Advertisement

ރޭޕް ފަދަ އަނިޔާވެރި އަމަލުތައް ހިންގާ މީހުން މުޖުތަމައުއަށް ދޫކޮށްލެވިފައި ހުރެގެން ނުވާނެ: ޕީޕީއެމް-ޕީއެންސީ

27 Jun 2020 | 21:21

ރޭޕް ފަދަ އަނިޔާވެރި އަމަލުތައް ހިންގާ މީހުން މުޖުތަމައުއަށް ދޫކޮށްލެވިފައި ހުރެގެން ނުވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ދެ ފިރިހެނަކުވެގެން ރޭޕް ކުރި ކުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށާއި، އަދި އަނިޔާލިބުނު ފަރާތަށް އަވަސް ޝިފާއަކަށް އެދޭކަމަށެވެ. އެ ކޯލިޝަނުން ބުނީ ކުށުގެ ވެށިން މިދެމީހުން ހައްޔަރުކޮށް، ތަޙުޤީޤުގެ މުއްދަތަށް އެމީހުން ހައްޔަރުކޮށް، ބަންދުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތްކަމަށްބުނެ ފުލުހުންގެ އިދާރާއިން އެދެމީހުން ދޫކޮށްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރޭޕް ކުރުންފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަކީ އެންމެ ނުބައި މުޖުރިމުން ކަމުގައި ވީހިނދު، އަދި ޤާނޫނުލް ޢުޤޫބާތުގައި އެފަދަ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު އެފަރާތްތަކަށް ދޭންޖެހޭނެކަމަށެވެ. އަދި މިކަމުގައި ވަކި ޢާއިލާއަކަށް ނުވަތަ މަޤާމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި، ޤާނޫނު ތަންފީޒު ކުރެވެންޖެހޭނެކަމަށް ވަނީ ބުނެފައެވެ. ޕީޕީއެމް-ޕީއެންސީން ވަނީ މިފަދަ ލާއިންސާނީ، އަނިޔާވެރި ޢަމަލު ހިންގާ މީހުންނަކީ އެއްގޮތަކަށްވެސް މުޖްތަމަޢުގެ ތެރެއަށް ދޫކުރެވިފައި ތިބެގެންވާނެ ބައެއް ނޫންކަމަށް ބުނެފައެވެ.

އެ ކޯލިޝަނުން އިތުރަށް ބުނީ ފަހަކަށް އައިސް ރާއްޖޭގައި ރޭޕްގެ ޝިކާރައަކަށްވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަކީ މިކޯލިޝަނުން އެކަމާ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކުން، އެގޮތުން ސަރުކާރާއި ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ދާއިރާއާއި ޙައްޤުތައް ހިމާޔަތްކުރާ މުއައްސަސާތަކުންވެސް ފުރިހަމަ ޒިންމާ އަދާކޮށްގެން ކަމުގައި ދެކޭކަމަށެވެ. ރާއްޖެއައިސް އުޅޭ ފަތުރުވެރިންނަށް މިފަދަ ލާއިންސާނީ ޢަމަލު ހިންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެއްކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އަދި ރޭޕްގެ ސަބަބުން ލިބޭ ޖިސްމާނީ، ނަފްސާނީ ގެއްލުމަކީ އެތައް އަހަރަކަށް ދެމިގެންދާ ގެއްލުންތަކެއްކަމުން، ރާއްޖޭގައި ނިރުބަޔާފަދަ ކޭސްއެއް ތިލަވުމުގެ ކުރިން މިކަމަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ވަނީ ބުނެފައެވެ.

"އެހެންކަމުން، އެއްވެސް ތަފާތު ކުރުމެއް އޮޅުވާލުމެއްނެތި، ޖިންސީ ގޯނާލިބުނު ފަރާތުގެ ޙައްޤުތައް ޙިމާޔަތްކޮށްދީ އިންސާފު ހޯދައިދިނުމަށާއި، މިކަންކުރިބަޔަކަށް ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މިކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާއަށާއި ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ. އަދި މި އަނިޔާވެރި ޢަމަލު ހިންގާފައިވާ ފަރާތްތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށްވެސް ގޮވާލަމެވެ"، ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް