ހިޔާ ފްލެޓަގައި މީހުން އާބާދުވުމާއެކު، ގެދޮރު ކުއްޔަށްދޭ މީހުންނަށް މަހަކު 100 މިލިއަންގެ ގެއްލުންވާނެ

27 Jun 2020 | 18:56

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި "ހިޔާ ފްލެޓް" މަޝޫއުގެ 7،000 އެޕާޓުމަންޓަކީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެވެ.

ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާނެ އެވެ.

މިވަރުގެ ބޮޑު މަޝްއޫއެއްގެ މަސައްކަތް ފެއްޓެވީ ކީއްވެކަން އެމަނިކުފާނުގެ އިޤްތިސާދީ ބަހުރުވައިން ވަނީ ކިޔާދެއްވާފައެވެ. އިޤްތިސާދު އިލްމުގައި އެއްޗެއްގެ އަގު ތިރިކުރުމަށް ބޭނުންވަނީ އެކަމަކަށް އުފެދިފައިވާ ޑިމާންޑް ކުޑަ ކުރުމެވެ. އެކަމަށް ބޭނުންވާނީ ޑިމާންޑާއިއެއްވަރުގެ ސަޕްލައިއެކެވެ. އެއާއެކު އެކަމަށް ހައްލު ލިބުނީއެވެ. އެއީ މާލެ ގެ ބޯހިޔާވަހިކަމުގެ މައްސަލަކަމުގައި ވީނަމަވެސްއެވެ.

ކުރީ ސަރުކަާރު ބަދަލުވިއިރު ތަނުގެ ސްޓްރަކުޗާގެ މަސައްކަތް މުޅިންހެންވަނީ ނިމިފައިއެވެ. ބާކީ ކުރަންއޮތީ ފިނިޝިންގެ މަސައްކަތެވެ. ކުރީސަރުކާރުން މި ފްލެޓުތައް ދޭން ކަނޑައެޅީ 6000-4000 ދެމެދުގެ އަގަކަށެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު އެޗް.ޑީ.ސީ ގެ އެމް.ޑީ ސުހެއިލް ފުރަތަމަ ވިދާޅުވީ ފިނިޝިން ނިންމަން ލޯނު ނަގަން ޖެހޭތީ ފިނިޝިން އާއި އެކު ފްލެޓު ތަކުގެ އަގު 11،000 ބޮޑު ވެދާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓް ދައްކާލުމަށްފަހު ސުހައިލް އަހުމަދު ވިދާޅުވީ ފްލެޓުގެ ފިނިޝިންގެ ބައެއް މަސައްކަތްތައް ނިންމަން އިތުރަށް 45 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 693 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދަން ކޮވިޑް-19 ގެ ކުރިން ވެސް މަސައްކަތް ކުރި ކަމަށާ، ނަމަވެސް ފައިސާ ލިބުން ލަސްވުމުން ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން މި ފިނިޝިން ލޯނު ނުލިބުނު ނަމަވެސް ތަންތަން ދޭން ނިންމީ ހަމަ 11،000 ކަމަށް އިއުލާން ކުރައްވާފައެވެ.

ސަރުކާރުގެ މި ސިޔާސަތަށް ގިނަ ބަޔަކު ކަނބޮޑުވުން ފާޅުކުރިކަމުގެ ތެރެއިން ކުލީގެ ވިޔަފާރިވެރިންގެ މަސްލަހަތު ސަރުކާރުގައި އޮތްމިންވަރު ރާއްޖެގެ މީޑިއާތަކަށް ފެންމަތިމިވަނީ ކުރެވިފައެވެ. މިއާއެކު ކުރީ ސަރުކާރުގެ އަގު ހެޔޮ ބޯހިޔާވެހިކަން އަގު ބޮޑު ވި ސަބަބުވެސް މިވަނީ ސާފުވެފައެވެ.

ހިޔާ ފެލްޓާއެކު މާލޭގައި ރެންޓު ވިޔަފާރިކުރާ މީހުންނަށް ލިބޭނެ ގެއްލުމުގެ ވާހަކައަށް ބަލާލާނަމެވެ.

ހިޔާ ފްލެޓެއްގައި ދެ ކޮޓަރި ހުންނައިރު ތަނުގެ ބޮޑު މިނަކީ 550 އަކަފޫޓެވެ. މާލެ އިން މިވަރުތަނެއް ރެންޓު ކުރަން މިހާރު ލިބޭނީ 17،000 - 12،000 ދެމެދުގެ އަގަކަށެވެ. ހިޔާ ޕްރޮޖެކްތުގައި މުޅިއެކު 6،844 އެޕާޓުމަންޓު އެބަ ހުއްޓެވެ. އެހެން ކަމުން ހިޔާ ފްލެޓުތައް ދޫކުރާއިރަށް މާލެ ސަރަހައްދުން މަދުވެގެން 6،844 އެޕާޓުމަންޓު ހުސްވާނެއެވެ.

އެތަންތަނަށް މީހުން މިހާރު އެވްރެޖުކޮށް ދައްކާާ ރެންޓަކީ 15،000 ކަމަށް ބަލާނަމަ، ހިޔާ ފުލެޓުގެ 6،844 އެޕާޓުމަންޓަށް މީހުން ދިޔައިމައި މާލެ ސަރައްދުން އެ ރެންޓު ލިބެމުން ދިޔަ މީހުންނަށް އެ ލިބުން ހުއްޓޭނެއެވެ.

އެއީ މަހެއްގެ މައްޗަށް ބަލާ ކަމަށްވާނަމަ މަހެއްގެ މައްޗަށް މަދުވެގެން 102،000،000 ރުފިޔާއެވެ. މާނައަކީ ހިޔާ ފްލެޓަށް މީހުން ބަދަލުވާއިރަށް ޖެހިގެން އަންނަ މަހަށް ރެންޓު ކުރާ މީހުންނަށް ލިބެމުން އައި 102 މިލިއަން ރުފިޔާ ނުލިބޭނެއެވެ. އެއީ އަހަރަކަށް ބަލާނަމަ 1.23 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން 6،844 އެޕާޓުމަންޓު ދޫކޮށް މީހުން ދިޔުމުން އެތަނަށް ދެން ކުރީގެ އަގުގައި މީހުން ނުވެސް ގެނެވޭނެއެވެ. ގެންނަންޏާމު ޖެހޭނީ ކުރީގެ ރެންޓު ބަދަކުކށް ކުޑަ ކުރާށެވެ. އެ ގޮތުން ބަލާއިރު ހިޔާ ފްކެޓަަށް މީހުން ދާ ހިސާބުން މުޅި މާލޭ ގެ ރެންޓަށް ބަދަލުތަކެއް އަންނާނެއެވެ. އެކަމަކު އެކަން ވާނީ ކުރިންވެސް ޕްލޭން ވެވުނުގޮތަށް ފިނިޝިން އާއި އެކު 6000-4000 ދެމެދުގެ އަގަކަށް އެތަންތަން ރައްޔިތުންނަށް ލިބިގެންނެވެ.

ރާއްޖޭގެ ވެރިކަން ކުރާ ބާރުން ފެށިގެން މަޖިލީހުގައި ވެސް ގިނަ އަދަދަކަށް ގެދޮރު ކުއްޔަށް ދީގެން ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ގިނައެވެ. ރައީސް ޞާލިހްގެ އާއިލީ ކުންފުނި ޕޭން ރިއަލްއެސްޓޭޓަކީ މުޅި ރާއްޖޭގައި ގެދޮރު ވިއްކައި، ކުއްޔަށް ދެމުން އަންނަ ފަރާތެކެވެ. މެންބަރުންގެ ތެރެއިން ހިސާންގެ ދެކަނބަލުންނާއި މެންބަރު ރޮޒެއިނާ އަކީ ފާހަގަކޮށެލެވޭ ދެ މެންބަރުންނެވެ.

އެހެންކަމުން ކުލީގެ ވިޔަފާރިއަށް ހިޔާ ފްލެޓްގެ ސަބަބުން އަންނާނެ ހީނަރުކަމަކީ މި ފަރާތްތަކަށް އެނގޭނެކަންކަމެވެ. ވިޔަފާރިއަށް ގެއްލުން ކުޑަކުރުމަށް ކަމުގައި ވީނަމަވެސް، އާދައިގެ ނިކަމެތި ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވާނެގޮތަކަށް ކަންކަން ކުރުމަކީ އަމިއްލަ އެދުން ބޮޑުވުމާއި، ޒިންމާދާރުކަން ކުޑަކަމުގެ އަމަލެއްގަމުގައި މެނުވީނުވާނެއެވެ.

Advertisement

ކޮމެންޓް