޔޮ ބަދަލާއި އެކު ހޮޓާތަކުގެ ކުރިމަތިންނާއި މަގުމަތިން ރަތް ކުޅުގެ އަސަރު ނެތިގެންދާނެ ދުވަހެއް ފެނުމަކީވެސް ދެކެން ބޭނުންވާ ދުވަހެއްކަމުގައި ބުންޏެވެ.

އާދައިގެ ދުފުމުގެ އާދައަކީ ގޯސްކަމެއްކަމަށް އެނގިހުރެވެސް އެތައް ދިވެހިންނަށް ކުރެވޭ ކަމެކެވެ. އެހެނަސް މިއަދު މިވަނީ އެކަމަށް އިންގިލާބެއް އައިސްފައެވެ. ދުފިއާއި އެކު މިއަދު ސިއްހީ ނުރައްކަލެއްގެ މާބޮޑު ބިރެއް ނެތި، ދުފާލުމުގެ އުފާ މިވަނީ ކުދިބޮޑު އެންމެންނަށް ލިބިގެންގޮސްފައެވެ. އެހެންކަމުން ތިޔަ ގެންގުޅޭ ދުފާ މަޑިސީލަ އެއްލާލާށެވެ. ދުފި މިއޮތީ ބާޒާރަށް ހިތްއުފާކޮށްދޭން އައިސްފައެވެ

Advertisement

ކޮމެންޓް

Advertisement