މީޑިއާއަށް މައުލޫމާތު ހޯދުމަށް ގުޅުމުން ސަރުކާރު ފްލެޓް ކޮމިޓީ މެންބަރު ފޯނު ކަނޑާލައިފި

02 Jul 2020 | 18:12

ހިޔާ ފްލެޓާއި ގުޅިގެން ގިނަ ރައްޔިތުންތަކެއްގެ ސުވާލުތަކެއް ފެންމަތިވެ، އެސުވާލުތަކަށް ޖަވާބު ހޯދުމަށް ރައީސް ޞާލިހް އުފައްދަވާފައިވާ ފްލެޓް ކޮމިޓީ މެންބަރު އދ. މާމިގިލި އަލްއުސްތާޛު ތޯހާ މުހައްމަދު އަށް ގުޅާލުމުން ފޯނު ނެގުމަށްފަހު މައުލޫމާތު ހޯދުމަށް ވޮއިސްއިން ސުވާލުކުރުމުން ފޯނު ކަނޑާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފްލެޓް ކޮމިޓީ އެކުލަވާލައްވާފައި ވަނީ "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި 31 ޑިސެންބަރު 2019 ވަނަ ދުވަހުއެވެ.

ހިޔާ ފްލެޓާއި ބެހޭގޮތުން މިހާތަނަށް ވެސް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މައުލޫމާތު ހާމަކުރުމުގައި ލަސްތަކެއް ހުރުމުން އެކަންވަނީ ރައީސް ޞާލިހް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މި ނޫހުން ފާހަގަކޮށް ސުވާލުކޮށްފައެވެ.

ހިޔާ މަޝްޢޫއުގެ ތެރޭގައި މިހާރު އިމާރާތްކޮށް ނިމިފައިވާ 7000 ފްލެޓްގެ އިތުރުންވެސް އެތައް ސެގްމަންޓެއް ހިމެނެއެވެ. އޭގެ ތެރޭގައި އަލަތު ކައިވެނި، މާލެ ރަށްވެހިން، ނުކުޅެދޭ މީހުންގެ، އެއް ކޮޓަރިއާއި ތިން ކޮޓަރީގެ ފްލެޓްތައް ހިމެނެއެވެ. ނަމަވެސް މިހާތަނަށްވެސް 7000 ފްލެޓްގެ އިތުރުން މިއިން އެއްވެސް ސެގްމަންޓެއްގެ ވާހަކައެއް ސަރުކާރުން ހާމަކުރައްވާފައިނުވެއެވެ.

މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ގެންދެވި ކޮމިޓީ މެންބަރު ތޯހާ އަށް މިކަންކަންމާ ބެހޭގޮތުން ކޮމިޓީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ތޯހާ ފޯނު ނެގުމަށްފަހު ކަނޑާލުމުން ވަނީ ނާކާމިޔާބުވެފައެވެ. ތަކުރާރުކޮށް ގުޅާލުމުންވެސް ތޯހާ ފޯނަށް ޖަވާބު ދެއްވާފައެއްނުވެއެވެ. ފްލެޓް ލިސްޓްގައި ތިބި ފަރާތްތަކުގެ ހާލަތު ބެލުމަށް ފަށާ ތާރީހަކާއި، ފްލެޓް ގެ ފަހުގެ ލިސްޓާއި ބެހޭ ތަފްސީލެއްވެސް ލިބިފައިނުވެއެވެ.

ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބިފައިވާ ގިނަ ފަރާތްތަކެއް ހިމެނޭގޮތައް މިހާރު ވަނީ މި މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ވައިބާ ކޮމިއުނިޓީއެއް އުފައްދާފައެވެ. "ކޮތަރުކޮށި" ނަމަކަށް ކިޔާ މި ގްރޫޕް މެދުވެރިކޮށް ގިނަ ރައްޔިތުންތަކެއްގެ ސުވާލާއި ކަންބޮޑުވުންތައް ދަނީ ހިއްސާކުރަމުންނެވެ. އެހެންކަމުން "ވޮއިސް" މެދުވެރިކޮށް ކަމާ ބެހޭ ފަރާތްތަކުން މި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމަށް މިއަންނަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

ކޮމެންޓް