ބަލިޖެހުމުން ލިބޭ ރައްކާތެރިކަން މަސްތަކެއް ވަންދެން ހުންނާނެކަމަށް ބެލެވޭ: ޑރ.އަފްޒަލް

01 Jul 2020 | 12:40

ކޮވިޑް-19 ބަލިޖެހުމުން ލިބޭ ރައްކާތެރިކަން މަސްތަކެއް ވަންދެން ދެމިހުންނާނެކަމަށް ލަފާކުރެވޭކަމަށް އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ރޭ އޮތް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޑރ.އަފްޒަލް ވިދާޅުވީ ހުށައެޅޭ ވައިރަސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދިފާއީ ބާރު ވަރަށް ގިނަ ދުވަސް ވަންދެން ހުންނާނެކަމަށެވެ. އެހެން ނަމަވެސް، މިކަހަލަ ވައިރަސްތަކަކީ ވަރަށް ފަސޭހައިން ކުދިކުދި ބަދަލުތައް އައުމުގެ ސަބަބުން ހަށިގަނޑަށް އަނެއްކާވެސް އެ ވައިރަސް ދެނެގަތުމަށް އުނދަގޫތަކެއްވެ، އާ ވައިރަހެއް ގޮތަށް ދެނެގަނެގެން ދިފާއީ ނިޒާމް އަނެއްކާވެސް ބިނާކުރަން ޖެހޭ ފަދަ ކަންތައްތަކެއް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 

އެބޭފުޅާ ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، މަދުވެގެން ހަތް މަސް ދުވަސް ނުވަތަ އަހަރެއް ވަންދެން ބަލި ޖެހުމަށްފަހު ލިބޭ ރައްކާތެރިކަން ހުންނާނެއެވެ. ނަމަވެސް އެއީ އެހާ ޔަގީން ނުވާނެ، އަދި ސައިންޓިފިކް ކޮމިއުނިޓީގައިވެސް ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުންދާ މައުލޫމާތެއްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"ސައިންޓިފިކް ކޮމިއުނިޓީގައިވެސް އެއީ ހަމަ ވަރަށް ފްލަކްޗުއޭޓިންގ އެކި ތަފާތު ޚިޔާލުތައް އެކަމުގަ އުޅޭ. އެހެންވީމަ އަޅުގަނޑުމެން ޑަބްލިޔުއެޗްއޯ އަދި ފަދަ ސީޑީސީ ފަދަ މުއައްސަސާތަކުންވެސް މި ބަލަމުން މިދަނީ ތަންކޮޅެއް ޔަގީންވާކަހަލަ ގޮތަކަށް އެ މައުލޫމާތުތައް ލިބޭތޯ"، ޑރ.އަފްޒަލް ވިދާޅުވިއެވެ.

ނަމަވެސް މިފަދަ ކަންކަމުގައި އަވަހަށް ޔަގީންވާ ގޮތަށް މައުލޫމާތުދޭން ދަތިވާނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮވިޑް-19ގައިވެސް ބަލިޖެހުމަށްފަހު ލިބޭ ރައްކާތެރިކަން މަދުވެގެން ހަމަސް ދުވަސް ނުވަތަ ހަތް މަސް ދުވަސް ވަންދެން ހުންނާނެކަމަށް ލަފާކުރެވޭކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަދި ބަލި ޖެހުމަށްފަހު ރަނގަޅުވާ ފަރާތްތައް ފޮލޯއަޕް ކުރުމުގެ ޚިޔާލެއް އަދިނެތްކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް