ޖިންސީ ކުށްތަކުގެ ގާނޫނަށް މެންބަރު މީކާއިލް އިސްލާހެއް ހުށައަޅުއްްވައިފި

28 Jun 2020 | 21:03

ޖިންސީ ކުށްތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އިސްލާހެއް ހުށައަޅުއްްވައިފިއެވެ.

މި އިސްލާހު ހުށައަޅުއްވަމުން މީކާއިލް ވިދާޅުވީ ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ނ،ރ އަދި ބ މިހާރު އޮތްގޮތުން ކުށުގެ ޝިކާރައަކަށްވާ ފަރާތްތައް ކުށް ރިޕޯޓްކުރުމަށް ޖެހިލުންވެ، ޖިންސީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ފަސޭހަކަމާއި އެކު މުޖުތަމައުއަށް ދޫވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އެބޭފުޅާ ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ނ،ރ އަދި ބ އުނިކުރުމަށް ހުށައަޅުއްވާފައެވެ.

އެ ގާނޫނުގެ 53 ވަނަ މާއްދާގައި ވަނީ ކުށުގެ ޝިކާރައަކަށްވީ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކިތައް ހިމަނާފައެވެ. އެގޮތުން މެންބަރު މީކާއިލް ފާހަގަކުރެއްވި އަކުރުތަކުގައި ބުނެފައިވަނީ:

(ނ) ކުށުގެ ށިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހްލާގާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭފަދަ ހާލަތެއް ކޯޓަށް ފާހަގަވުން.

(ރ) ކުށުގެ ށިކާރައަށްވީ ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ގަބޫލުކުރެވުން.

(ބ) ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ށިކާރައަށްވީ ފަރާތާ ދެމެދުއޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުން، މިއެވެ.

މި މާއްދާ މިހެން އޮތުމުން ވިކްޓިމައިޒޭޝަންގެ ފުރުސަތު ބޮޑުކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް

Advertisement