ޓީއެމްއޭގެ ހިއްސާދާރުކަމަށްވާ ބެއިން ކެޕިޓަލުން ވާރޖިން އޮސްޓްރޭލިޔާ ގަނެފި

27 Jun 2020 | 20:03

ދިވެހިރާއްޖެ އަދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމުގައިވާ ޓީއެމްއޭގެ މައި ހިއްސާދާރުކަމަށްވާ ބެއިން ކެޕިޓަލުން، އޮސްޓްރޭލިޔާގައި ހިންގަމުންދާ އެއާލައިނެއްކަމަށްވާ ވާރޖިން އޮސްޓްރޭލިޔާ ގަނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވާރޖިން އޮސްޓްރޭލިޔާއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދަނިކޮށް، މީގެ މަހެއްހާ ދުވަހުގެ ކުރިން އެ އެއާލައިން ވިއްކާލުމަށް ބައިނަލްއަގްވާމީ ވާދަވެރި ބިޑަކަށް ހުޅުވާލިއެވެ. މި ބިޑް ބެއިން ކެޕިޓަލުން ކާމިޔާބުކުރީ އެފަރާތާއި ވާދަކުރި އެމެރިކާގެ ސައިރަސް ކެޕިޓަލް ޕާޓްނާރސް ބިޑުން އަމިއްލައަށް ވަކިވުމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިންވެސް ވާރޖިން އޮސްޓްރޭލިޔާގެ 3.17 ބިލިޔަން ޑޮލަރުގެ ދަރަންޏެއް އޮތެވެ. މިއީ އޮސްޓްރޭލިޔާގައި އުދުހެމުންދާ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ.

މި އެއާލައިންގެ ހިންގުން ބެއިން ކެޕިޓަލްއާއި ހަވާލުކޮށް ނިމޭނެކަމަށް ލަފާކޮށްފައިވަނީ އޯގަސްޓް މަހުގެ ފަހުކޮޅުގައެވެ.

ބެއިން ކެޕިޓަލްގެ ފަރާތުން އާ އެއާލައިނެއް ގަންނަން ނިންމިއިރު، އެކުންފުނިން ބަލަހައްޓަމުންދާ ޓީއެމްއޭގެ މުވައްޒަފުންގެ މުސާރަ ދަށްކޮށް ބައެއް މުވައްޒަފުންގެ ވަޒީފާވެސް ވަނީ ގެއްލިގެން ގޮސްފައެވެ.

Advertisement

ކޮމެންޓް