ފުރަބަންދަށް ލުއިދިނުމުގެ ތިންވަނަ މަރުހަލާއަށް ތައްޔާރުތަ؟

01 Jul 2020 | 13:48

މާލޭ ސިޓީގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން ކަށަވަރުވުމާއި ގުޅިގެން ސިއްހީ މާހިރުންގެ އިރުޝާދާއި އެކު ކަމާއިބެހޭ ފަރާތްތަކުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ މާލެ ސިޓީ ލޮކްޑައުން ނުވަތަ ފުރަބަންދުގެ ހާލަތަކަށް ގެންދިއުމެވެ. މި ލޮކްޑައުންގައި ސިއްހީ މަސައްކަތްތެރިންނާއި، އެކި އިދާރާތަކުގެ މުވައްޒަފުންނާއި އާންމު ފަރުދުންގެ ހިތްވަރާއި ހިންމަތުން ދިވެހިރާއްޖޭގައި ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވުނެވެ. ގުދު ވަރަށް ބޮޑަށް ފަތިކުރެވުނެވެ.

އިސާހިތަކު މާލެ ސިޓީއާއި ރަށްރަށުގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިތައްދޭން ފެށުނެވެ. ކޮވިޑް-19 އާއި އެކު ދިރިއުޅެން ދިވެހިން ނިއު ނޯމަލްއަކަށް މިސްރާބު ޖެހިއެވެ. އެގޮތުން މިއަދު މިފަށަނީ އެފަދައިން، ފުރަބަންދަށް ލުއިދިނުމުގެ ތިންވަނަ މަރުހަލާއެވެ.

މި ލިޔުމުގައި ހިމެނިފައިވަނީ ފުރަބަންދަށް ލުއިދިނުމުގެ ތިންވަނަ މަރުހަލާގައި އަލަށް އަމަލުކުރަން އޮތް ގޮތްތަކުގެ ޚުލާސާއެކެވެ.

އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ޢާންމުކޮށް މަގުތަކުގައި އުޅުމަށް ކަނޑައެޅިފައިވާ ގަޑިއަކީ، ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ރޭގަނޑުގެ 11:00 އާ ދެމެދެވެ. މިގޮތަށް ނުކުމެވޭއިރު، ކުރިއެކޭ އެއްފަދައިން ވަކި ބަޔަކަށް ވަކި ވަގުތެއް ޚާއްސަ ކުރެވިފައެއް ނުވާނެއެވެ. ނަމަވެސް އަދިވެސް އެންމެ ރަނގަޅު ގޮތަކީ ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރުގައި ނޫޅުންކަމަށް ސިއްހީ މާހިރުން އިރުޝާދުދެއްވައެވެ. އަދި ބޭރަށް ނުކުންނަ ނަމަ، އެކަކު އަކެކަކާއި ދެމެދުގައި މަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ބެހެއްޓުމާއި، ރަނގަޅަށް ވައި ދައުރުނުވާ ގޮތަށް ހުންނަ ބަންދު ތަންތަނާއި، ޚިދުމަތް ދޭ އައުޓްލެޓްތަކުގައާއި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކް އެޅުމަށް ސަމާލުކަން ދޭންޖެހެއެވެ.

މީގެ އިތުރުން ގިނަ ގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުމަކީވެސް ކުރަން ޖެހޭނެ ކަމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފުރަބަންދަށް ލުއިދިނުމުގެ ތިންވަނަ މަރުހަލާގައި އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 30 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށެވެ.

މިއަދު ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީ ހެނދުނު 9 އަކުން ރޭގަނޑު 11 އަށް އަދި ޓޭކްއަވޭ ޚިދުމަތް ދިނުން ކުރިއެކޭ ވެސް އެއްފަދައިން ކުރިޔަށް ގެންދެވޭނެއެވެ. ނަމަވެސް އެ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ޚިދުމަތް ހެނދުނު 9 އަކުން ރޭގަނޑު 10 އަކަށް ދިނުމަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން އެތަންތަނަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބަހައްޓަން ޖެހޭއިރު، 3 ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭނެ ގޮތަކަށް މީހުންނަށް ތިބެވޭގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެއެވެ.

ކެފޭ، ސައިހޮޓާ އަދި ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދާ ފަރާތްތައް ތިބެންޖެހޭނީ މާސްކް އަޅައިގެންނެވެ.

މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޚާއްސަ ފިޔަވަޅުތަކާއި އެކު، ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9-12) ގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވައިލެވޭނެއެވެ. މިގޮތަށް ހުޅުވާލެވޭއިރު ކޮންމެ ސެޝަނެއް ކުރިޔަށް ގެންދެވޭނީ 4 ގަޑިއިރެވެ. އަދި ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވަންޖެހޭނީ ހަފްތާއަކު 4 ދުވަހެވެ. މި ކީ ސްޓޭޖްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވި ކަމުގައިވިޔަސް ޓެލިކްލާހާއި، އޮންލައިން ގޫގްލް ކްލާސް ވެސް ކުރިއަށްގެންދާނެއެވެ.

ސްކޫލްތަކުގައި ދަރިވަރުންނާއި އެންމެހާ މުވައްޒަފުންވެސް މާސްކް އަޅަންޖެހޭނެއިރު، ސްކޫލަށް ވަންނަން ހުންނަ ޕޮއިންޓްތަކުގައި ޓެމްޕަރޭޗަރ ބަލައި ސްކްރީންކުރުން އޮންނާނެއެވެ. ފުރަބަންދަށް ލުއިދިނުމުގެ ތިންވަނަ ފިޔަވަހީގައި ސްކޫލްތައް ހުޅުވާލިޔަސް،އެސެމްބްލީތަކާއި، އިތުރު ޙަރަކާތްތައް ހިންގުން މަނާވާނެއެވެ. އަދި މަދުވެގެން އެކަކު އަނެކަކާ ދެމެދުގައި 3 ފޫޓުގެ ގައިދުރުމިން ބަހައްޓަންވާނެއެވެ. ސްކޫލްގައި އަތް ދޮވެވޭނެ ނުވަތަ ސެނިޓައިޒް ކުރެވޭނެ އިންތިޒާމް ހުންނަންވާއިރު، ކޮންމެ ސެޝަންއެއް ނިންމާލުމަށްފަހު ޤަވައިދުން ކްލާސްރޫމްތައް ޑިސްއިންފެކްޓްކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚާއްސަ އުސޫލުތަކެއްގެ ދަށުން ބޯކޮށާ ތަންތަނާއި، ސެލޫން އަދި ސްޕާތައް ހުޅުވައިލެވޭނެއެވެ. އަދި ޓީމް ސްޕޯޓްސްތައް ކުޅުމަށާއި، ޖިމްތައް ހިންގުމުގެ ފުރުސަތުވެސް ލިބިދެވޭނެއެވެ.

ފުރަބަންދަށް ލުއިދިން ނަމަވެސް، އެއީ މުޅި ބަލިން ސަލާމަތްވުންކަމަށް ހިތަށް އެރުވުމަކީ ކުށެކެވެ. އެހެންކަމުން ވީހާވެސް ބޮޑަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަކީ މުހިންމު ކަމެކެވެ. އެހެނީ، ރައްކާވެ ތިބިއްޔާ ދަތުރެވެ. ވޮއިސްގެ ޓީމްގެ ފަރާތުން ހުރިހާ ކިޔުންތެރިންނަށް އަމާން ދުވަސްތަކަކަށް އެދެމެވެ! 

Advertisement

ކޮމެންޓް