މި ދުވަސްވަރު ޚާއްސަ ފްލައިޓްތައް ބޭއްވުން: މިއީ ފަސޭހަ ކަމެއްބާ؟

30 Jun 2020 | 12:49

ކޮވިޑް-19 ގެ ބަލިމަޑުކަމުން ދުނިޔޭގައި ފެތުރެން ފެށުމާއި އެކު ދުނިޔޭގެ ގިނަ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރި މައިގަނޑު ކަމަކީ ބޯޑަރުތައް ބަންދުކުރުމެވެ. މިކަމުގައި ކުޑަ ގައުމެއް ބޮޑު ގައުމެއް ވަކިން ފާހަގަކުރެވެން ނެތެވެ. ހުރިހާ ގައުމުތަކުންވެސް މިކަން ކުރި ސަބަބަކީ އިންސާނުންގެ ހަށިގަނޑުތައް ކެރިއަރުންގެ ގޮތުގައި ބޭނުންކޮށްގެން ގައުމުތަކުގެ އިންތައް ފަހަނަ އަަޅައި ދަތުރުކުރުން ހުއްޓުވުމެވެ. އެގައުމާއި ދުނިޔޭގައިވެސް ބަލި ފެތުރުން ހުއްޓުވެން އޮތްގޮތަކުން ހުއްޓުވުމެވެ.

ބޯޑަރުތައް ބަންދުކުރުމާއި، މީސްތަކުން އަމިއްލައަށް ދަތުރުކުރުން ހުއްޓާލުމުގެ ސަބަބުން އެއާލައިންތަކަށް ވަމުންދިޔަ ގެއްލުންތައް ކުޑަކުރުމަށް އެއާާލައިންތަކުންވެސް ދަތުރުތައް ހުއްޓާލިކަން ފާހަގަކޮށްލެވެއެވެ. އެހެނަސް، މިފަދައިން ދަތުރުތައް ހުއްޓާލުމުން ގިނަބަޔަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ. އަނބުރާ ގައުމަށް ނާދެވި "ލޮކްޑައުން" ވެގެންދިޔައެވެ.

މިފަދައިން އެތައް ލައްކަ ބަޔަކު ތާށިވެގެން ދިޔައިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނިފައިވެއެވެ. އެކި ސަބަބުތަކަށްޓަކައި ރާއްޖެއިން ބޭރުގައި ތިބި މި ދިވެހިން ގެނައުމަށް ދިވެހިރާއްޖޭގެ ކަމާއިބެހޭ އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރިކަމަށް އެފަރާތްތަކުން ވިދާޅުވެފައެވެ. ޕަބްލިކް ހެލްތު، ޑިޕްލޮމެސީ ނުވަތަ އޭވިއޭޝަން ދާއިރާ ދެނެވަޑައިގަންނަވާ ފަރާތެއްނަމަ ގައުމަކުން މީހެއް ގެންނަން ޚާއްސަ ފްލައިޓެއް ބޭއްވުމަކީ، ފަސޭހަކަމެއް ނޫންކަން އެނގިވަޑައިގަންނަވާނެއެވެ.

އެގޮތުން މިފަދައިން ފްލައިޓެއް ބާއްވާ ކޮންމެ ފަހަރަކު ދެގައުމުގެ ކަމާއިގުޅޭ އިދާރާތަކާއި މެދު އެތަކެއް ވާހަކަތައް ދެކެވެއެވެ. އެތަކެއް ލިޔެކިޔުންތަކެއް ބަދަލުކުރެވެއެވެ. މި ދުވަސްވަރު މިފަދައިން ފްލައިޓެއް ބާއްވާ ކޮންމެ ފަހަރަކީ ދެގައުމުގެވެސް އެއާޕޯޓްގައި މަސައްކަތްކުރާ މީހުން ނުރައްކަލަކަށް ހުށައެޅިދާނެ ފަހަރެކެވެ. އެހެންކަމުން އާންމު ގޮތެއްގައި މިފަދަ ފްލައިޓްތައް ބާއްވަނީ އިނގިރޭސި ބަހުން ދަންނަވާނަމަ "ޓިޓް-ފޯރ-ޓެޓް" އުސޫލުންނެވެ.

މިސާލަކަށް ދަންނަވާނަމަ ދާދިފަހުން ސްރީލަންކަން އެއާާލައިންސް މެދުވެރިކޮށް، ކޮލަމްބޯއާއި މާލެއާއި ދެމެދު ބޭއްވި ފްލައިޓް ނަގަމާތޯއެވެ. އެ ފްލައިޓްގައި އަންނަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލިއެވެ. 37 ސީޓް ހުސްކޮށް ވިޔަސް އެ ފްލައިޓް ރާއްޖެ އައެވެ. އައުމަށްފަހު އެނބުރި ދިޔައީ ދިވެހިރާއްޖޭގައި ތިބި ސްރީލަންކާގެ ބަޔަކު ގޮވައިގެންނެވެ. އެއީ މަތީގައި މިދެންނެވި ޓިޓް-ފޯރ-ޓެޓް އުސޫލެވެ. މި ނޫންވެސް ގޮތަކުން ދެގައުމަށް ފައިދާވާނެފަދަ ގޮތަކަށް ރިޕެޓްރިއޭޝަން ފްލައިޓްތައް ބޭއްވުމަކީ ދުނިޔޭގެ ގައުމުތަކުން އަމަލުކުރާ އުސޫލެކެވެ.

މެލޭޝިޔާ، އިންޑިޔާ އަދި ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށް މިފަދަ ފްލައިޓްތަކެއް ބާއްވާފައި ވަނިކޮށް، އަނެއްކާވެސް އިތުރު ފްލައިޓްތަކެއް ބާއްވައިދޭން ރިކުއެސްޓްތައް އަންނަކަމަށް އެނގިފައިވެއެވެ. މި ހާލަތުގައި ޚާއްސަ ފްލައިޓްތައް ބޭއްވުމަކީ ދަތިކަމަކަށް ވާހިނދު، ލިބޭ ފުރުސަތުގެ ބޭނުން ހިފައި ކޮންމެހެން އަންނަންޖެހޭ ފަރާތްތައް އައުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. ބައިނަލްއަގްވާމީ ސިއްހީ މާހިރުން އަދިވެސް އިރުޝާދު ދެމުން ދަނީ ވީހާވެސް ދަތުރުފަތުރުކުރުން މަޑުޖައްސާލުމަށެވެ. ނަމަވެސް ޚާއްސަ ފްލައިޓްތައް ނުބާއްވައިގެން ބައެއް ފަރާތްތަކުން މައްސަލަ ޖައްސަމުންދާކަން އެނގިފައިވެއެވެ.

މީގެ އިތުރުން، ޚާއްސަ ހުއްދައެއްގެ ދަށުން އާސަންދަ މެދުވެެރިކޮށް އިންޑިޔާއަށް ބާއްވާ ފްލައިޓާއި މެދު އެޗްއާރްސީއެމްއަށް މައްސަލައެއް ހުށައެޅުނުކަން ވޮއިސްއަށް ވަނީ އެނގިފައެވެ. އިތުބާރުހުރި މަސްދަރަކުން ބުނިގޮތުގައި، އެ ކޮމިޝަނަށް މައްސަލަ ވައްދާފައިވަނީ ފްލައިޓް ބޭއްވުން ލަސްވާކަމަށް ބުނެއެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން މިހާރު ބަލަމުންދާކަމަށްވެސް ވެއެވެ. އެގޮތުން މި މައްސަލައިގައި ފޮރިން މިނިސްޓްރީއާއި ސުވާލު ކުރިކަން އެނގިފައިވެއެވެ.  

އެނގިވަޑައިގަންނަވާނެ ފަދައިން، ބޯޑަރުތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި ބަލިމީހުން ގޮވައިގެން ފްލައިޓެއް ދަތުރުކުރަން ފުރުސަތު ލިބޭނީ ގިނަގުނަ މަސައްކަތްތަކުންނެވެ. މިފަދަ ހާލަތެއްގައިވެސް އަދި އެހެނިހެން ހާލަތްތަކުގައިވެސް ފްލައިޓްތަކުން މީހުން ދަތުރުކުރިޔަސް، ވިސާ ލިބޭނެ ފަރާތްތައް ކަނޑައަޅާނީ އެގައުމަކުންނެވެ. އެކަމުގައި އެހެން ފަރާތަކަށް ކުރެވޭނެ މާބޮޑު ކަމެއް އަދި ބުނެވޭނެ މާބޮޑު ބަހެއްވެސް ނޯންނާނެއެވެ. ހަގީގަތުގައި ދަންނަވާނަމަ މި ދުވަސްވަރު ވިސާއަކީ "ރައިޓެއް" ނޫނެވެ. އެއީ "ޕްރިވިލެޖް" އެކެވެ. އެހެންކަމުން މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި ސުވާލުކުރުމުގެ މަގްސަދަކީ ކޮބައިތޯ ސުވާލު އުފެދެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި މިވާ ދަނޑިވަޅުގައި ޚާއްސަ ފްލައިޓެއް ބޭއްވުމަކީ ދަތިކަމެކެވެ. އެކަންވުމުން، އެކަމާއި މެދު އުފާކުރަން ޖެހެއެެވެ. ނަމަވެސް އެ ލިބޭ ފުރުސަތުގައި ކަންތައްތައް ހިނގާ އޮނިގަނޑަށް އިހުތިރާމްކުރުމަކީވެސް ކުރެވެން އޮތްކަމެއް ނޫންތޯއެވެ؟

Advertisement

ކޮމެންޓް

Advertisement