މާދަމާއިން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ!

30 Jun 2020 | 14:11

މާދަމާއިން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 14 ޖޫން ވީ ދުވަހުގެ އާދިއްތަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއް ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ. ނަމަވެސް އެއީ ޖަމާއަތުގައި ނަމާދުކުރާ ގޮތަކަށް ނޫނެވެ.

މިގޮތުން މިސްކިތްތައް ހުޅުވާލިއިރު، ހުޅުވާލެވޭ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، މިސްކިތްތަކުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހުރުމާއި އަދި އެއަރކޯން ބޭނުން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އެންގިއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ މިސްކިތަށްދާ ފަރާތްތަކުން އަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް ދީފައެވެ. އޭގެ ތެރޭގައި ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން، މުސައްލައަކާއި މާސްކެއް ގެންދިއުން، މިސްކިތަށް ވަދެ ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން، މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުން، ރޯގާ ޖެހި ކެއްސާ ހުން އައިސްފައިވާނަމަ މިސްކިތަށް ނުދިއުން އަދި ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރުން ފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement