Advertisement

ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އާވެއްޖެ: ޝާހިދު

26 Jun 2020 | 18:05

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދޭދޭ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމްގެ މުހިންމުކަން އަލުން އިހުސާސްވެއްޖެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު  ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ ޗާޓަރުގައި ސޮއިކުރިތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބެއްގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއިން ގައުމެއްގެ ހައިސިއްޔަތުން މިހާތަނަށް ހޯދާފައިވާ ތަރައްގީއާއި ކުރިއެރުމުގައި އދ.އިން އުފައްދައިދިން ބައިނަލްއަގްވާމީ މުޖުތަމައުއާއި، ދިވެހިރާއްޖެއިން މަލްޓިލޭޓަރަލިޒަމަށް ކުރާ އިތުބާރުގެ ބޮޑު ހިއްސާއެއް އެބައޮތްކަމަށެވެ. އަދި މިއަދު ދުނިޔެއިން ކޮވިޑް-19 އާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަމުންދާ ހިނދުގައި މަލްޓިލޭޓަރަލިޒަމްގެ މުހިންމުކަން އިހުސާސްކުރެވެމުންދާ ކަމަށެވެ.

ޝާހިދު ވަނީ މި ބަލިމަޑުކަމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުއަށް ލޮޅުމެއް އައިސް، މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާކަމަށްވެސް ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު އިރު، އެއްވެސް ގައުމެއް އޮތީ އެކަމަށް ތައްޔާރުވެގެންނެއް ނޫނެވެ. އަދި އެއްވެސް ގައުމަކުން ގިނިކަންޏާ އެ ބައްޔާއި ދެކޮޅަށް މަސައްކަތް ނުކުރެވޭނެކަމަށް އެބޭފުޅާގެ ޚިތާބުގައި ވިދާޅުވިއެވެ.

"ބައިނަލްއަގްވާމީ މައްސަލަތަކަށް ބޭނުންވަނީ ބައިނަލްއަގްވާމީ ހިތްވަރެއް، ބައިނަލްއަގްވާމީ ގުޅުންތަކެއް"، އެބޭފުޅާ ވިދާޅުވިއެވެ.

އދގެ ޗާޓަރުގައި ސޮއިކުރެވުނީ 1945 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އަށްފަހުއެވެ. އަދި ޗާޓަރަށް އަމަލުކުރަން ފެށުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ޗާޓަރުގެ ދަށުން އދ އަށް މަތިކޮށްފައިވަނީ ބައިނަލްއަޤްވާމީ ސުލްހަ ބެލެހެއްޓުމާއި، އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ކުރިއެރުވުމަށެވެ.

Advertisement

ކޮމެންޓް