މާލޭގައި ޖަމާއަތުގައި ނަމާދުކުރާނީ ގައިދުރުނުކޮށް: އިސްލާމިކް މިނިސްޓްރީ

01 Jul 2020 | 14:41

މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭއިރު، އެކަން ކުރާނީ މީހުންގެ ދެމެދުގައި ޖާގަ ނުބަހައްޓާކަމަށް ބުނެފިއެވެ.

ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލާއިރު، ޖަމާއަތުގައި މީހުން ތިބޭއިރު މީހުންގެ ދެމެދުގައި ޖާގަ ނުބަހައްޓާނެކަމަށެވެ. ނަމަވެސް އިއްޔެ އާންމުކުރެވުނު ގައިޑްލައިންގައިވާ ފަދައިން، ފުރަތަމަ ސަފުން ފެށިގެން ފުރަމުން ދިއުމަށް އެބޭފުޅާ އެދިލެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ ބައެއް އެހެނިހެން މުސްލިމް ގައުމުތަކާއި ޖަމާއަތްތަކުން ވަނީ މި ހާލަތުގައި ޖަމާއަތުގައި ނަމާދުކުރާއިރު، މީހުންގެ ދެމެދުގައި ހުސްޖާގަ ބޭއްވުމާއި މެދު އިއުތިރާޒެއް ނެތްކަމަށް ބުނެފައެވެ.

ޑެޕިއުޓީ މިނިސްޓަރ ޝާފިއު އިތުރަށް ވިދާޅުވީ އުމުރުން ދުވަސްވީ ފަރާތްތަކާއި ބަލިމީހުން ގޭގައި ނަމާދުކުރުމަށް އިރުޝާދު ދެވިފައިވާނެކަމަށާއި، މިނިސްޓްރީގެ އެންގުންތަކަށް އަމަލުކުރަމަށް އެދިވަޑައިގަންވާކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި ސާކިއުލަރއެއްގައިވާ ގޮތުގައި ޖުލައި 1 ވާ ބުދަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން ރަނގަޅުކަމަށް ފެންނަ ކަމަށެވެ. މިގޮތުން މިސްކިތްތައް ހުޅުވާލާއިރު، މާލޭ ސިޓީ ކައުންސިލުން ބައެއް ކަންތައްތަކަށް ސަމާލުކަން ދޭން ވަނީ އެދިފައެވެ.

އެގޮތުން ހުޅުވާލެވޭ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، މިސްކިތްތަކުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހުރުމާއި އަދި އެއަރކޯން ބޭނުން ނުކުރުން ހިމެނެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ މިސްކިތަށްދާ ފަރާތްތަކުން އަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް ދީފައެވެ. އޭގެ ތެރޭގައި ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން، މުސައްލައަކާއި މާސްކެއް ގެންދިއުން، މިސްކިތަށް ވަދެ ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން، މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުން، ރޯގާ ޖެހި ކެއްސާ ހުން އައިސްފައިވާނަމަ މިސްކިތަށް ނުދިއުން އަދި ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރުން ފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ.

މިފަދައިން ޖަމާއަތުގައި ނަމާދުކުރާއިރު، ބަންގިއަށްފަހު 5 މިނެޓަށްފަހު ގަމަތްދީ ނަމާދު ފެށުމަށާއި އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގުނުކުރަން ވަނީ އެދިފައެވެ. އަދި ހުރިހާ ނަމާދެއްގައިވެސް ޟުހާ ސޫރަތަށްވުރެ ދަށުން ކިޔަވަން އިމާމުންގެ ކިބައިން އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement